ބައެއް ޚުރާފީ ފިކުރުތައް ބުނާގޮތުން އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީނެކެވެ. އަދި އެބައިމީހުންގެ ފަލްސަފާ ބުނާގޮތުން ސިޔާސަތު ނުވަތަ ޤާނޫނު ހިންގުމުގެ ދާއިރާއާއި އިސްލާމީ ޝަރީޢަތާއި އޮންނަންވާނީ ވަކިވެފައެވެ. ނަމަވެސް މީ ޣައިރު މުސްލިމުން އެމީހުންގެ ފޮރުވިފައިވާ އެޖެންޑާ ފަތުރަން ބޭނުންކުރާ ފަލްސަފާއެކެވެ. އެހެނީ އެމީހުން މީހުންނަށް ވިސްނައިދެނީ އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަންކަމާއި ދުނިޔެވީ ކަންކަމުގައި ޤާނޫނު ހެދުމާއި ހިންގުމާއި އުސޫލު ކަނޑައެޅުމުގެ ދާއިރާގެ ތެރެއަށް އިސްލާމީ ޝާރީއަތް ނުވަންނާނެ ކަމަށެވެ.
ނަމަވެސް ކަންއޮތީ މިހެންނެއް ނޫނެވެ. އިސްލާމީ ޝަރީޢަތަކީ އެހެން ޤާނޫނުތަކާއި ޚިލާފަށް ހުރިހާ ޒަމާންތަކަކަށްވެސް އަދި މަކާނަކަށްވެސް ފެތޭ އެންމެ ފުރިހަމަ ޤާނޫނެވެ.
ދަލީލު ޙަދީސުން
މުޢާޛްބިން ޖަބަލު ޔަމަނުގެ ޤާޟީއަކަށް ޢައްޔަން ކުރެއްވުމަށްޓަކާ ކުރެއްވި ބަސްދީގަތުން:
سَأَلَهُ - صَلَّى اللهُ عَلَيْهِ وَسَلَّمَ: (( بِم َ تَقْضِي يَا مُعَاذُ؟ فَأَجَاَب مُعَاُذ: بِمَا فِي كِتَاب ِ اللهِ. قَالَ - صَلَّى اللهُ عَلَيْهِ وَسَلَّمَ: فَإِنْ لَمْ تَجِدْ؟ قَاَل مُعَاذُ: بِمَا فِي سُنَّة ِ رَسُوْل ِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ- قَالَ عَلَيْهِ السَّلَامُ: فَإِنْ لَمْ تَجِدْ ؟ قَالَ مُعَاذُ: أَجْتَهِدْ رَأْيِيْ . فَقَالَ عَلَيْهِ السَّلَامُ: الْحَمْدُ للهِ الَّذِي وَفَّقَ رَسُوْل َ رَسُوْل ِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ)) - وَهَذَا الْحَدِيْثُ وَإِنْ كَانَ فِي سَنَدِهِ ضَعْفٌ إِلَّا أَنَّ بَعْضَ الْعُلَمَاءِ قَوَّاهُ
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ: އޭ މުޢާޛުއެވެ. ކަލޭގެފާނު މައްސަލަތަކުގައި ޙުކުމް ކުރައްވާނީ ކޮންއެއްޗެއްގެ މައްޗަށް ބަރޯސާވެގެންހެއްޔެވެ؟
މުޢާޛު رضي الله عنه ދެންނެވިއެވެ: ކީރިތި ޤުރްއާނުގައިވާ ގޮތަށެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ: ކީރިތިޤުރްއާނުން ފެނިވަޑައި ނުގެންފިނަމަ ދެން ކޮންއެއްޗެއްގެ މައްޗަށްތޯއެވެ؟
މުޢާޛު رضي الله عنه ދެންނެވިއެވެ: ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައިވާ ގޮތަށެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ: ސުންނަތުން ނުފެނިއްޖެނަމަ ދެން ކޮންއެއްޗެއްގެ މައްޗަށް ތޯއެވެ؟
މުޢާޛު رضي الله عنه ދެންނެވިއެވެ: ތިމަންނާގެ ވިސްނުން ބޭނުން ކުރައްވައިގެން ތިމަންނާގެ އިޖްތިހާދުގެ މައްޗަށެވެ.
އިޖްތިހާދުގެ މާނަ އަކީ ޤުރުއާނާއި ސުންނަތުން ލިބެންނެތް ޝަރުޢީ ޙުކުމެއް ބަޔާންކުރުމަށްޓަކައި "އިޖްތިހާދުގެ ޝަރުތު ފުރިހަމަވާ ޢިލްމުވެރިޔަކު" ވިސްނުމާއި ފިކުރުގެ ބޭނުންކޮށްގެން ގަދައަޅާ މަސައްކަތްކުރުމެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ: ﷲ އަށް ޙަމްދު ކުރައްވަމެވެ. އެއީ ﷲގެ ރަސޫލާގެ ރަސޫލަށް (ކީރިތި ރަސޫލާ ޢައްޔަން ކުރެއްވި ބޭފުޅާއަށް) ތެދުމަގު ދެއްވި ކަމަށްޓަކައެވެ.
މި ޙަދީސުން އެނގިގެންދަނީ ޢިބާދާތު (އަޅުކަމުގެ) ކަންތައްތަކާއި އެއްފަދައިން މުޢާމަލާތު ( ދުނިޔެވީ ކަންތައްތަކުގައި އުސޫލުކަނޑައެޅުމުގައި) ވެސް އިސްލާމްދީނުގެ އަސްލުތަކަށް ރިޢާޔަތް ކުރަންޖެހޭކަމެވެ.
ބުއްދީގެ ދަލީލު
ބުއްދީގެ ދަލީލުތަކަށް ބަލާއިރު އެއްޗެއްގެ އުފެދުމަށް ބަލާލަމާހިނގާށެވެ. އިންސާނަކު އާދަޔާ ޚިލާފު މޮޅު އެއްޗެއް އުފައްދައިފިނަމަ އެ އެއްޗަކާއި ބެހޭގޮތުން އެންމެ ރަނގަޅަށް އިނގޭނީ އެ އުފެއްދި މީހާއަށްކަން އެންމެންވެސް ޤަބޫލުކުރެއެވެ. އަދި އެޔަކާއި އެއްވެސް މީހަކު ދެކޮޅެއްވެސް ނުހަދާނެއެވެ. މި މިސާލުން ދަލީލު ލިބެނީ އިންސާނާއަށް އެންމެ ފައިދާއާއި ލާބަ ލިބިނެވިގޮތަށް އުސޫލުތަށް ކަނޑައަޅަށް އެނގިވޮޑިގެންވާނީ އެ އިންސާނާ އުފެއްވި ފަރާތަށް އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކަމެވެ. ނަމަވެސް ނިކަމެތި އިންސާނުން މި ހަޤީގަތަށް ގޮންޖަހާ ﷲ ޝަރީޢަތުގައި އަންގަވާފައިވާ އުސޫލުތަށް މުގުރާލާ އެބައިމީހުން އަމިއްލަ ސިކުޑިއަށް ފެންނަ ގޮތަކަށް ދުނިޔެވީ ފައިދާއަށްޓަކައި ޤާނޫނުތައް ހެދުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުން އާޚިރުގައި އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގެންދެއެވެ.
ދަލީލު ޤުރުއާނުން
﴿قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالاً (103) الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعاً (104) أُولَئِكَ الَّذِينَ كَفَرُوا بِآَيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْناً (105) ذَلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آَيَاتِي وَرُسُلِي هُزُواً (106)﴾ الكهف. ކަލޭގެފާނު ވިދާޅުވާށެވެ! عمل ތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟
އެއުރެންނަކީ دنيوى حياة ގައި، އެއުރެންގެ عمل ތައް باطل ވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ. އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާން ޖެހޭނެކަމަށް كافر ވި މީހުންނެވެ. ފަހެ، އެއުރެންގެ عمل ތައް باطل ވެފައިވެއެވެ. ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ.. އެއީ އެއުރެންގެ ޖަޒާއެއްކަމުގައިވާ ނަރަކައެވެ. އެއީ އެއުރެން كافر ވެ އަދި ތިމަންރަސްކަލާނގެ آية ތަކާއި، ތިމަންރަސްކަލާނގެ رسول ންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ.