
ތައިލޭންޑުގައި ބަހަކާއި ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި 20 މީހުން މަރުވެ، 30 މީހުންނަށް އަނިޔާވެއްޖެއެވެ. ވެރިރަށް ބެންކޮކް ކައިރީގައި ހިނގި އެކްސިޑެންޓުގައި ޖެހިފައި ވަނީ މުދާ އުފުލާ ރޭލަކާ ފައްޅިއަކަށް ދިޔަ ބަޔަކު ދަތުރުކުރި ބަހެކެވެ.
މިއަދު ހެނދުނު 8 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 6 ޖެހިއިރު) 65 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ބަސް ބެންކޮކުގެ އިރުން 50 ކިލޯމީޓަރު ދުރުގައި އޮންނަ ޗަޗެއޮންގްސާއުގައި ރޭލްވޭ ހުރަސްކުރާ ތަނަކުން ބަސް ހުރަސްކުރި ވަގުތު ރޭލު އައިސް ބަހުގައި ޖެހިގެންނެވެ.
ބަހުގައި ރޭލު ޖެހުމާއެކު ބަސް ފުރޮޅާލިއެވެ. އަދި ބަހުގެ މަތީ ބައި ވަނީ އެއްކޮށް ނައްޓައިގެން ގޮސްފައެވެ. ބަސް ރޭލްވޭ މަތިން ނަގަން ޖެހުނީ ސޭލާ ބޭނުންކޮށްގެންނެވެ.
ފުލުހުންގެ ޑިސްޓްރިކްޓް ޗީފް އޮފިސަރ ޕްރަތެއަންގ ޔޫކަސެމް ހާމަކުރި ގޮތުގައި ބަހުގައި ތިބި މީހުން ދަތުރުކުރަމުން ދިޔައީ ބުދު ދީނުގެ މީހުން ފާހަގަކުރާ ޚާއްސަ މުނާސަބަތެއް ކަމުގައިވާ 'ބުޑިސްޓް ލެންޓް' ގައި ބައިވެރިވުމަށެވެ.
"އޭރު ވާރޭ ވެހެމުން ދިޔަ. އެހެންވީމާ ޑްރައިވަރަށް ރޭލު ނުފެނުނީ ކަމަށް ވެދާނެ." އޭނާ އިތުރަށް ބުންޏެވެ.
ޗަޗެއޮންންގްސާއުގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނިގޮތުގައި ރޭލުވޭ ހުރަސްކުރާ ތަނުގައި ބެރިކޭޑް ބަހައްޓާފައި ނެތެވެ.
ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓު ތަހުގީގުކުރަމުންނެވެ.
ތައިލެންޑުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވާގޮތުން ތައިލޭންޑަކި ދުނިޔޭގައި ޓްރެފިކް އެކްސިޑެންޓްތަކުގައި ދެވަނަ އެންމެ ގިނައިން މީހުން މަރުވާ ގައުމެވެ.