އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށާނެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށްޓަވާނެއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގެ އެންމެ ފުރަތަ ކަމަކަށް އޮތީ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމާ ސުވާލު ކުރުމެވެ. މިނިސްޓަރ އަސްލަމާ ސުވާލުކުރައްވަނީ މާވަށުގެ އުދައަރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތާ  ގުޅޭ ގޮތުންނެވެ. މިނިސްޓަރ އަސްލަމާ މިސުވާލު ކުރައްވަނީ އެދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދެވެ.

މަޖިލީހުގެ ރުހުން ހޯދުމުގެ މައްސަލަތަކެއްވެސް މާދަމާގެ ޖަލްސާއަށް ރައީސްގެ މޭޒުން ހުށަހެޅުއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެއީ ދެކޮމިޝަނަކަށް މެމްބަރަކު އައްޔަން ކުރުމަށާއި ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް ކަނޑަ އަޅާ މަންދޫބަކަށް ރުހުން ހޯދުމެވެ. ދެ ކޮމިޝަނަކީ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރސީއެމް) އާއި ނެޝެނަލް އިންޓެގަރިޓީ ކޮމިޝަން (އެންއީސީ) ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ނަން ފުޅުތަކެވެ. ބޭރުގެ ޖަމިއްޔާއަކަށް އަޔަން ކުރައްވާ މަންދޫބެއްގެ ގޮތުގައި މާދަމާގެ ޖަލްސާގައި ރުހުން ހޯދުމުގެ މައްސަލައިގެ ގޮތުގައި އެޖެންޑާ ކޮށްފައި ވަނީ އދ އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް، ގ.ފަރުކަނި، ޑޮކްޓަރ ޢާސިމް އަޙްމަދު، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫޓީއޯ) އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވުމަށެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ތިން ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން ވެސް ހިމެނެއެވެ. އޭގެތެރޭގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސް ހިމެނެއެވެ. ސަރުކާރު ފަރާތުން މި ބިލް މަޖިލީހަށް ހުށަޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މީގެ އިތުރުން ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސް ވަނީ މަދަމާގެ ޖަލްސާއަށް ތާވަލުކޮށްފަ އެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.