ގދ. ހޯޑެއްދޫ ހޯމް ކަރަންޓީނުން ކޯވިޑަށް ޕޮޒިޓްވްވި ހަތަރު މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހޯޑެއްދޫ ހޯމް ކަރަންޓީނުން ބައްޔަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވި ކަމަށް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެރަށުގައި މިހާރު ބަލި ޖެހިފައި ތިބީ ކޮންޓެކްޓުންގެ ގޮތުގައި ބަލި ޖެހިފައިވާ 36 މީހުންނެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ހޯޑެއްދޫއަށް ބަލި ދިޔަ ގޮތް ދެނެގަތުމުގެ ތަޙްޤީޤް އަދިވެސް ކުރިއަށް ދާކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސީންވެސް ކުރިއަށް ދާކަމަށެވެ.
ހޯޑެއްދޫ އިން ކޯވިޑަށް ފުރަތަމަ ޕޮޒިޓިވްވީ ފުރަބަންދު ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އެ މީހުން ބައްޔަށް ޕޮޒޮޓިވްވީ މިމަހު ތިން ވަނަ ދުވަހުއެވެ. ހަތަރު ވަނަ ދުވަހު ވަނީ އިތުރު ދެމީހަކު ބައްޔަށް ޕޮޒޮޓިވްވި އެވެ. އެދެމީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ ފަސްވަނަ ދުވަހު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ފަހުން އެރަށުން ވަނީ ގިނަ ޢަދަދަކަށް ރެންޑަމްސާމްޕަލްވެސް ނަގައިފައެވެ. ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާއިރު އޭގެތެރޭގައި ހައި ރިސްކް 18 މީހަކު ހިމެނޭކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ. ބަލި ޖެހިފައިވާ މީހުން ރަށުގެ ހަ އިންސަތަ ގޭގައި އެބަ ތިއްބެވެ. އެރަށުގެ 64 ގެއެއްގައި ކަރަންޓިންގައި މީހުން އެބަ ތިއްބެވެ. މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު މިހާތަނަށް ކޯވިޑް ޖެހިފައި ވަނީ ހޯޑެއްދޫގައެވެ. ހޯޑެއްދޫ އާއި އެރަށާ ގުޅިފައިވާ މަޑަވެލި އަދި ވެސް އޮތީ މޮނިޓަރިންގައެވެ.