ހުޅަނގު އައްސޭރީގެ ޔަހޫދީ ވަޒަވެރިއަކު ފަލަސްޠީނު އާއިލާއެއް ގަތުލުކުރިކަމުގު ކުށުގައި އޭނާގެ މައްޗަށް އުމުރަށް ޖަލަށް ލުމުގެ ތިން ހުކުމް އިސްރާއީލުގެ ކޯޓަކުން އިއްވައިފިއެވެ. އޭނާ ވަނީ ފަލަސްޠީނުގެ އެ އާއިލާ ދިރިއުޅުނު ގޭގައި ރޯކޮށްލާފައެވެ.
އުމުރުން ފަންސަވީސް އަހަރުގެ އަބިރާމް ބެން އުލެއިލް 2105 ވަނަ އަހަރުގެ ޖުލައި މަހު ހިންގި މި ޖަރީމާ ޓެލްއަވީވްގެ އިރުދެކުނުގައި އޮންނަ ލޮޑްގެ ކޯޓުގައި އޭނާގެ މައްޗަށް ސާބިތުވީ ފާއިތުވި މޭމަހުގައެވެ. ގަސްތުގައި މީހަކު މަރަން އުޅުމުގެ ކުށާއި، ގަސްތުގައި ބައެއްގެ ގައިގައި ރޯކޮށްލުމުގެ ކުށާއި، ނަފްރަތުގެ ޖަރީމާއެއް ހިންގުމުގެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި ޖަރީމާގައި އުމުރުން 18 މަހުގެ ތުއްތު ޢަލީ ދަވާބިޝާއާއި، އޭނާގެ ބައްޕަ ސަޢުދު ދަވާބިޝާއާއި މަންމަ ރީހާމް ވަނީ މަރުވެފައެވެ. އެ ދެމަފިރިންގެ އުމުރުން 4 އަހަރުގެ ދަރިފުޅު އަޙްމަދު ދަވާބިޝާގެ ގައިގެ ބޮޑު ބައެއް ފިހުނު ނަމަވެސް އޭނާ ވަނީސަލާމަތްވެފައެވެ. އޭނާ އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.
ހޯޅަނގު އައްސޭރީގެ ދޫމާ އަވަށުގައި ދިރިއުޅެމުން އައި ދަވާބިޝާ އާއިލާ މަރާލުމުގެ ޖަރީމާ ހިންގާފައި ވަނީ އޭގެ އެއްމަސްކުރިން ފަލަސްޠީނުގެ ބަޔަކު ޔަހޫދީއަކު މަރާލާފައި ވާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
ބެން އުލެއިލް ކޯޓުގައި ބުނެފައި ވަނީ ފުލުހުން ވަނީ ތަހުގީގުގައި އޭނާއަށް މަޖުބޫރުކޮށްގެން ދޮގު ބަޔާނެއް ނަގާފައެވެ. އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ބެން އުލެއިލްގެ ދިފާއީ ވަކީލުން ވަނީ އިސްރާއީލުގެ ހައިކޯޓުގައި މި ހުކުމް އިސްތިއުނާފުކުރަން ނިންމައިފައެވެ.
މިއަދު އުމުރަށް ޖަލަށްލުމުގެ ތިން ހުކުމް އިއްވި ބެން އުލެއިލްއަކީ "ފަރުބަދަމަތީ ޒުވާނުން" ނަމަކަށް ކިޔާ ޔަހޫދީ ގްރޫޕަކަށް ނިސްބަތްވާ ޒުވާނެކެވެ. އެ ގުރޫޕުން ވަނީ ހުޅަނގު އައްސޭރީގެ ފަލަސްޠީނު މީހުންނަށް ގޯނާކުރުމުގެ ތަފާތު އަމަލުތައް ހިންގާފައެވެ.
ދަވާބިޝާ އާއިލާ ދިރިއުޅެމުން އައި ގެއަށް ހަމަލާދިނުމުގެ ކުރިން ބެން އުލެއިލް ފުރަތަމަ ޕެޓްރޯލް ބޮން (މޮލޮޓޯވް ކޮކްޓެއިލް) އެއްލީ ބަޔަކު ދިރިނޫޅޭ ގެއަކަށެވެ. އެއަށްފަހު އެނާވަނީ ދަވާބިޝާ އާއިލާގެ ގެއަށް ގޮސް ދެމަފރިންނާއި، ދެ ކުދިން ނިދަތް ތިބި ކޮޓަރިތެރެއަށް ޕެޓްރޯލް ބޮމެއް އެއްލުމަށްފަހު ފިލާފައެވެ.