ފްރާންސްގައި ދަރިވަރުންނަށް ރަސޫލާގެ ކާޓޫނު ދެއްކި މުދައްރިސެއްގެ ކަރު ބުރިކޮށްލައިފި

ފްރާންސުގައި އޭނާ ކިޔަވައިދޭ ދަރިވަރުންނަށް ކީރިތި ރަސޫލު صلى الله عليه وسلم ގެ ކާޓޫނު ދާދި ފަހުން ދެއްކި ތާރީޚު ކިޔަވައިދޭ މުދައްރިސެއްގެ ކަރު ބުރިކޮށް މަރާލައިފިއެވެ. މި ހަމަލާދީފައި ވަނީ އިއްޔެގެ ވަގުތެއްގައި ވެރިރަށް ޕެރިސް ކައިރީގައެވެ. ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ ހަވީރު 5 ޖެހިއިރު (ރާއްޖޭ ގަޑިން ރޭގަނޑު 8 ޖެހިއިރު) ކޮންފްލާން ސާން އޮނޮރީން އަވަށުގައި ހަމަލާދީފައި ވަނީ އޭނާ ކިޔަވައިދޭ މަދަރުސާއާ މާ ދުރުނޫން ހިސާބެއްގެ މަގުމަތިންނެވެ.

ޝަރުއީ ދާއިރާގެ މަސްދަރަކާ ހަވާލާދީ އޭއެފްޕީން ބުނި ގޮތުގައި މި ހަމަލާއާ ގުޅިގެން އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުންވެސް ވަނީ "ޓެރަރިސް އަމަލަކާ ގުޅުން ހުރި ޖަރީމާއެއް" ހިންގުމާއި "ޖަރީމާ ހިންގާ ޓެރަރިސްޓު ޖަމާއަތެއް" އުފެއްދުގެ މައްސަލައެއް ތަހުގީގުކުރަމުން ދާކަން ކަށަވަރުކޮށްދީފައެވެ.

ރައީސި އިމާނުއެލް މެކްރޯން ވަނީ މި ހަމަލާއާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. އަދި ހަމަލާދިން ސަރަހައްދަށް މިއަދުގެ ވަގުތެއްގައި އޭނާ ވަޑައިގަންނަވާނެއެވެ. މިހާރު މޮރޮކޯ (މަޣްރިބު) އަށް ވަޑައިގެން އުޅުއްވާ ފްރާންސުގެ ދާޚިލީ ވަޒީރުވެސް ވަނީ ދަތުފުޅު ކުރުކުރައްވާފައި ގައުމަށް އެނބުރި ވަޑައިގަންނަވަން ނިންމަވާފައެވެ.

ގާނޫނުހަދާ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ މުދައްރިސު ހަނދާނުގައި ސުކޫތެއް ގެނެސް އެ "ހުތުރުކަން ބޮޑު ޖަރީމާ" ކުށްވެރިކުރައްވާފައެވެ.

ވަޅި ހިފައިގެން މަގުމަތީގައި މީހަކު އުޅޭ ކަމުގެ މައުލޫމާތު ކޮންފްލާން ސާން އޮނޮރީންގެ ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ފުލުހުން ދިޔައިރު މުދައްރިސު މީހާގެ ކަރު އޮތީ ބުރިކޮށްލާފައެވެ. އަދި އެ ސަރަހައްދުގައި ހުރީ އީރާނު މީހުންގެ ފިހާރައެއް ކައިރިން ވަޅި ހިފައިގެން ހުރި މީހަކު ފެނިގެން އޭނާ ހައްޔަރުކުރަން އުޅުމުން އޭނާ ވަނީ ފުލުހުންނަށް ބިރުދައްކާފައެވެ. އަދި ފުލުހުން ވަނީ ފަހުން ބަޑި ޖަހައި އޭނާ މަރާލާފައެވެ.

ޕާކިސްތާނަށް ނިސްބަތްވާ ޒުވާނަަކު ވަނީ ރަސޫލު صلى الله عليه وسلم ގެ ކާޓޫނު ޝާއިއުކުރި ފަރަންސޭސީ މަޖައްލާ 'ޝަޣްލީ އެބްދޯ' ގެ އޮފީސް ކައިރީގައި މީގެ ތިން ހަފުތާ ކުރިން ދިން ހަމަލާއެއްގައި ދެ މީހަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ.

އަލްގާއިދާއިން ވެސް ވަނީ އެ ނޫހަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.