އިންޑިޔާގައި މުސްލިމުންގެ ސަގާފީ ތަރިކަ ފޮހެލުމުގެ މަސައްކަތް ކުރިއަށް

އިންޑިޔާގައި ވެރިކަން ކުރާ ހަރުކަށި ހިންދޫ ވަޠަނީ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެރިންކުރާ ސްޓޭޭޓެއްގެ ސަރުކާރުން ނެރުނު ރަސްމީ އިޝްތިހާރުން ތާޖް މަހަލް ފޮހެލައިފިއެެވެ. ތާރީޚުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ އިސްލާމީ ސަގާފީ ތަރިކަ ނައްތާލާއި، ބައިމަދު މުސްލިމުން އެއްފަރާތްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މިކަން މިހެން ކޮށްފައި ވާއިރު، މުސްލިމް ނަން ކިޔާފައިވާ އެތައް ރަށެއްގެ ނަން ވަނީ ހިންދޫ ނަންނަމަށް ބަދަލުކޮށްފައެވެ.

ފާއިތުވި ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި އުއްތަރު ޕްރަދޭޝް ސަރުކާރުގެ ޓޫރިޒަމް ޑިޕާޓްމަންޓުން ނެރުނު އިޝްތިހާރެއްގައި އެ ސްޓޭޓުގައި ހުރި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު 20 ތަން ފާހަގަކޮށްފައި ވާއިރު، އޭގެ ތެރޭގައި ތާޖު މަހަލް ނުހިމެނެއެވެ. ހިމަނާފައި ވަނީ މުޅިންވެސް ހިންދޫ ދީނަށް ނިސްބަތްވާ ތަންތަނެވެ.

17 ވަނަ ގަރުނުގެ ތެރޭގައި މުޣަލް އެމްޕެރާ ޝާހް ޖަހާން ބިނާކުރެއްވި ތާޖް މަހަލް ހުންނަަނީ އުއްތަރް ޕްރަދޭޝްގެ އާގްރާގައެވެ. ތާޖް މަަހަލް އިޝްތިހާރު ފޮހެލާފައިވީ ނަމަވެސް ހަގީގަތުގައި ތާޖު މަހަލްއަކީ އެ ސްޓޭޓުގައި ހުރި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ތަނެވެ.

"މުސްލިމުންގެ ތާރީޚަށް ހަމަލާދީ، ނުރައްކަލައި ހުށަހަޅައިިގެން ވެރިކަން ކުރާ ޕާޓީން ބޭނުންވާ ކަމަކީ މުސްލިމުން މުޖުތަމުން އެކަހެރިކުރުން އަދި އެމީހުންގެ މަދަނީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގަތުން. އަދި، އެމީހުންނަށް ވާނެނަމަ، އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ހައްގުވެސް ނިގުޅައިގަތުން." ދިއްލީ ޔުނިވަރސިޓީގެ ތާރީޚު އިލްމުގެ ޕްރޮފެސަ ފަރްހާން ހަސަން ވިދާޅުވިއެވެ.

"މުސްލިމުންގެ ކިބައިން އެބައިމީހުންގެ މަދަނީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގަތުމަށްޓަކައި ތާރީޚުގެ މައްޗަށް އެބައިމީހުންގެ ހައްގުތައް ނިގުޅައިގަންނަންޖެހޭ. ވެރިކަންކުރާ ޕާޓީން މި ކުރާ ކަމަކީ އެއީ. އަދި އެކަން ކުރުމަށް މިހާރު އެދަނީ އިސްލާމީ ތަރިކައަށް ނުރައްކާކޮށް މިއަދު އޭގެ ސިޔާސީ ދައުރަށްވެސް ނުރައްކާ ކުރަމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

2107 ވަނަ އަހަރު އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރުކަމަށް ބީޖޭޕީގެ ހަރުކަށި ސިޔާސީ ލީޑަރު އަދި ހިންދީ ހާމުދުރު ޔޯގީ އަދިތުޔަނާތު އިސްވިފަހުން އެ ސްޓޭޓުން ޝާއިއުކުރި ރަސްމީ ޓޫރަޒިމްގެ އަތްމަތީ ފޮތުންވެސް 1632 ވަަނަ އަހަރު ބިނާކޮށްފައިވާ ތާޖު މަހަލް ވަނީ އުނިކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އުއްތަރް ޕްރަދޭޝް ސަރުކާރުން ބުނީ ތާޖު މަހަލް ބާކީކޮށްލަން މަސައްކަތް ނުކުރާ ކަމުގައެވެ. އަދި ތާޖް މަހަލް އުނިކޮށްފައިވަަނީ މަޝްހޫރު ނޫން ތަންތަން އިތުރަށް އިޝްތިހާރުކުރުމުގެ ބޭނުމުގައި ކަމުގައެވެ.

އަންދާޒާތަކުން ދައްކާ ގޮތުގައި އާގްރާގައި ހުންނަ ތާޖުމަހަލް ބެލުމަށް އަހަރަކު 6 މިލިއަން މީހުން ޒިޔާރަތްކުރެއެވެ. އަދި ތާޖު މަހަލް އަށް 2018 ވަނަ އަހަރާއި 2109 ވަނަ އަހަރު 13 މިލިއަން އެމެރިކާ ޑޮލަރުުގެ އާމްދަނީ ލިބިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.