އައްޑޫ ސިޓީގެ ގިނަ ގެސްޓް ހައުސްތައް ހުޅުވާލެވޭނީ އަންނަ މަހުކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.
ކައުންސިލްގެ މެމްބަރ ޢަލީ ފަހްމީ އަޙްމަދު ވިދާޅުވީ އައްޑޫގައި މިހާރު ހުޅުވާލައިފައި ހަމަ އެކަނި ސިޓީ ހޮޓާކަމުގައިވާ އައްޑޫ އީކުއޭޓަރ ވިލެޖުކަމަށެވެ. އެތަނުގެ ޚިދުމަތްވެސް އަލުން ފެށީ މިމަހު ފަނަރައިގައެވެ. ގެސްޓް ހައުސްތައް ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް އަޑޫގައި ވެސް ވަމުންދާކަމަށް ސިޓީ ކައުން ސިލުން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިހާރު ހުރީ 200 ޓޫރިސްޓް އެނދެވެ. ވަރަށް ފަހުންވެސް ވަނީ އައްޑޫ ސިޓީން ޓޫރިޒަމް ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދިނުމަށް އިޢްލާންކޮށްފައެވެ.
މިބުރުގައި ދޫކުރުމަށް ނިންމައިފައިވާ ބިން ތަކުގެ ތެރޭގައި ހިތަދޫގެ ޓޫރިޒަމް ޒޯނުން 30 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުދޫން 25 ބިން ދޫކުރަން ނިންމާފައިވާއިރު މީދޫން 16 ބިން ދޫކުރުމަށް ވަނީ ނިންމައިފައެވެ. ފޭދޫން 24 ބިން ދޫކުރަން ވަނީ ހަމަޖައްސަވައިފައެވެ. މީގެ އިތުރުން މަރަދޫން 60 އެނދުގެ ސިޓީ ހޮޓަލަކަށް އެއް ބިން ދުކުރުމަށް ވަނީ ހަމޖައްސައިފައެވެ.
އައްޑޫގެ ޓޫރިސްޓް އެނދު އަށް ހާހަށް އިތުރު ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.