ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ކުއްޖާގެ ޕޯސްޓްމޯޓެމް ހަދަން ނިންމައިފި

 ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި 5 މަހުގެ ތުއްތު ފިރިހެން ކުއްޖާގެ މަރުގެ ހަޤީޤަތް ދެނެގަތުމަށް ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމާފައިވަނީ އެކުއްޖާ މަރުވެފައިވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަޤީޤަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ތަހްޤީޤަށް ފެންނާތީއެވެ. ޕޯސްޓްމޯޓެމް ހެދުމާއި ގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ފުލުހުންނާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:14 ހާއިރުއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވަނީ މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ޓެސްޓްތައް ހަދާފައެެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހްޤީޤްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.