އަމީން ހިމެނޭ ގޮތަށް 11 މީހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ކޯވިޑާ ގުޅިގެން ރާއްޖެއަށް 75 ވެންޓިލޭޓަރު އެތެރެ ކުރުމުގައި ކޮރަޕްޝަނަށް ފަހިވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނޭ ގޮތަށް އެމިނިސްޓްރީގެ 11 މުވައްޒަފަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. 

ކޮރަޕްޝަންގެ ތުހުމަތުގައި މިމައްސަލައިގައި ހެލްތް މިނިސްޓަރު އަމީނާއި އެމިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުންނާއި ބައެއް އެހެން އިސްވެރިންނަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ވެންޓިލޭޓަރުތައް ހޯދި ކަމަށާއި ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރުތައް ގެންނަން ޑުބާއީގެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދައްކާފައިވުން ހިމެނޭކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވަނީ ވިދާޅުވެފައެވެ.  

ދަޢުވާ ކުރުމަށް ފޮނުވައިފައިވާ ފަރާތްތައް :

މިނިސްޓަރ އޮފް ހެލްތު، ގދ.ގައްދޫ / ރޯސްމާގެ، ޢަބްދުﷲ އަމީން.

ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، ތ.ކިބިނދޫ، ބޯގަންވިލާ، އަޙްމަދު އަސްލަމް.

ޑެޕިއުޓީ މިނިސްޓަރ، ސ.ފޭދޫ، ޕިންކްހައުސް، ޝިޔާމާ މުޙައްމަދު.

ލީގަލް އޮފިސަރ، ލ. ގަން، ފެއަރީގާރޑެން ، ޢަލީ ޝިހާމް.

އެސިސްޓެންޓް ޑައިރެކްޓަރ، ހއ. ދިއްދޫ، މުޝްތަރީގެ، ޢަބަދުﷲ ޙާފީޡް.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކ. މާލެ، ޝާޒް ،ޙުސައިން ނިޔާޒް.

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ، ކ.މާލެ، ގޯތި ނަމްބަރ 14-01 ، ޢަބްދުﷲ ޝަރީފް.

ޑެޕިޔުޓީ މިނިސްޓަރ، ގއ.ދާންދޫ، ހަނދުވަރީވާދީ، ނިޝާމާ މުޙައްމަދު.

ޑިރެކްޓަރ، ކ.ގުރައިދޫ ، ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ .

ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ ، ނޫރާނީހިޔާ، އާމިނަތު ޝައުފާ.

އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ ، ކ.މާލެ، ފާޠިމަތު ލިމްޔާ. 

ހެލްތް މިނިސްޓަރ އަމީނަށް ގިނަ ތުހުމަތުތަކެއް!

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނަށް ދައުވާ ކުރުމަށް ފޮނުވައިފައި ވަނީ ވަރަށް ގިނަ ތުހުމަތުތަކާއެކުއެވެ. އޭގެތެރޭގައި 75 ވެންޓިލޭޓަރު ސަޕްލައި ކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިނިސްޓަރު އަމީން ކަމަށާއި، އެގޮތުން 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާ ޑރ. އަލީ އަލްތުކްމަކީ އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ ވެސް މިނިސްޓަރއަމީން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. 

އަދި އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމަށް ދިނުމާއެކު އެ ފަރާތަކީ ޑަބްލިޔުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައި ވަނީވެސް މިނިސްޓަރު އަމީން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއްކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސެއް ނަހަދައި، ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން އެނގޭކަމަށްވެސް އޭސީސީން ވަނީ ފާހަގަ ކުރައްވައިފައެވެ. 

ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑް ކޮމިޓީތަކުގައި ބައިވެރިވެފައިނުވާ ދެ މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށްވެސް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެފައިވާކަމަށް ތަޙްޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި 75 ވެންޓިލޭޓަރުގެ %75 އެޑްވާންސް ޕޭމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުމާ ގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރ ޢަބްދުﷲ އަމީން މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް އެނގިފައިވާތީއާއި، ވެންޓިލޭޓަރާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރ ޢަބްދުﷲ އަމީނަށް އެނގިފައިވާކަމަށްވެސް އޭސީސީން ތުހުމަތު ކުރައްވައެވެ. އަދި އެކަންކަމަށް ލަފައާއި މަޝްވަރާ ދެއްވާފައިވާކަން ތަޙްޤީޤަށް އެނގިފައިވާތީއާއި، މިކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ބްރީފިންގ ހޯދަމުންދިޔަކަން ތަޙްޤީޤަށް އެނގޭތީ، އެއީ ޑރ. ޢަލީ އަލްތުކްމަކީ އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި މިނިސްޓަރު އަމީން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާ ކަމަށް އޭސީސީން ވިދާޅުވިއެވެ. 

 މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފައި ވަނީ ޤާނޫނުލް ޢުޤޫބާތުގެ  511ވަނަ މާއްދާގެ (ހ)ގެ (2) އާއި 512ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.