އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކޮށްފައި: މިނިސްޓަރ ފައްޔާޒް

ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

އިންޑިއާއިން ރާއްޖެ ހިފައި ދަށުކޮށްލަން ބޭނުންނަމަ މިހާރު އޮންނާ ނާނީ އެކަން ކޮށްފައި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން، އިންޑިއާ އަކީ މާބާރުގަދަ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންޑިއާއިން ރާއްޖެ ހިފައި، އެމީހުންގެ ބާރުގެދަށަށް ގެންދަން ބޭނުންނަމަ ރާއްޖެއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"މިހެން ދަންނަވާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެ ތިމަންނަމެންގެ ސިފައިންނޭ، ސިފައިން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. (އިންޑިއާއަކީ) އަޅުގަނޑުމެންނަށްވުރެ މާބާރުގަދަ ގައުމެކޭ އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑުމެން މަރާފައި ވެސް އެމީހުން (އިންޑިއާ) ބޭނުމިއްޔާ ކުރާނޭ." ރާއްޖޭގެ ނިކަމެތިކަން ހާމަކޮށްދޭ ފަދަ ގޮތަކަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް ރޭގެ ޕްރޮގްރާމްގައި ފަހުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާނެ އެއްވެސް ކަމެއް މިހާރުގެ ސަރުކާރުންވެސް އަދި އިންޑިއާއިންވެސް ނުކުރާނެކަމަށެވެ.

އިންޑިއާ ކަނޑުގެ ބާރު ހޯދުމަށް ކުރެވެނީ ހަނގުރާމައެއްގެ ގޮތުގައި ސިފަ ވާގޮތަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އެފުރުސަތު ފަހިކޮށްދިނީ މިދިޔަ ސަރުކާރުން ކަމަށެވެ.

"ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ދަށުން އިންޑިއާ އެއްކޮށް އެކަހެރިކޮށްލީ. ހަގީގަތުގައި މިހަނގުރާމައެއް ފެށުމަށް ޖާގަ ދިނީ ދިވެހި ރާއްޖެއިން، އިންޑިއާ ކަނޑުގެ ތެރޭގައި މިދިޔަ ސަރުކާރުގެ ތެރޭގައި، އަޅުގަނޑު ދެކޭ ގޮތުގައި. އެޖާގަ ނުދެއްވައި ކުރީ ސަރުކާރުތަކުން ގެންގުޅުއްވި ބެލެންސް އެޕްރޯޗް ގެންގުޅުނުނަމަ، އޭރު އެޖެހުނު މައްސަލަތަކެއް ނުޖެހޭނެ."

"އޭރު ވީގޮތަކީ އިންޑިއާ އެއްކޮށް އެކަހެރިކޮށްލައި ޗައިނާއަށް މާބޮޑަށް ބަރޯސާވީ. ޗައިނާއަކީވެސް ދުނިޔެގައި އަރަމުން އަންނަ ވަރުގަދަ ބާރެއް. ބާރުވެރިކަން ބޭނުންވާ ހުރިހާ ފަރާތަކުން ވެސް ބޭނުންވާނެ އެކި ދިމަދިމާލަށް ރީޗްކުރަން. އެގޮތުންބަލާއިރު އިންޑިއާ ކަނޑުގެ ތެރެއަށް ޗައިނާއަށް ބާރު ފޯރުވުމުގެ ފުރުސަތު ބޮޑުކޮށް ލިބިގެން ދިޔައީ. އަޅުގަނޑުމެންނަށް (ރާއްޖެއިން) ކަންތައް ކުރެވުނު ގޮތަކުން އޭތި އިންޓަރނޭޝަނަލް ލެވެލްގައި ގޯސްތަކަކަށް ވެގެންދިޔައީ. އަޅުގަނޑުމެން (މިހާރުގެ ސަރުކާރުން) އޭތި ބެލެންސް ކޮށްގެން މިގެންދަނީ." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.   

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ރަނގަޅު ސިފައަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ހުރިހާ އެންމެންނާ ގުޅިގެން އުޅުންކަން މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. އެއީ މާކުރިން ފެށިގެން، ރަސްކަލުންގެ ޒަމާނުން ފެށިގެން ރާއްޖޭގެ ވެރިން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުކަން ފާހަގަ ކުރެއްވިއެވެ.

"އެއީ މާކުރިންވެސް އަޅުގަނޑުމެންގެ ވެރިން ގެންގުޅުނު އުސޫލެއް. އަޅުގަނޑުމެންގެ ވެރިންނަށް އެނގޭ އަޅުގަނޑުމެންގެ ސްޓްރެންތަކީ ކޮބައިކަން." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ޚާއްޞަ އިސްކަމެއް އަވަށްޓެރި ގައުމުތަކަށް ދެއްވާކަން މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

"އޭގެތެރެއިން ވެސް "އިންޑިއާ ފަސްޓް ޕޮލިސީ" އަޅުގަނޑުމެން މި ގެންގުޅެނީ" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އިންޑިއާއި އަކީ މި ސަރަހައްދުގައި އޮތް ވަރަށް ބޮޑު ވަރުގަދަ ގައުމެއްކަން މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. ރާއްޖެއާ އެތައް ގަރުނެއްގެ ގުޅުން އޮތް ގައުމެއް ކަން ވެސް ފާހަގަ ކުރެއްވިއެވެ. ސަގާފީ ގޮތުން ވަރަށް އެއްގޮތް ކަންތަތައް ދިވެހިންނާއި އިންޑިއާގެ މީހުންގެ ހުރިކަން ފާހަގަ ކުރައްވައި ދިވެހިން އުފެދުމުގައި ވެސް އިންޑިއާ ގުޅުން އޮތްކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޑީއެންއޭ ޗެކް ކޮށްލައިފިއްޔާ ދާދި އެކައްޗެއްހެން އަޅުގަނޑަށް ހީވަނީ ހުންނާނީވެސް" މިނިސްޓަރ ފައްޔާ ފައްޔާޒު ވިދާޅުވިއެވެ.

އިންޑިއާ އާއި އަދި ޗައިނާއާ ވިޔަސް ގާތްގުޅުމެއް ބޭއްވުމަކީ އެމީހުން ބޭނުންވާ އިންޓްރެސްޓް ރޭޓެއްގައި ދަރަނިތައް ނެގުމެއް ނޫން ކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. ގުޅުން ގާއިމުކުރަމުން ދާންޖެހޭނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާ ގޮތަށް ކަމަށް ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ލިބެމުންދާ އެހީތެރިކަން ފާހަގަ ކުރައްވާ، މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންޑިއާއެކު މިސަރުކާރުން ވެފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސް ވުމުގެ ދަށުން ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ. ފައިސާގެ ގޮތުން ލިބޭ އެހީތެރިކަމުގެ އިތުރުން އަސާސީ ކާބޯތަކެއްޗާއި ބޭސް ފަރުވާގެ ކަންކަމުގައި ވެސް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އިންޑިއާއާ، ގުޅުން ބަދަހިނުކުރަންވީ ސަބަބެއް ނެތް ކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.