ޑްރަގް ގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ތިން ތަރިއަކާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ، އެން.ސީ.ބީ އިން ސުވާލުކޮށްފިއެވެ. ދީޕިކާ ޕާޑުކޯން އާއި ޝްރައްދާ ކަޕޫރްއާއި ސާރާ އަލީ ޚާންއާ ސުވާުލުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ކޮންމެ ތަރިއަކާ ފަސް ގަޑިއިރު ވަންދެން ސުވާުލުކުރިއެވެ.
މަނާ ޑްރަގާ ގުޅިގެން ދީޕިކާއާ އެންސީބީ އިން ސުވާލުކުރީ ސުޝާންތު ސިންހު ރާޖްޕުތުގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ބޮލީވުޑްގެ ޓެލެންޓް މެނޭޖަރެއް ކަމުގައިވާ ޖާޔާ ސާހާއާއި ސުވާލުކޮށް ތަހުގީގު ކުރަމުންދިޔަ އިރު އޭނާގެ ވަޓްސްއެޕް މެސެޖުތަކުން ފެނުނު ހެއްކާ ގުޅިގެންނެވެ. ދީޕިކާގެ މެނޭޖަރު ކަރިޝްމާ އާއި ޖާޔާ ސާހާގެ މުއާމަލާތްތައް ދިރާސާކުރުމުގެ ތެރެއިން ދީޕިކާ އޭނާގެ މެނޭޖަރު ކަރިޝްމާއަށް ހޭޝް އޮއިލް ބޭނުން ކަމަށް ބުނެ ފޮނުވި މެސެޖުތައް ވަނީ މީޑިއާއަށް ވެސް ތިލަވެފައެވެ. މި މެސެޖުތަކުގައި ދީޕިކާ ހޭޝް ބޭނުން ކަމަށް ބުނެފައިވާ އިރު ތިމަންނާ ބޭނުންވަނީ ވީޑް ނޫންކަމަށް ވެސް ބުނެފައިވެއެވެ. މީޑިއާއަށްވެސް މިހާރު ތިލަވެފައިވާއިރު ދީޕިކާ އަކީ މި ޑްރަގް ޗެޓު ގުރޫޕުގެ އެޑްމިން އެކެވެ.
ޝްރައްދާ އާ ސުާވާލުކޮށްފައިވަނީ ވެސް ޖާޔާ ސާހާގެ މެސެޖުތަކުން ލިބުނު ލީޑާ ގުޅިގެންނެވެ. އެ ޗެޓުގައި ޝްރައްދާ 'ސީބީޑީ އޮއިލް" ބޭނުން ކަމަށް ބުނެފައިވެއެވެ. އަދި ޖާޔާ އެލިބޭނެކަމަށް ބުނުމުން ފަހުން ޝްރައްދާ ވަނީ އޭނާއަށް ޝުކުރު އަދާކޮށް މެސެޖުކޮށްފައެވެ. އެންސީބީ އިން ވަނީ ޝްރައްދާ ދިރިއުޅޭ ގެ ބަލައި، ފާސްކޮށްފައެވެ.
ސާރާ އަލީ ޚާން އާ އެންސީބީ އިން ސުވާލުކުރި އިރު އޭނާއާ ގުޅުން ހުރި އެއްވެސް ޑްރަގް ޗެޓެއް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ. ސާރާއާ ސުވާލުކޮށްފައިވަނީ ސުޝާންތުގެ ލޯބިވެިރޔާ ރެއާ ދިން މައުލޫމާތަކަށް ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކުރެއެވެ. ރެއާ ބުނިކަމަށް މީޑިއާ އިން ރިޕޯޓުކުރި ގޮތުގައި ސުޝާންތުގެ ފާމް ހައުސްގައި ސާރާވެސް ޑްރަގް ބޭނުންކުރިއެވެ. އަދި ކެދާރްނާތުގެ ކާމިޔާބީ ފާހަގަކުރުމަށް ބެއްވި ޕާޓީގައި ވެސް ސާރާ ޑްރަގް ނެގިއެވެ. ކެދާރްނާތުގެ ތެރޭގައި ސާރާއާއި ސުޝާންތު ވަނީ ލޯބީގެ ގުޅިފައެވެ.
ރާކުލް ޕްރީތާވެސް ހުކުރު ދުވަހު އެންސީބީން ސުވާލުކުރިއެވެ. ރާކުލްގެ ނަން އެންސީބީއަށް ދީފައިވަނީ ވެސް ރެއާ ކަމަށް މީޑިއާއިން ރިޕޯޓުކުރެއެވެ. އޭނާގެ ޗެޓެއްވެސް މިހާތަނަކަށް މީޑިއާއަކަށް ތިލަވެފައެއް ނުވެއެވެ.
ދީޕިކާއާއި، ސާރާ އަދި ޝްރައްދާ އާއި ސުވާލުކުރުމަށް ފަހު އެންސީޕީގެ ޑެޕިއުޓީ ޑިރެކްޓަރ އިއްޔެވަނީ މީޑިއާއަސް މައުލޫމާތު ދީފައެވެ. ސުޝާންތުގެ މަރުގެ ތަހުގީގު ތެރެއިން ފެންމަތިވި ޑްރަގް މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ މިހާތަނަށް 18 ނުވަތަ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ޑްރަގް ވިޔަފާރިކުރާ ފަރާތްތަކެވެ. މިހާރު ތަހުގީގަށް ހާޒިރުކުރާ މީހުންނަކީ އެފަރާތްތަކުން ޑްރަގް ސަޕްލައިކޮށްދޭ މީހުން ކަމަަށް އޭގެ ތެރެއިން ބައެއް މީހުން ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ. ނަމަވެސް ބޮލީވުޑް ތަރިންނާ ގުޅޭގޮތުން މީޑިއާއިން ކުރި ސުވާލަަށް އެންސީބީން ޖަވާބު ދީފައެއް ނުވެއެވެ. އޭނާ ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. ދީޕިކާ އާއި ސާރާ އަދި ޝްރައްދާ އަލުން ހާޒިރުކުރާނެތޯ މީޑީއާއިން ތަކުރާރުކޮށް އެހުމުން އޭނާ ބުނީ އަދި އިތުރު ޗިޓެއް ހަވާލުކޮށްފައި ނުވާ ކަމަށާއި ދެމް އެތަނުން ކުރިއަށް ގެންދާނީ މިޙާރު އެއްކުރެވިފައިހުރި މައުލޫމާރު މުރާޖައާ ކުރުން ކަމަށެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި މާނީ ލޯންޑްރިންއާއި ޑްރަގް ގެ މައްސަލަ ފެންމަތިވެ އޭނާގެ ލޯބިވެރިޔާ ރެއާ ޗަކްރަވަތީ އާއި ރެއާގެ ކޮއްކޮ ޝޯވިކާއި ސުޝާންތުގެ އެކައުންޓެންޓާއި، މެނޭޖަރަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުރަތަމަ ދެ ހަފްތާއަށް މުއްދަތު ޖެހިނަމަވެސް ކަފާލާތަށް އެދުމުން ވެސް ކަފާލާތުގެ ދަށުން އެއިން އެކަކުވެސް ދޫކޮށްފައެއްނުވެއެވެ. އަދި ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުން ބޭއްވޭނީ މި މަހުގެ 29ގެ ފަހުން ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
ޑްރަގް މައްސަލައިގައި ދަރްމާ ޕްރޮޑަކްޝަންގެ އެގެޒެކެތިވް ޕްރޮޑިއުސަރަކާ 24 ގަޑިއިރު ސުވާލުކުރުމަށްފަހު އިއްޔެ އޭނާވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ގެއިން ވެސް ޑްރަގް ފެނިފައިވެއެވެ. މިކަމާ ގުޅިގެން ކަރަން ޖޯހަރް ވަނީ އޭނާއަކީ ދަރްމާގައި މަސައްކަތްކުރާ މީހެއް ނޫން ކަމަށާއި އެމީހާ އާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް އެމީހާގެ ލިންކެޑިން ޕްރޮފައިލާއި އެހެން ހުރިހާ ޕްރޮފައިލެއްގައި ވާ ގޮތުން އޭނާއަކީ ދަރްމާގެ މުއައްޒަފެކެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ޑްރަގާއި މަނީ ލޯންޑަރިންގެ މައްސަލަ ފެންމަތިވެ އެ މައްސަލައިގެ ތުހުމަތު ދެ އިދާރާއަކުން ކުރަމުންދާއިރު ސުޝާންތުގެ މައްސަލަ ތަހުގީގުކުރާ ސީބީއާ މެދު އާއިލާއިން މިހާރުވަނީ ސުވާލު އުފައްދާފައެވެ. މައްސަލަ ނުނިމި ދިގު ދެމިގެންދާތީ އާއި އާއިލާއާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާތީ އާއިލާގެ ލޯޔަރު ވަނީ އެކަމާ ކަންބޮޑުވާކަން ހާމަކޮށްފައެވެ. ނަމަވެސް އެންސީބީއާއެކު މަސައްކަތް އެކި މައްސަލަތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރުން ބުނަނީ އެންސީބީއާ މައްސަލަ ހަވާލުކުރުމުން އެތަނުން ބަލާނީ ލިބެން ހުރި ހެކި ހޯދައި ރަނގަޅު މައްސަލައެއް އުފައްދަން ކަމަށެވެ. އެހެންކަމުން ވަގުތު ދޭންޖެހޭ ކަމަށެވެ. ސުޝާންތުގެ ވިސޭރާ ޓެސްޓު ހަދައި ފޮރެންސިކް ޓިމުގެ ރިޕޯޓު މިދިޔަ އަންގާރަ ދުވަހު އެންސީބީއާއި ހަވާލުކުރަން އޮތް ނަމަވެސް އެ ރިޕޯޓުވެސް ހަވާލުކޮށްފައެއް ނުވެއެވެ. ފޮރެންސިކް ޓީޟުގެ މެންބަރަކާ ހަވާލާދީ މީޑީއާއިން ބުނި ގޮތުގައި ވިސެރާ ރިޕޯޓު ހެދުމަށް ބޭނުންވާ ވަރަށް ސާމްޕަލް ރައްކާކޮށްފައި ހޮސްޕިޓަލުން ނުވެއެވެ. އަދި މިއީ ހައި ޕްރޮފައިލް ކޭސްތަކުގައި އަމަލުކުރާ ގޮތް ނޫންކަމަސްވެސް އޭނާ ބުނެފައިވާ ކަމަށްވެއެވެ.
ސުޝާންތުގެ އާއިލާގެ އިތުރުން އެތައް ބަޔަކު އިންތިޒާރުކުރަމުން ދަނީ އެންސީބީއައިގެ ތަހގުީގު ނިމޭނެ އިރަކަަށެވެ. ސުޝާންތު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ. އޭނާގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މީހުން ހައްޔަރުކޮށްފައިވަނީ މައްސަލައިގެ ތެރެއިން ފެންމަތިވި ޑްރަގް މައްސަލައިގައެވެ.