އެމްޑީޕީގައި ދެ ފެކްޝަނެއް އޮތްކަމަށް ޤަބޫލު ނުކުރައްވާކަމަށް އެޕާޓީގެ މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
އާފަތިސް ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ފިރުޝާން ވިދާޅުވީ ޕާޓީގެ ތެރޭގައި ކުރިންވެސް ކަންކަމުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ޚިޔާލު ތަފާތުވުން ހައްލު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރުވެސް ޕާޓީގެ ތެރޭގައި އޮތް އެފަދަ ޚިޔާލު ތަފާތުވުންތައް ޙައްލު ކުރެވި ޕާޓީގެ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
ފިރުޝާން ހުންނެވީ ކޮންފަޅިއެއްގައިތޯ ސުވާލު ދަންނަވާލުމުން ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "އަޅުގަނޑަކީ އަބަދުވެސް ރައްޔިތުންގެ ފަޅީގެ މީހެއް." މިހާރު ޕާޓީގައި އޮތް ޚިޔާލު ތަފާތުވުން ތަކުގައި އެއްވެސް ކޮޅަކަށް ބުރަވެ ވާހަކަ ދެއްކެވުމަކީ ހަމަޖެހޭ ކަމަކަށްވެސް އަދި މަސްލަޙަތު ހުރި ކަމެއް ކަމަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލު ކުރައްވާތީ އެކަން ހުއްޓުވުމަށް އެދި ޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފަށް، އެޕާޓީ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ވަނީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ބޮޑެތި ތުހުމަތުތަކެއް ރައީސް ނަޝީދަށް ވަނީ ކުރައްވައިފައެވެ. އެ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގެންނެވުމުގެ ހުވަފެން ހަޤީޤަތަކަށް ހެއްދުމަށް ރައީސް ނަޝީދު ބޭނުންފުޅު ވާކަމާއި މަޖިލީހުގެ ތެރެއިން އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރައްވައިފައެވެ. މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރައްވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތު ފޯރުވަމުން ގެންދެވުން ތަކުރާރު ކުރައްވަމުންދާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. މި ތުހުމަތު ތަކަށް ޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފް ވަނީ ޖަވާބު ދެއްވައިފައެވެ.
ޙަޞަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަޤާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށެވެ. އެއީ ރައީސް ނަޝީދެވެ. ޙަސަން އިތުރަށް ވިދާޅުވެފައި ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރެއް އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.