މިއަދުގެ ލިޔުން މި ޚާއްޞަކޮށްލަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ތަޢުލީމީ ނިޒާމުގައި ޚާއްޞަ ސަމާލުކަމެއް ދޭ ކިޔަވައިދިނުމުގެ ފިލޯސަފީއަކާ ގުޅޭގޮތުންނެވެ. އާދެ! 'އެއްވެސް ކުއްޖަކު ބާކީ ނުކުރާނަން' މިކޮންސެޕްޓާ ގުޅޭ ކިޔަވައިދިނުމުގެ ފިލޯސަފީއަކީ އިންކްލޫސިވް އެޑިޔުކޭޝަން ނުވަތަ ޝާމިލުކޮށްގެން ކިޔަވައިދިނުމެވެ. އިންކްލޫސިވް ކޮށް ޝާމިލުކޮށްގެން ކިޔަވައިދިނުން މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިޒަމާނުގެ ތަޢުލީމީ ނިޒާމުގައި ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަކިބަކި ކުދިންގެ ކިބައިގައިވާ ޚާއްޞަ ކަންތައްތަކަކަށް ރިޢާޔަތްކޮށްގެން ތަންފީޒުކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ.
މި މައުޟޫޢަށް ލިޔުމަށް ގަސްދު ކުރެވުނު ހިނދު ހަދާނަށް އައީ ނިޔުޒިލޭންޑްގައި އަޅުގަނޑު އުޅުނު ދުވަސްވަރު މަސައްކަތްކޮށްލަން ލިބުނު ދިރާސީ ޕްރޮޖެކްޓެއްގައި ދެވުނު ސްކޫލަކުން ފެނުނު މަންޒަރުތަކެކެވެ. އަޅުގަޑުގެ ދިރާސާއަކީ ސީދާސީދާ އިންކްލޫސިވް އެޑިޔުކޭޝަންއާ ގުޅޭ ދިރާސާއެއް ނޫނަސް އެދުވަހު އަޅުގަޑަށް ފެނުނު މަންޒަރުތައް އަދިވެސް ހަދާނުގައި ސާފުކޮށް އެބަހުއްޓެވެ. އެއީ މެންދުރުގެ ކާގަޑީގެ ވަގުތު ކަމުން އިންޓަވިއު އަށް ހަމަޖައްސާފައިވާ ކުދިންކޮޅު އަންނަންދެން ބައިގަޑިއިރެއް ހާއިރު ސްކޫލުގެ ގޯތި ތެރޭގައި ހިނގާލަން ފުރުސަތު ލިބުނެވެ. އެ ވަގުތު ސްކޫލްގެ ގޯތިތެރެއިން އެފެނުނު މަންޒަރުތަކަކީ ހަމަ ހައިރާންވާހާ އުފާވެރި މަންޒަރުތަކެވެ. އެ ސްކޫލަކީ އިންކްލޫސިވްކޮށް (ޝާމިލުކޮށް) ކިޔަވައިދޭ ސްކޫލެއް ކަމުން ޚާއްޞަ އެހީ އަށް ބޭނުންވާ ވަރަށް ގިނަ ދަރިވަރުން އެ ސްކޫލުގައި އުޅެއެވެ. ކޮންމެ ދެ ދަރިވަރެއް ތިން ދަރިވަރެއް އެއްކޮށް ފެނުނު އިރު އޭގެ ތެރެއިން ކޮންމެ ގުރޫޕެއްގެ ވެސް އެއްކުއްޖަކީ ފާހަގަ ކުރެވޭވަރުގެ ޚާއްޞައެހީތެރިކަމެއް ބޭނުންވާ ކުއްޖެކެވެ. ބައެއް ކުދިން ފްރޮލުލި ގޮނޑީގައެވެ. އަނެއްބައި ކުދިން ވާހަކަ ދައްކާ ހަދާ ތަންފެނުނީ އިޝާރާތުގެބަސް ބޭނުންކޮށްގެންނެވެ. އެހެން ދެ ކުއްޖެއް އަތުގައި ހިފައިގެން އެއްކޮށް ހިނގާތަން ފެނުނެވެ. ގަބޫލު ކުރެވޭ ގޮތުގައި އެއީ ފެނުމުގެ ދަތިކަމެއް ހުރި ކުދިންނަށް ވުން ވެސް އެކަށީގެންވެއެވެ. އަދި ޚާއްޞަކޮށް ފާހަގަކުރެވުނު އެއްކުއްޖަކީ އަނގަ ރަނގަޅަށް ނުލެއްޕި ހުންނަ ކުއްޖެއްކަމުން އަނގައިން ބޭރުވަމުން ދިޔަ ސޮނިފުހޭ ރުމާލެއް ގާތުގައި ހުރި ކުއްޖާގެ އަތުގައިވެސް އޮތްތަން ފެނުނެވެ. އޭނަ ވެސް ބައެއްފަހަރު އެކުއްޖާގެ އަނގަ ކައިރި ފޮހެދީ ހަދާތަން ފެނުނެވެ. އެއްވެސް ފަސްޖެހުމެއް ތަފާތުކަމެއް ނެތި ވަރަށް އާދައިގެ ކަމެއްގޮތުގައެވެ. މި މަންޒަރުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މިއީ ފަށާތަޢުލީމުގެ ކުދިންގެ ސްކޫލަކަށް ވާތީ ފެނުނު ކުދިންގެ ޢުމުރު ވާނީ ގާތްގަޑަކަށް 8 އަހަރާއި 10 ދެމެދުގެ ޢުމުރު ކުދިންނަށެވެ. މި ކުދިންގެ މެދުގައި އޮތް ގާތްކަމާއި އެކުވެރިކަމާއި އެއްކުއްޖަކު އަނެއްކުއްޖެއްގެ ތަފާތުކަމަށް ނުބަލައި އެހީތެރިވެދެމުން ދިޔަ ގޮތްތައް ދަރިވަރުންގެ ކިބައިގައި ހާލަތާއެކު އުޅެން ދަސްކޮށްދިނުމަކީ އުނދަގޫ ކަމެއް ނޫންކަން އިހުސާސްވި ކަމެކެވެ. ސްކޫލުގެ ގޯތިތެރޭގައި ދަރިވަރުން އުޅުނު އިރު އެހެން އެހީތެރިއަކާ ނުލައި ދަރިވަރުން އަމިއްލައަށް ކަންކަން މެނޭޖުކުރުމުގައި އޮތް އެކުވެރިކަމާ އުފާވެރި މަންޒަރުތަކަކީ ހަމަ ހަޤީޤަތުގައި ވެސް ބަލާ މީހެއްގެ ހިތް ލޯބިން ފުރޭނެ ފަދަ އަސަރުގަދަ މަންޒަރުތަކެކެވެ. މިއީ އަޅުގަނޑުގެ ހަދާނުން 4 އަހަރު ވެގެން ދިޔައިރު ވެސް އިއްޔެގައި ފެނުނު ކަމެއްހެން ހަރުލާފައިވާ ހުރި މަންޒަރުތަކެކެވެ.
އަޅުގަޑު ގަބޫލު ކުރާގޮތުގައި އިންކްލޫސިވް އެޑިޔުކޭޝަންއަކީ ކިޔަވައިދިނުމުގެ ފިލޯސަފީއާ (ވިސްނުމާ) ގުޅެން ޖެހޭ ކަމެކެވެ. އެއް ސަބަބަކީ ވިސްނުން ބަދަލުވެގެން ނޫނީ ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، އެކުޅާއި ގޮތް ވެސް، ބަދަލެއް ނުކުރެވޭނެއެވެ. އިސްވެ ދެންނެވުނު ސްކޫލުން ފެނުނު މަންޒަރުތަކަކީ ސްކޫލުގެ ހަމަޖެހިފައި އޮންނަ ސްކޫލުގެ ފިލޯސަފީއާއި ވިޝަންއާ ގުޅޭ މުހިންމު ވިސްނުންތަކެކެވެ. އެ ދުވަހުގެ އަޅުގަޑުގެ އިންޓަވިއުއެއް ޕްރިންސިޕަލާ އެކު ވެސް ހަމަޖެހިފައި އޮތެވެ. ޕްރިންސިޕަލާ އެކު ދެކެވުނު ވާހަކައިގެ ތެރޭގައި ސްކޫލުގެ ކިޔަވައިދިނުމުގެ ފިލޯސަފީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އެސްކޫލުގެ ކޮންމެ މުދައްރިސެއްގެ ވިސްނުން، ކޮންމެ ބެލެނިވެރިއެއްގެ ވިސްނުން، އަދި ސްކޫލުގެ ތެރޭގައި އުޅޭ ކޮންމެ މީހެއްގެ ވިސްނުން އިންކްލޫސިވްކޮށް ކިޔަވއިދިނުމުގެ ފިލޯސަފީއާ ވަނީ ގުޅި ލާމެހިފައެވެ. ކޮންމެ ބާވަތެއްގެ ޚާއްޞަ އެހީއެއް ހުންނަ ކުއްޖެއް ނަމަވެސް އެއީ އެހެން ކުއްޖަކާ ތަފާތުކޮށް ފެންނަ ކުއްޖެއް ނޫންކަމުގައި އޭނާ ބަޔާންކުރެއްވިއެވެ. ހުރިހާ ކުދިންނަކީ ވެސް އެއް މުޖުތަމަޢެއްގައި އުޅެން ޖެހޭ ކުދިންކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންވުމުން އާންމު ކުލާސްރޫމުގެ ކުދިން ވެސް އެހެން ކުދިންގެ ހުންނަ ތަފާތުތަކާ އެކު ކޮންމެ ދުވަހަކު ވަގުތު ހޭދަ ކުރަން ލިބުމުން ދިރިއުޅުމުގެ އެތައް ކަމަކަށް ލޯ ހުޅުވޭނެ ކަމުގައި އޭނާ ކިޔައިދިނެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ހުރިހާ ކުދިން ވެސް ޝާމިލުކުރަން ޖެހޭކަން، ތަޢުލީމަކީ ހުރިހާ ކުދިންނަށް ވެސް ލިބިދޭންޖެހޭ ހައްގެއްކަން އޭގެ ފުރިހަމަ މާނައިގައި ގަބޫލުކުރުމާއެކު، ވަކި ކުއްޖެއް ބާކީ ނުކޮށް އެހެން ކުދިންނާ އެކު އުނގެނުމުގެ ފުރުސަތު ދެވިދާނެކަން މިފަދަ މިސާލުތަކުން ހާމަވެއެވެ. އޭގެ އިތުރުން އިންކުލޫސިވްކޮށް ކިޔަވައިދިނުމަކީ ހަމައެކަނި މުދައްރިސުން ކިޔަވައިދޭ ގޮތްތަކެއްގެ ތެރެއިން ތަންފީޒުކުރެވޭ ކަމެއް ނޫންކަމާއި އޭގެ ބަދަލުގައި ތަޢުލީމު ފޯރުކޮށްދޭ ހުރިހާ ފަރާތްތައް ވެސް ފުރިހަމަ މާނައާއެކު އެފިލޯސަފީ ބަލައިގަތުން މުހިންމުކަން މި ހިއްސާ ކޮށްލެވުނު މިސާލުން ހާމަވެއެވެ.
އިންކްލޫސިވް އެޑިޔުކޭޝަން މި ކޮންސެޕްޓް ލިޔުންތަކުން ފުރަތަމަ ތަޢާރަފު ވީ 1980 ގެ އަހަރުތަކުގައި ސްޕެޝަލް އެޑިޔުކޭޝަން (ޚާއްޞަ ތަޢުލީމު) ކޮންސެޕްޓްގެ ބަދަލުގައި ބޭނުންކުރެވެން ފެށި މަފުހޫމެއްގެ ގޮތުގައެވެ (ކޮޒްލެސްކީ އަދި އަރިސް، 2016). މި ޢިލުމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިންކްލޫސިވް އެޑިޔުކޭޝަންގެ މަފުހޫމް ތަޢާރަފުވުމުން ހުރިހާ ދަރިވަރުންގެ އުނގެނުން އެއް ހަމައަކުން ޝާމިލު ކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބުނެވެ. ޚާއްޞަކޮށް، ކޮންމެ ބާވަތެއްގެ ޚާއްޞައެހީއެއް ހުރި ކުއްޖެއް ނަމަވެސް އާންމު ކުލާސްރޫމެއްގައި އޭނާގެ ޢުމުރާ އެއްވަރުގެ ކުދިންނާ އެކު، މަންހަޖެއްގެ ތެރެއިން ދެވޭ ފުރުސަތުތަކާއި، އުނގެނުމަށް ފަހިކޮށްދޭ މާހައުލާއި، އުނގެނުމަށް ދެވޭ އެހީތެރިކަން އެހެން ދަރިވަރުންނާއި އެއް ހަމައަކުން ފޯރުކޮށްދިނުމަށް ރޭވުމަށް އިސްކަންދެވެން ފެށިއެވެ (ބުއި، ކުއިރކް، އަލްމާޒަން، އަދި ވެލެންޓީ، 2010). މީގެ އިތުރުން ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ ވަކި މުދައްރިސެއްގެ ޒިންމާއެއް ކަމުގައި ދެކެމުން އައި ވިސްނުން ބަދަލުވެ، ކޮންމެ މުދައްރިސެއް ވެސް މިކަމަށް ތައްޔާރުވެ އަހުލުވެރިވުމަކީ މުހިންމު ކަމެއް ކަމުގައި ބެލެންފެށުނެވެ.
އެލިޒަބަތް ކޮޒްލެސްކީ (2016) އިޝާރާތްކުރައްވާގޮތުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ވަކިކޮށްގެން ކިޔަވައިދިނުމުގެ ވިސްނުން ތަޢުލީމީ ނިޒާމުގައި ބަދަލުވާން ފެށީ އިންކްލޫސިވް އެޑިޔުކޭޝަންގެ މައިގަނޑު އުސޫލުތައް ތަންފީޒު ކުރެވެން ފެށުމުންނެވެ. ތަޢުލީމަކީ ހުރިހާ ކުދިންނަށް ވެސް ހަމަހަމަކޮށް ލިބެންޖެހޭ ހައްގަކަށް ވާއިރު، ވަކި ބާވަތެއްގެ ޖިސްމާނީ، ނަފުސާނީ އަދި ވިސްނުމުގެ ތަފާތު ހުރުމަކީ އެހެން ކުދިންނާ އެކު އުނގެނުމުން އެކުދިން މަހުރޫމު ކުރެވެން ޖެހޭ ކަމެއް ނޫން ކަމުގައި ކޮޒްލެސްކީ (2018) ވަކާލާތުކުރައްވައެވެ. އޭނާގެ ރައުޔުގައި އެންމެ ބޮޑަށް ބާރު އެޅެނީ އާންމު ކުލާސްރޫމެއްގައި (މެއިންސްޓްރީމް) ހުރިހާ ދަރިވަރުންނަށް ވެސް ތަޢުލީމުގެ ފުރުސަތު އެހެން ކުދިންނާ އެއްގޮތަށް އެއްހަމައަކުން ލިބިދިނުމަށެވެ (ކޮޒްލެސްކީ، 2018). އެހެން ޢިބާރާތަކުން ދަންނަވާނަމަ، ކޮންމެ ކުލާސްރޫމެއްގައި ވެސް ތިބޭ ހުރިހާ ދަރިވަރުންނަށް އެއް މަންހަޖެއްގެ ތެރެއިން، އެއް ނިޒާމެއްގެ ތެރެއިން އެއްހަމައަކުން އުނެގެނުމުގެ ފުރުސަތު ފަހިކޮށްދޭނެ ގޮތްތައް ދެނެގަތުން މިހާރުގެ ތަޢުލީމީ ނިޒާމުތެރެއިން ލާޒިމުކުރެއެވެ. އެއީ ޚާއްޞައެހީއަށް ބޭނުން ކުއްޖެއްތޯ ނުވަތަ ނޫންތޯ ފަރަގުކޮށް ތަފާތު ކުރުމަކާނުލައެވެ. މި ވިސްނުމުން ތަޢުލީމީ ނިޒާމު ރާވާނަމަ ކޮންމެ މުދައްރިސަކަށް ވެސް އެކި ބާވަތްތަކުގެ ޚާއްޞަ އެހީ ބޭނުންވާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ ގޮތްތަކާއި އެކުޅުތައް އެނގެން ޖެހެއެވެ. ނޫނީ، ސްކޫލު ސިސްޓަމް ރޭވިފައި އޮންނަން ޖެހޭނީ އާންމު ކުލާސްރޫމެއްގައި ވެސް ހުރިހާ ބާވަތެއްގެ ދަރިވަރުންނަށް ވެސް އުނގެނުމުގެ މާހައުލެއް ފަހިކޮށްދެވޭ ފަދަ ގޮތަކަށެވެ.
ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދޭ މާހައުލެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާ އަދި ވަކި ޚާއްޞައެހީ އަކަށް ބޭނުން ނުވާ ކުދިންނަށް ވެސް ލިބިދޭ ނުހަނު ގިނަ ފައިދާތަކެއް ވާކަމުގައި އެކި ދިރާސާތަކުން ހާމަވެފައިވެއެވެ. މިސާލަކަށް ބުއި، ކުއިރކް، އަލްމާޒަން، އަދި ވެލެންޓީ (2010) ފާހަގަކުރައްވާގޮތުގައި އާންމު ކުލާސްރޫމެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ކިޔަވަން ފުރުސަތު ލިބުމުން އެ ކުދިންގެ އުނގެނުމުގައި ހާޞިލުވާ މިންވަރު އިތުރުވެއެވެ. މި ދިރާސާވެރިން އިތުރަށް ހާމަކުރައްވާ ގޮތުގައި ޚާއްޞައެހީއަށް ބޮނުންވާ ކުދިންނާ އެކުގައި އުޅޭއިރު، ވަކި ކަހަލަ ޚާއްޞައެހީއަކަށް ބޭނުންނުވާ ކުދިންގެ ވެސް ތަފާތު އެކި ހުނަރުތައް ކުރި އެރުމަށް މިފަދަ ކުލާސްތަކުގައި މަގު ފަހިވެގެންދެއެވެ. މިބީދައިން ޚިޔާލުކުރައްވާ އެހެން ބައެއް ޢިލުމުވެރިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ކުލާސްރޫމެއްގައި ހުރިހާ ކުދިންނަށް ވެސް އެކި ބާވަތުގެ ކުޅެދުންތަކާއި ނުކުޅެދުން ހުންނަ ކުދިންނާ މުޢާމަލާތު ކުރަން ވެސް ދަސްވެއެވެ (ޑްޕިސް، ބާރކްލޭ، ހޮލްމްސް، ޕްލެޓް، ޝާހާ، އަދި ލިވައިސް، 2006). ހަމައެހެންމެ، މިގޮތަށް ކިޔަވައިދޭ މާހައުލުގައި ކުދިންގެ ކިބައިގައި ހުންނަ ތަފާތު ގޮތްތައް ބަލައިގަތުމާއި، މުއާޞަލާތު ކުރުމުގެ ހުނަރުތަކާއި، މީހުން ދެނެގަތުމުގެ ހުނަރުތަކާއި، ތަފާތުތަކާ އެކު ދިރިއުޅެން ދަސްވުން ފަދަ ކަންތައްތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް އެހީތެރިވެދެއެވެ (ބުއި، ކުއިރކް، އަލްމާޒަން، އަދި ވެލެންޓީ، 2010). މިހުށަހަޅައިލެވުނު ޚިޔާލުތަކަށް ބަލާއިރު، ޝާމިލުކޮށް ކިޔަވައިދޭ ކިޔަވައިދިނުމުގެ މާހައުލުގައި ހުރިހާ ދަރިވަރުންނަށް ވެސް ލިބިދޭ ފައިދާތަކާއި ހާޞިލުވާ މިންވަރު އިތުރުވާކަން ހާމަވެގެންދެއެވެ. މިފަދަ ކުލާސްތަކުގައި ބޭނުންކުރެވިދާނެ ކިޔަވައިދިނުމުގެ ދެތިން ގޮތެއް ހިމަނާލާނަމެވެ.
އިންކްލޫސިވް އެޑިޔުކޭޝަން ކުލާހެއްގައި ބޭނުން ކުރެވިދާނެ ކިޔަވައިދިނުމުގެ ބައެއް ގޮތްތައް
މުދައްރިސުން ފިލާވަޅުތައް ރާވަން ޖެހެނީ ވަކި ފެންވަރެއްގެ ވަކި ކަމަކަށް މޮޅު ކުދިންނަށް އަމާޒުކޮށްގެނެއް ނޫނެވެ. އެއާ ޚިލާފަށް، ކުލާހުގައި ތިބޭ ހުރިހާ ދަރިވަރުންގެ އެކި ކަންކަމަށް ރިޢާޔަތްކޮށްނެވެ. މިފަދަ މިސާލުތައް ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯ ލިންކަށް ފިއްތަވާލައްވާށެވެ.
ހަމައެހެންމެ މި ގޮތަށް ފިލާވަޅު ރޭވިދާނެ ގިނަ ގޮތްތަކެއް ކުރިން މި ކޮލަމުގައި ލިޔެވިފައިވާ ޑިފަރެންޝިއޭޓެޑް އިންސްޓަރކްޝަން (ބަދަލުގެނެސްގެން ކިޔަވައިދިނުން) މި މައުޟޫޢުގައި ވެސް އަލި އަޅުވާލެވިފައިވާނެއެވެ. މީގެ އިތުރުން އިންކްލޫސިވް ކްލާސްރޫމެއްގައި ބޭނުން ކުރެވިދާނެ ފަސް ކަމެއް ތިރީގައި ބަޔާންކޮށްލާނަމެވެ.
(1) ކުލާހުގެ ކޮންމެ ދަރިވަރެއްގެ ވެސް އިންޑިވިޑުއަލް އެޑިޔުކޭޝަނަލް ޕްލޭން (އައި.އީ.ޕީ) ދެނެގަތުން
މިހާރުގެ ތަޢުލީމީ ނިޒާމުގައި ހުރިހާ ދަރިވަރުން ވެސް ފަށާތަޢުލީމު މަރުހަލާގެ ކުރިން އައި.އީ.ޕީ ހަދައެވެ. ދިވެހިރާއްޖޭގައި ވެސް ދަރިވަރުންގެ ކިބައިން ތަފާތު ކަމެއް ނުވަތަ އެހެން ކުދިންނާ ފަރަގުކަމެއް އާންމު ހެދިބޮޑުވުމުގައި އުޅޭނަމަ އައި.އީ.ޕީ ހަދައެވެ. މިކަމަކީ ވަރަށް ގިނަ ގައުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކި ޚާއްޞަ ޑީޕާރޓްމަންޓަކުން ބަލަހައްޓާ މޮނިޓަރކުރެވޭ ކަމެކެވެ. މިފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައިވާ ނުވަތަ ފާހަގަ ކުރެވޭ ވަކި ޚާއްޞަ އެހީތެރިކަމެއް ދޭން ޖެހޭ ކުއްޖެއް ކުލާހަކަށް އަންނަ ނަމަ އެމުދައްރިސަކަށް ދަރިވަރުގެ އައި.އީ.ޕީގެ މަޢުލޫމާތު ހިއްސާކުރުން މުހިންމު ވާނެއެވެ. މި ފަދަ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށްގެން ކުލާހުގެ ކިޔަވައިދިނުން ރޭވުމުން ހުރިހާ ދަރިވަރުންނަށް ވެސް އުނގެނުމުގައި އެއްވަރަކަށް އެހީތެރިވެދޭން މުދައްރިސަށް ފަސޭހަވާނެއވެ.
(2) ކިޔަވައިދިނުމުގައި ޔުނިވަރސަލް ޑިޒައިން އޮފް ލާރނިން (ޔޫ.ޑީ.އެލް) ބޭނުން ކުރުން
ޚާއްޞަކޮށް އިންކްލޫސިވް ކުލާހެއްގައި ކިޔަވައިދޭއިރު މުދައްރިސުންނަށް ބޭނުންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ޔޫ. ޑީ. އެލް ފަދަ ކޮންސެޕްޓްތައް ހިމަނައިގެން ކިޔަވައިދިނުން ރޭވުން މުހިންމެވެ. ޔޫ.ޑީ.އެލް އަކީ އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާގެ މަޝްހޫރު ދިރާސާވެރިން ކަމުގައިވާ އޭން މެއިޔަރ އަދި ޑޭވިޑް ރޯސްގެ ލިޔުންތަކުން 1990 ގެ އަހަރުތަކުގެ ތެރޭގައި ތަޢާރަފު ކުރެވިފައިވާ އިންކްލޫސިވް ކުލާސްރޫމުގެ ކިޔަވައިދިނުމާ ގުޅޭ މުހިންމު ތިއަރީއެކެވެ. މި ތިއަރީގެ މައިގަނޑު ވިސްނުންތައް ގުޅިފައިވަނީ ތިން ކަމަކާއެވެ. އެ ކަންކަން ހިމަނާލެވިފައިވާ ހޫލަ 1 ގައި ވާގޮތަށް ބަލާއިރު، ފާހަގަ ކުރެވެނީ ކޮންމެ ކަމެއްގައި ވެސް ތަފާތު ގިނަ ބާވަތުގެ ގޮތްތަކެއް ބޭނުންކުރުމުގެ މުހިންމު ކަމެވެ. މީގެ ބޭނުމަކީ އެކި ކުދިންގެ ހުންނަ ކުޅެދުންތަކާއި ނުކުޅެދުންތަކަށް ވެސް އަމާޒުކޮށްގެން ކުލާހުގައި ރޭވޭ ހަރަކާތްތަކުގައި ގިނަ ގޮތްގޮތް ބޭނުން ކުރުމެވެ. މިސާލަކަށް ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކާ އެންމެ ގުޅޭ ގޮތަކަށް ނުވަތަ ބޭނުންވާ ގޮތަކަށް ކިޔަން ހަވާލު ކުރާ އެއްޗެއް ކިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މާނައަކީ ކިޔަން ހަވާލު ކުރެވޭ އެއްޗެއް ހަވާލު ކުރެވޭއިރު، ކިޔުންތައް ހުންނާނީ އެކި ފޮންޓް ސައިޒުތަކުގެ ޕްރިންޓް ކުރެވިފައި، ބަލައިގެން ކިޔަން އުދަނގޫ ކުދިންނަށް އަޑު އަހަން، ފޮތުން ކިޔަން އުދަނގޫ ކުދިންނަށް ތަސްވީރު ކާޑާއެކު، ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު އަދި މިނޫން ވެސް އެހެނިހެން ގޮތްތަކެއް ބޭނުން ކުރެވޭ ގޮތަށް ހަމަޖެހިފައެވެ. ހަމައެހެންމެ، ހަވާލު ކުރެވޭ ޓާސްކްތައް ފުރިހަމަ ކުރުމުގައި ވެސް ދަރިވަރުންނަށް އެއްގޮތަށް ވުރެ ގިނަ ގޮތް އިޚްތިޔާރު ދެވުމެވެ. މިސާލަކަށް އެނގެނު އެއްޗަކާ ބެހޭގޮތުން ވާހަކަ ދެއްކުން، ތަސްވީރު ކުރެހުން، އެއާ ބެހޭގޮތުން ލިޔުން، އަތުންލިޔުން/ޓައިޕްކުރުން، ވީޑިއޯ ހެދުން، ޕޮސްޓަރ ހެދުން، ހަރަކާތުން ދެއްކުން، ލަވައަކުން ހުށަހެޅުން އެހެންވެސް އެކުއްޖަކު ގަޔާވާ ގޮތަކަށް އޭނައަށް އެނގުނު އެއްޗެއް ބުނެދޭނެ ތަފާތު ގޮތްތަކެއް ހިމެނުމެވެ. މިގޮތަށް ކިޔަވައިދޭއިރު ސްޓޭންޑަޑައިޒްޑް ނުވަތަ ހުރިހާ ދަރިވަރުން އެއްގޮތަކަށް ހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެއެވެ. މިފަދަ ގޮތްތަކަކީ ކިޔަވައިދިނުން ރާވާއިރު ދުރާލައި ރާވާނަމަ ކުރުން އުނދަގޫ ކަންތައްތަކެއް ނޫނެވެ.
(3) ދިރިއުޅުމުގައި ބޭނުންންވާ ހުނަރުތަކަށް ކިޔަވައިދިނުން އަމާޒު ކުރުން
މިއީ އިންކްލޫސިވް ކުލާސްރޫމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅައިފައިވާ ކަމެކެވެ. ދަރިވަރުން ތައްޔާރުކުރަން ޖެހެނީ ދިރިއުޅޭށެވެ. ދިރިއުޅުމަށް ބޭނުންވަނީ ދިރިއުޅުމުގެ ހުނަރުތަކެވެ. ކިޔައވައިދިނުމުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދޭ ގޮތްތަކުގެ ތެރެއިން ދަރިވަރުން ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކުރުމެވެ. މިގޮތުން މީހުންނާ މުޢާމަލާތުކުރުމާއި، އަމިއްލަ ނަފުސު މެނޭޖުކުރުމާއި، ކަންކަން ދެނެގަނެ ހޯދާނެ ގޮތް އެނގުމާއި، މައްސަލަ ހައްލުކުރަން އެނގުމާއި، ކަންކަމުގައި ވިސްނާނެ ގޮތް އެނގުމާއި މިފަދަ ހުނަރުތަކާ ގުޅުވައިގެން ކިޔަވައިދިނުން ރޭވުން އެއީ އިންކްލޫސިވް ކްލާސްރޫމުތަކުގެ ކިޔަވައިދިނުން ބައްޓަން ކުރަންޖެހޭ އެންމެ މުހިންމު އެއް އުސޫލެވެ.
(4) ގިނަ މުދައްރިސުން ބައިވެރިވެގެން ކޮލެބޮރޭޓިވްކޮށް ކިޔަވައިދިނުން
އިންކްލޫސިވްކޮށް ކިޔަވައިދިނުމަކީ އާންމުކޮށް އެންމެ މުދައްރިސެއް އެކަނި ކިޔަވައިދިނުމަށް ވުރެ ދޭއް ނުވަތަ ތިން މުދައްރިސުން ބައިވެރިވެގެން ކިޔަވައިދިނުން ރާވައި މެނޭޖްކުރަންޖެހޭކަމެކެވެ. މާނައަކީ އެކި ބާވާތުގެ އެހީތެރިކަން ބޭނުންވާ ކުދިންނަށް އައި.އީ.ޕީގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ރިޢާޔަތްކޮށްގެން ކުލާހުގައި އެ ދަރިވަރުންނަށް އުނގެނުމުގެ މާހައުލެއް ފަހިކޮށްދޭން މަސައްކަތް ކުރުމެވެ. މި ފަދަ ކުލާސްރޫމުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކޮންމެ ދަރިވަރަކަށް މުދައްރިސެއް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމުވަނީއެއްނޫނެވެ. ތިން މުދައްރިސުން ވެސް ކިޔަވައިދިނުން މެނޭޖު ކުރާނީ އެއްކޮށް ހުރިހާ ކުދިން ޝާމިލު ކޮށްގެން ގެންދެވޭގޮތަށް ބައިވެރިވެގެންނެވެ.
(5) ދަރިވަރުންގެ ސުލޫކު ވަކިގޮތަށް ބައްޓަން ކުރުން
އިންކްލޫސިވް ކޮށް ކިޔަވައިދޭ ކުލާސްރޫމުތަކަކީ ތަފާތުތަކެއް ހުންނަ ނުވަތަ ވަކި ބާވަތެއްގެ ޚާއްޞައެހީތެރިކަމެއް ބޭނުންވާ ދަރިވަރުން ތިބޭ ކުލާސްރޫމަކަށް ވާތީ އެކި ބޭނުންތަކާއި، ކަންކަމަށް ރިޢާޔަތްކޮށްގެން ކުލާހުގެ ކަންތައް މެނޭޖުކުރަންޖެހެއެވެ. އެހެން ކަމުން ކުލާހުގެ ހުރިހާ ކުދިން ވެސް ވަކި ގޮތަކަށް ހުރިހާ ކަމެއް ވަކި ރޫޓީންތަކަކަށް އާދަ ކުރުވުމާއެކު، ޚާއްޞަ އުސޫލުތަކެއް ކުލާހުގައި އޮންނަން ޖެހޭނީ ގާއިމު ކުރެވިފައެވެ. މިގޮތުން ގަވާޢިދުތައް ރަނގަޅަށް މޮނިޓަރ ކުރުމާއި، ރޫޓީން (އާދަވެގެން ކުރާކަންކަން) ރަނގަޅަށް ގެންދިއުމާއި ސަމާލުވާންޖެހޭ ކަންކަން އަބަދު ހަދާންވާނެ ފަދަ ގޮތަކަށް ފެންނަން ހުރުން ފަދަ ހުރިހާ ކަމަކީ ވެސް އިންކްލީސިވް ކުލާސްތަކުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންކަމެވެ. މިސާލަކަށް ކުލާސްރޫމުގައި ގެންގުޅެން ޖެހޭ އުސޫލުތަކަކީ:
* ކޮންމެދުވަހަކު އާންމުކޮށް ކުރާނެކަންތައް ލިޔެވިފައި އޮތުން
* ކުލާހުގެ ގަވާޢިދުތައް ކުދިންގެ ސުލޫކު ހުންނަންވާ ގޮތް ސާފުކޮށް ދޭހަވާނެ ގޮތަށް ފެންނަން ހުރުން
* ދަރިވަރުން އެކަކު އަނެކަކަށް އެހީތެރިވެދޭނެ ގޮތްތައް ލިޔެވި ހަމަޖެހިފައި އޮތުން
* ކުލާސްރޫމު ސިގްނަލްތައް ގެންގުޅުން (އަޑުމަޑުކުރުން، މަސައްކަތު ވަގުތު، ކިޔާވަގުތު، އެއްޗެހި ތަރުތީބުކުރާ ވަގުތު، މިފަދަ އެހެންވެސް ބޭނުންތެރި ތަފާތު ސިގްނަލްތައް ކުލާހުގައި ބޭނުން ކުރުމަށް ތައްޔާރު ކުރެވިފައި ހުރުން)
* ކުލާހުގައި އެއްޗެތި ތަރުތީބު ކުރެވި ރަނގަޅަށް ލޭބަލް ކުރެވިފައި (ނަން ޖަހައިފައި) ހުރުން
* ދަރިވަރުންނަށް ދިމާވާ ކަންކަމުގައި ވަކިވަކިން ވާހަކަ ދެއްކުން
މިގޮތަށް ރޭވިފައި އޮންނަ އިންކްލޫސިވް ކުލާހެއްގައި ހުރިހާ ކުދިންނަށް ހާސިލުވާންޖެހޭ މަޤުޞަދު އޮންނާނީ އެއްގޮތަކަށް ނޫނެވެ. އެހެންކަމުން ކޮންމެ ދަރިވަރެއްގެ ވެސް ކުރިއެރުންތައް ބެލޭނީ ވަކިވަކިން އެކުއްޖެއްގެ ކަނޑައެޅިފައިވާ ގޯލްތަކަށް ވާސިލުވުމަށް އެހީތެރިވެދިނުމަށެވެ.
މިއަދުގެ ކޮލަމް ނިންމާލަމުން ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިހުށަހަޅައިލެވުނު މަޢުލޫމާތު ކޮޅަކީ ވެސް ކިޔަވައިދިނުމުގެ ދާއިރާއާ ގުޅޭގޮތުން ލިޔެވުނު މުހިންމު ވާހަކަ ކޮޅެއް ކަމެވެ. އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެންގެ ސްކޫލުގެ މާހައުލުން ވެސް ޚާއްޞައެހީތެރިކަމަކަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ ބުރަކަމެއްގެ ގޮތުގައި ދުށުމަށްވުރެ ކުރާހިތުން ޝައުޤުވެރިކަމާ އެކު މުޅި ސްކޫލުގެ އެންމެން ބައިވެރިވެގެން ކުރާ މަސައްކަތަކަށް ހެދުމެވެ.