ފުރަބަންދު ކަރަންޓީނުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަނީ

ފުރަބަންދު ކަރަންޓީނުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު އަތޮޅުތަކުން ކޯވިޑް ޖެހިފައި ތިބި   146 މީހުންގެ ތެރޭގައި 35 މީހުން ފިޔަވައި އެންމެންނަކީ ވެސް ފުރަބަންދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. ފުރަބަންދުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫގެ  ޕޮލިސްއެކަޑަމީގެ މަސައްްކަތަށް ދިޔަ ގިނަ ޢަދަދެއްގެ އިންޑިއާ ރައްޔިތުން ވެސް ވަނީ ފުރަބަންދު ކަރަންޓީނުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. 

 ކޯވިޑަށް ޕޮޒޮޓިވާ ޢަދަދު ވަރަށްބޮޑަށް ދަށްވުމަށް ފަހު އިއްޔެ ވަނީ ޢަދަދު 86 އަކަށް އުފުލިފައެވެ. އަލަށް ޕޮޒޮޓިވް މީހުންގެ ތެރެއިން 29 މީހުންނަކީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 57 މީހުންނެވެ.

މިހާރު އަތޮޅުތަކުގެ 18 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ  146 މީހުންގެ ތެރޭގައި ހިމެނެނީ 64 ބިދޭސީންނާއި 82 ދިވެހިންނެވެ. މުޅި ރާއްޖެއިން އިއްޔެ އަލަށް ކޯވިޑަށް ޕޮޒިޓިވްވި ޢަދަދުގައި ހިމެނެނީ 72 ދިވެހިންނާއި 14 ބިދޭސީންނެވެ. ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 10742 އެވެ.   އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން ކޯވިޑުގައި ޝިފާ ލިބުނު މީހުންގެ ޢަދަދު 9589 އަށް ވަނީއަރައިފައެވެ. މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1112 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 67 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހުންނެވެ.

މިވަގުތު 20 ރިސޯޓެއްގައި 11 ޓޫރިސްޓަކާއި 15 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.