މިއަދު ހުށަހަޅަން ގަސްދުކޮށްފައި މިވަނީ ވަރަށް މުހިންމު މައުޟޫޢެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދަރިވަރުންގެ އުނގެނުމުގެ ހުރިހާ މަރުހަލާތަކަކަށް ވެސް ބޭނުންވާ އަދި ހަމަ އެހެންމެ ދިރިއުޅުމުގެ ހުރިހާ ހަރުފަތްތަކުގައި ވެސް އެހާމެ މުހިންމު ކަމެކެވެ. ދަރިވަރުންގެ ކިބައިގައި އުނގެނުމަށް ލޯބި އިތުރުކޮށް އެލޯބި ދަމަހައްޓަން އަޅުގަނޑުމެން މުދައްރިސުންނަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައިލުމެވެ. ޙަޤީޤަތަކީ އުނގެނުން އެއީ ޝައުގުވެރިކަމެއް ނެތި ކުރެވޭނެ ކަމެއް ނޫނެވެ. މީގެ އެންމެ ބޮޑު ޙަޤީޤަތަކީ އިންސާނުންގެ ސިކުނޑީގެ ކަންކަން ހިނގާގޮތާއި އިހުސާސްތަކާ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ކުރީގެ ބައެއް ލިޔުންތަކުގައި ވެސް މިކަމަށް އަޅުގަނޑު ވާނީ އިޝާރާތްކޮށްފައެވެ. ދަރިވަރުން އުނގެނެމުންދާ އެއްޗަކާއި އެކުދިންގެ ތަޖުރިބާތަކާ ގުޅުވައި، އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެތިން ލިޔުމެއްގައި އަލިއަޅުވާލެވިފައިވާނެއެވެ. މިގޮތުން ވިސްނާލާއިރު، އިންސާނުންގެ ސިކުނޑިއަކީ ކޮންމެ ޢުމުރެއްގައި ވެސް އޭނާގެ ހާޔާތުގައި ބޭނުންވާ ކަންތައްތަކަށް، ހާލަތްތަކަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އުނގެނުމަކީ ތަބީޢީ ގޮތުން އިންސާނުންނަށް ލިބިދީފައިވާ ކަމެއް ނަމަވެސް އެކަން މެދުވެރިވަނީ އޭނާއަށް އެކަން ބޭނުންވާ މިންވަރާއި، އެކަމަށް އޮންނަ ޝައުޤުވެރިކަމާއި، ގަޔާވުމާއި، ބޭނުންވުމާއި، މިހުރިހާ ކަމެއް ގުޅިގެންނެވެ. ސާފުބަހުން ދަންނަވާނަމަ، ސިކުނޑިއަށް އެއްޗެއް ނަގައިގަނެވި އެއިން އެއްޗެއް ދޭހަވެ، އޭގެ ބޭނުމެއް ކުރެވެނީ އިންސާނުން އެކަމަށް އެދިގެން ބޭނުންވެގެންނެވެ (ފޯރޑް އަދި ފޯރޑް، 2019). މިރައުޔަށް ބަރޯސާވާނަމަ، އުނގެނުމުގެ އެންމެ އަސާސީ ކަމަކީ އުނގެނެން ބޭނުންވުމާއި ޝައުގުވެރިވުމާއި އުނގެނެން އުޅޭ އެއްޗަކަށް ގަޔާވުމެވެ. ހަމައެގޮތުން އުނގެނުމަކީ އިންސާނުން ދުނިޔޭގައި އުޅުމަށް ލާޒިމު ކުރާ ކަމެއްކަން ވެސް މި ޢިލުމުވެރިން އިތުރަށް ފާހަގަކުރައްވާފައިވެއެވެ. މާނައަކީ އުނގެނުމާއި ނުލައި އިންސާނުންނަށް ދިރިއުޅެން އުދަގޫވާނެއެވެ.
ފަހަރުގައި އުނގެނުން މިތާގައި މި މާނަކުރެވުނު ގޮތާއި މަދަރުސާއެއްގައި ކިޔަވައިދީގެން، އުނގެނުން ހިނގާ ގޮތާ މެދު ކުޑަ ފަރަގެއް ހުރެދާނެއެވެ. ނަމަވެސް އެއްގޮތް ކަމެއް ކަމަށް ގަބޫލު ކުރެވެނީ އުނގެނުމަކީ ކޮންމެ ފަހަރަކު މުދައްރިސެއް ނުވަތަ އެހީތެރިއެއްގެ އެހީގައި ހިނގާ ކަމެއް ނޫންކަމެވެ. މަދަރުސާއެއްގައި ނުވަތަ އުނގެނުމަށް އަމާޒު ކުރެވިގެން ރޭވޭ ކަންކަމުގައި މުދައްރިސުންނަކީ އުނގެނުމަށް އެހީތެރިވެދެވޭނެ ނުވަތަ މެދުވެރިއަކަށް ވެދާނެ މީހުންނެވެ. އެހެންނަމަވެސް، ގަބޫލުކުރަން ޖެހޭ ކަމަކީ މުދައްރިސުން ކިތަންމެ މަސައްކަތް ކުރިޔަސް ދަރިވަރުން އެ އުނގެނޭ އެއްޗަކަށް ޝައުގުވެރިވެ، ބޭނުންވެގެން ނޫނީ އުނގެނުން ރަނގަޅަކަށް ނުހިނގާނެކަމެވެ.
ސްކޫލުގެ މާހައުލަށް ބަލާލާނަމަ، ފާހަގަ ކުރެވޭ ވަރަށް ގިނަ ނުރަނގަޅު ވިސްނުންތައް އާންމުވަމުންދާ ކަން އަޅުގަނޑަށް ފާހަގަކުރެވެއެވެ. މިސާލަކަށް އަޅުގަނޑުމެން މުދައްރިސުންނަށް ވަރަށް ގިނަފަހަރަށް އުނގެނުން ބެލެވެނީ ވަގުތީ ކަމެއްގޮތުގައެވެ. އެވަގުތު އެކިޔައިދޭ އެއްޗެއް ދަސްވިކަން ހާމަވާ ލަފުޒެއް، ޢިބާރާތެއް، ޖުމުލައެއް ދަރިވަރުންނަށް އެނގުމުން އެއީ އުނގެނެވުނު ކަމުގައި ގަބޫލު ކުރެވެއެވެ. ހަމައެހެންމެ އިމުތިހާނެއްގައި އެ ކިޔަވައިދެވުނު ބައިތަކާ ގުޅިގެން ދޭ ސުވާލުތަކުގެ ޖަވާބު ދެވުމުން އެއީ އެންމެ ބޮޑަށް އެނގޭ ދަރިވަރު ކަމުގައި ނިންމެއެވެ. އުނގެނުމަކީ ކޮންމެހެން އިމުތިހާނަކާއި ގުޅިފައިވާ ކަމެއް ނޫނެވެ. މާނައަކީ އިމުތިހާނެއް ހެދުމަށް އެއްޗެއް ދަސްކޮށްލާ ދަސްކޮށްލުން އެއީ އެންމެ ފުރިހަމަ އުނގެނުމަކަށް ނުވާކަމެވެ. އަދި ޚާއްޞަކޮށް މިގޮތަށް އުނގެނޭ އުނގެނުމުގެ ސަބަބުން އުނގެނުމަށް ލޯބި ޖެއްސޭކަމަށް ވެސް މުޅި އެކުން ގަބޫލެއް ނުކުރެވެއެވެ. މިއަދުގެ މައުޟޫޢު ގައި އަޅުގަނޑުގެ މައިގަނޑު އަމާޒަކީ ހަގީގަތުގައި އުނގެނުމަށް ޝައުގުވެރި ކުރެވޭނީ ކިހިނެއްތޯ ދެނެގަތުމެވެ. މިއީ އެއްވެސް ހާލެއްގައި ލިބޭ މާކުހަކަށް، ސަރޓިފިކެޓަކަށް، ނަތީޖާއަކަށް އެދިގެން ކުރާކަމަކާ މުޅިން ޚިލާފު ކަމެކެވެ. އަބަދުމެ، އިމުތިހާނަށް، މާކުހަށް ނުވަތަ ވަޒަން ކުރުމަށް އަމާޒުކޮށްގެން އުނގެނުން ރޭވޭތީ ދަރިވަރުންގެ ވިސްނުން ވެސް ބައްޓަންވެފައި އޮންނަނީ އުގެނުމަކީ ހަމައެކަނި ނަތީޖާއާ ގުޅިފައިވާ ކަމެއް ގޮތަށެވެ. އުނގެނުމަށް ޝައުގުވެރިވުން، އާ ކަންތައްތައް ދަސްކުރަން ބޭނުންވުން، އާ ހުނަރުތައް ލިބިގަންނަން ބޭނުންވުން، ފަދަ ކަންކަން ދަރިވަރުންގެ ކިބައިގައި ހަރުލެއްވުން މުހިންމު ކަމެއްކަމަށް މާބޮޑަކަށް ސަމާލުކަމެއް ނުދެވެއެވެ. އެންމެ ތުއްތުއިރުއްސުރެ، އުނގެނުމަށް ޝައުގުވެރިކަން އުފައްދާ، ހިތްވަރުދީ، އުނގެނުމުގައި ދެމިހުރުމަށް ބާރުއަޅައި، އާ އެއްޗެހި، އާ ކަންތައް ދެނެގަތުމަށް ޝައުގުވެރިކަން އިތުރުކުރުމަށް އުނގެނުން ފަރުމާ ކުރާއިރު ފަރުވާތެރިއެއް ނުވެވެއެވެ.
މި މައުޟޫޢަށް އަލި އަޅުވާލަން ގަސްދުކުރުމުގެ އެންމެ އިސް ސަބަބަކީ އަޅުގަނޑުގެ އަމިއްލަ ކިޔަވައިދިނުމުގެ ތަޖުރިބާގައި ދަރިވަރުންގެ އުނގެނުމުގެ ޝައުގާ މެދު ފާހަގަ ކުރެވިފައިވާ ވަރަށް ގިނަ ކަންތައްތަކެއް ހިއްސާކޮށްލަން ބޭނުންވާތީއެވެ. މިސާލަކަށް، މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ވަރަށް ގިނަ ދަރިވަރުންގެ ކިބައިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އަވަހަށް ސަރޓިފިކެޓެއް ހޯދައިގެން ޑިގްރީއެއް ނިންމާލެވުނު ކަން އިޢުލާން ކުރުމެވެ. ނުވަތަ އެބައިވެރިވާ ކަމެއް ނިމުމުން ލިބޭ ކަރުދާސް ކޮޅު ހާސިލުކުރުމެވެ. ކުލާހުގައި ކިޔަވައިދޭ ބައިތައް ދެނެގަތުމާއި، އޭގެ ބޭނުންތެރިކަމާ މެދު ވިސްނުމާއި، އެ އުނގެނޭ އެއްޗެއްގެ ބޭނުން ފަހުން ކުރެވިދާނެ ގޮތާ މެދު ޚިޔާލުކޮށް، އުނގެނުމުގެ ޝައުގު ފާހަގަ ކުރެވެނީ ވަރަށް މަދު ދަރިވަރެއްގެ ކިބައިންނެވެ. ކުރުކޮށް ދަންނަވާނަމަ، އުނގެނުން އޭގެ ފުރިހަމަ މާނައިގައި އޭގެ ތަޖުރިބާކޮށް އެކަން ބަލައިގަނެ، އެއިން ތިމާއަށް ލިބިދާނެ އެހެނިހެން ފައިދާތަކާ މެދަކު ނުވިސްނައެވެ. ހަމައެކަނި އެ ކަރުދާސްކޮޅުގެ ސަބަބުން ހާސިލުވާނެ ނަން އެއީ އިސްކަން ދެވޭ ކަމެވެ. މިއީ ހިތާމަވެރިކަމެކެވެ. މާނައަކީ އަޅުގަނޑުމެންގެ ދަރިވަރުން އެންމެ ތުއްތު އިރުއްސުރެ މާކުހަށް ފޯކަސްކޮށްގެން ކިޔަވައިދީ، ހަމައެކަނި އުނގެނުމުގެ ނަތީޖާއަށް ބަރޯސާވެގެން އުނގެނުން އަގުވަޒަންކުރަން ދަސްކޮށްދީ އާދަ ކުރުވިފައިވާތީ ދިމާވާ ކަމެއް ކަމުގައި ގަބޫލު ކުރެވެއެވެ. އަޅުގަނޑުގެ ދަރިވަރުންގެ ކިބައިގައި ވެސް އުނގެނުމުގައި ހިމެނިފައިވާ މަޖާކަމާ، އުނގެނުމުގެ ތަޖުރިބާތަކާއި، އުނގެނުމުގެ އިހުސާސް ތަޖުރިބާކުރުމަށް ހުންނަ ޝައުގު ވަރަށް ކުޑައެވެ. އާ އެއްޗެއް ދަސްކުރުމުގެ ރޫހެއް، އާ ކަމަކާ މެދު ވިސްނައި ސިކުނޑި ހުޅުވަން މަސައްކަތްކުރުމުގެ ފޯރިއެއް ނުހުރެއެވެ. ސްކޯރއެއް/ގްރޭޑެއް ނުލިބޭނަމަ، އެއިން އިމުތިހާނެއް ނުދޭނަމަ، އެނގުނުމުގެ ސަބަބުން ފަހުން ލިބޭ އެއްޗެއް ނެތްނަމަ އެއަށް އޮންނަ ޝައުގު ދަށެވެ. އެންމެ ކުރުކޮށް ދަންނަވާނަމަ، އުނގެނުން ސީދާ އުނގެނުމުގެ ގޮތުގައި ވެލިޔު/އަގު ނުކުރެވޭތާ އަދި ކުރަން ބޭނުން ވެސް ނުވެއެވެ. ފަހަރުގައި އަޅުގަނޑުމެންގެ މަދަރުސީ ތަޢުލީމު ބައްޓަން ކުރެވިފައިވާ ވާގޮތުން އެ ކުދިންގެ ކިބައިގައި ޢިލްމަށް އޮންނަ ލޯތްބާއި އަގުވަޒަންކުރުމުގެ ރޫހު އާލާ ކުރެވިފައި ނެތީކަމަށް ވެދާނެއެވެ.
އުނގެނުމުގެ އަގު ވަޒަންކުރަން ނުވަތަ އުނގެނުމުގެ ރޫހު އާލާކުރަން ފަށަން ޖެހެނީ އެންމެ ތުއްތު އިރުއެވެ. މިގޮތުން އުނގެނުމަކީ އުފާވެރި، މާހައުލެއްގައި ހޭލަމޭލިކޮށް ކުރެވޭކަމަކަށް ވުން މުހިންމެވެ. އެކި ކުދިންގެ މެދުގައި ތަފާތު މުޢާމަލާތްތައް ކުރެވި، ވާހަކަދެކެވި، ތަޖުރިބާތައް މުއްސަނދިވެ، އާނހާ މޮމެންޓްސް (އުނގެނެވުނު ކަމުގެ އިހްސާސް) ކުރުމަށް ފުރުސަތު ލިބޭގޮތަށް ރޭވޭ ކަމަކަށް ވާންވެސް ޖެހެއެވެ. އަމިއްލަ ސިކުނޑީގެ ގާބިލުކަން އަންދާޒާކޮށް، ތަފާތު ގޮތްގޮތަށް ކަންކަމާމެދު ވިސްނުމަށް ދެވޭ ފުރުސަތުތަކެއްގެ ތެރެއިން ރޭވި ތަރުތީބު ކުރެވޭ ކަންކަމަށް ވުން ވެސް މުހިންމެވެ. އުނގެނުމަކީ އިމުތިހާނަކަށް ކުރާކަމަކަށް ވުރެ ނުވަތަ މުދައްރިސް ކުރާ ސުވާލަކަށް ޖަވާބު ދިނުމަށް ދަސްކޮށްލެވޭ އެއްޗަކަށްވުރެ ފުޅާކޮށް ކުރެވެން ޖެހޭ ކަމެކެވެ. ވަރަށް ތިލަކޮށް ދަންނަވާނަމަ، ޢިލްމަށް ނުވަތަ އުނގެނުމަށް ފެންބޮވާފައިވާ ބަޔަކަށް ހެދުމަށް ޓަކައި، ދަރިވަރުން ތުއްތު އިރު ތަމުރީނުކޮށް ތަރިބިއްޔަތު ކުރަން ޖެހެއެވެ. އޭރުން މުޅި ދިރިއުޅުމުގައި ވެސް އުނގެނުމުގެ އަގުވަޒަންކޮށް އެކަމުން އެ ކުދިންނަށް ލިބިދޭ އުފާ އަދި ހިތްހަމަޖެހުން އިހުސާސްކުރަން ދަސްވާނެއެވެ.
ކުރިންވެސް އިޝާރާތް ކުރިފަދައިން އުނގެނުމަށް ލޯބި ޖައްސަން ފަށަންވީ އެންމެ މުހިންމު ޢުމުރަކީ ތުއްތު އިރުއެވެ. ޅަފަތުގައި ގިނައިން ފޮތާ އެކު، ވަގުތު ހޭދަކުރުމާއި، މައިންބަފައިންނާ އެކު ފޮތްކިއުމާއި، ފޮތުގައި ހުންނަ ތަފާތު މަޢުލޫމާތާ ގުޅޭގޮތުން ވާހަކަ ދެއްކުން ފަދަ ކަންކަން އެއީ އެންމެ ޅަފަތުގައި ވެސް ކުރުން މުހިންމު ކަންކަމެކެވެ. ހަމަ މިއާއެކު ފޮތްތަކުގައި ހުންނަ ކަންކަމަށް ކުދިންގެ ޅަ ސިކުނޑިތައް ހުޅުވާލެވޭ ފަދަ އުކުޅުތައް ބޭނުންކޮށް މަޖާގޮތްތައް ހިމަނައިގެން ފޮތްކިޔުމާ، އުފާވެރި މަޖާ ވަގުތުތަކުގައި ފޮތްކިއުން ފަދަ ކަންކަން ކުރުމެވެ. މީގެ އިތުރުން މަޖުބޫރުކަމެއް އިހުސާސް ނުވާ ފަދަ ގޮތަކަށް އުނގެނުމުގެ ކަންކަން ދިރިއުޅުމުގެ މުހިންމު ހިއްސާއަކަށް ހެދުމަކީ މުހިންމު ކަމެކެވެ. ހަމަ މިގޮތަށް ތަފާތު ބާވަތްތަކުގެ ކުރެހުންތަކާއި، އާ ކަންކަން ޢަމަލީ ގޮތުން ތަޖުރިބާކުރަން ތުއްތުކުދިންނަށް ފުރުސަތު ފަހިކޮށްދީ ހެދުމަކީ ވެސް މުހިންމު ކަމެކެވެ. މިފަދަ ވަރަށް އާދައިގެ ކަންކަމުގެ ސަބަބުން ކުދިންގެ ހިތުގައި ކަންކަން އުނގެނުމަށް ޝައުގު އުފެދި އަދި އުނގެނުން/ވިސްނުން އެއީ ދިރިއުޅުމުގެ މުހިންމެ ހިއްސާއަކަށްވެ އޭގެ ބޭނުންތެރިކަން ބަލައިގަނެވޭނެއެވެ.
އުނގަންނައިދޭއިރު ދަރިވަރުންގެ ހިތުގައި އުނގެނި ހޯދުމުގެ ޝައުގު އިތުރު ކުރުމަށް ކުރެވިދާނެ ދެތިން ކަމަކަށް މިތާގައި ބައެއް ތަޖުރިބާކާރުންގެ ޚިޔާލުތަކާއެކު އަލިއަޅުވާލަނަމެވެ. މިގޮތުން ފާހަގަކޮށްލެވޭ ޚިޔާލުކޮޅެއް ހިމަނާލެވިފައި މިވަނީ އޭޝްލީ ކުލިންސް (2017) ހުށަހަޅުއްވާފައި ލިޔުމަކުންނެވެ. މިލިޔުމުގައި އިޝާރާތްކުރައްވާ ގޮތުގައި، ތުއްތު ކުދިންގެ ހިތުގައި އުނގެނި ހޯދުމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރެވިދާނެ މުހިންމު ދެތިންކަމެއް ފާހަގަކޮށްލެވެއެވެ.
- ތުއްތުކުދިން ގަޔާވާކަންކަން ހޯދައިބަލައި ދެނެގަނެ ތަޖުރިބާކުރުމަށް ފުރުސަތު ފަހިކޮށްދީ އެހީތެރިވުން: މިގޮތުން ކުރެވިދާނެ ކަންކަމަކީ އެކުދިން ކުރާ އެކި ކަންކަމާ ގުޅުވައިގެން ވާހަކަ ދައްކާ، ކިޔާ ފޮތްތަކުގައި ވާ މަޢުލޫމާތާއި، ބަލާ ކާނޓޫނު ނުވަތަ ފިލްމް އަދި ކުޅޭ ގޭމްސް/ކުޅިވަރުފަދަ އެކި ކަންކަމާ ބެހޭ ގޮތުން ދަރިވަރުންނާއެކު ވާހަކަ ދައްކާ އެ ކުދިންގެ އަމިއްލަ ހިތުގައި އެކަންކަންކަމުގެ ޝައުގުވެރިކަން އޮތް ނެތް ގޮތް ދެނެގަތުމަށް އެހީތެރިވެދިނުމެވެ. މިއީ އަޅުގަނޑުމެންނަށް ބެލެނިވެރިންގެ ހައިސިއްޔަތުން ވެސް އަދި މުދައްރިސުންގެ ހައިސިއްޔަތުން ވެސް ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ވަކި މާއްދާއެއްގައި ކިޔަވައިދޭ އެއްޗަކަށް ސީދާ އަމާޒުކޮށްގެން މިފަދަ ވާހަކަތައް ދެއްކުމަށްވުރެ، ކުދިންގެ ކިބައިން ނުވަތަ ކުރާ ކަންކަމުން އަދި ދައްކާ ވާހަކަތައް އަޑު އަހައި ދަރިވަރުންގެ އާންމު ޝައުގު ހުންނަ ކަންކަމާއި އަދި ޚާއްޞަ ޝައުގު ހުންނަ ކަންކަން ދެނެގަތުމަށް އެހީތެރިވެދެވިދާނެއެވެ.
- ކަންކަން އަމިއްލައަށް ތަޖުރިބާ ކުރަން ފުރުސަތު ދިނުން: މިއީ އާންމުކޮށް އަޅުގަނޑުމެން ފަދަ ގައުމުތަކުގެ ކިޔަވައިދިނުމުގައި ވަރަށް މަދުން ދަރިވަރުންނަށް ދެވޭ ފުރުސަތުތަކެކެވެ. ދަސްކުރާ އެއްޗަކާ ގުޅޭ ގޮތުން ވެސް އަދި ޢާއްމު ދިރިއުޅުމާ ގުޅޭ ކަންކަމުގައި ވެސް ދަރިވަރުންނަށް އަމިއްލައަށް ތަޖުރިބާ ކުރަން ދެވެނީ ވަރަށް މަދު ފުރުސަތަކެވެ. މިސާލަކަށް ކަނޑުގައި އުޅޭ ބާވަތްތަކުގެ މަސްމަހާމެހީގެ ބައިތައް ހިމެނޭ ފިލާވަޅެއްގައި، އެފަދަ އަސްލު ތަކެތި އަތްލައިބަލައި ތަޖުރިބާ ކޮށް އެއީ ކިހިނެއް އުޅޭ ތަކެތިތޯ، ކައި އުޅެނީ ކިހިނެއްތޯ، އާންމުކޮށް ކުރަނީ ކޮންކަމެއްތޯ ކިޔައިދިނުމަށް ވުރެ އެ ތަކެތި އަމިއްލަ ލޮލުން ބަލައި ދެނެގަނެ އުނގެނި ހޯދުމަށް ފުރުސަތު ދިނުން މުހިންމެވެ. ގަސްގަހާ ގެހި އަދި ޖަނަވާރުތަކާ ބެހޭ މަޢުލޫމާތު ކިޔަވައިދޭއިރު ވެސް މިފަދައިން ކަންކަން ކުރުން އެއީ މުހިންމު ކަމެކެވެ. ހަމަ މިފަދަ އިތުރު މިސާލަކަށް ބަލާނަމަ، ކާނާގެ ބާވަތްތަކާއި، ކެއުމުގައި ތައްޔާރުކޮށްފައި ހުންނަ ތަކެތި ހަދާފައި ހުންނަގޮތާއި އެއަށް އަޅާ ތަފާތު ބާވަތްތަކާއި ހަދާ ގޮތްތައް އަމިއްލައަށް ތަޖުރިބާ ކުރަން ފުރުސަތު ދެވިދާނެއެވެ. މީގެ ސަބަބުން، އުނގެނުމުގެ އިހުސާސާއި އޭގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ދަރިވަރުގެ ސިކުނޑީގައި އަށަގަތުން އިތުރުކުރެވެއެވެ. މިފަދަ ގޮތްތަކުގެތެރެއިން އުނގެނުމަކީ ވަކި ކަހަލަ އިމުތިހާނެއް ހަދަން ނުވަތަ ސުވާލަކަށް ޖަވާބު ދިނުމަށް ކުރަން ޖެހޭ ކަމެއްގެ ބަދަލުގައި ދިރިއުޅުމުގެ މުހިންމު ހިއްސާއެއް ގޮތަށް އުނގެނުމާމެދު ވިސްނަން ފުރުސަތު ފަހިވެގެންދެއެވެ.
- އުނގެނުމަކީ ޝައުގުވެރި މަޖާ އަދި އުފާވެރި ކަމަކަށް ހެދުން: މިއީ ވެސް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެހާ ބޮޑަށް ސަމާލުކަމެއް ނުދެވޭ ކަމެކެވެ. ބައެއްފަހަރު މަޖާކަމަކީ ސްޓިކާދީ ޓެންޖިބަލްކޮށް ނުވަތަ އިނާމުތަކެއް ދީގެން ކުރެވޭކަމެއްގޮތުގައި ބެލެވެއެވެ. ނަމަވެސް މާޖާ، އުފާވެރި، ޝައުގުވެރި ކޮންމެ ކަމެއްވާން ޖެހެނީ އެފަދައިނެއް ނޫނެވެ. ދަރިވަރުން އެކަމެއް ކުރާއިރު ކުރެވޭ ތަޖުރިބާތަކަކީ އެކުދިންނާ ސީދ ގުޅޭ މަޖާކަންތައްތަކެއް ހިމެނޭ ކަމަކަށް ހެދުމެވެ. މިސާލަކަށް ފެންފަދަ ތަކެތި ބޭނުންކޮށްގެން، ކުލަކުލަ ބޭނުންކޮށްގެން، އަމިއްލަ ގޮތްތަކެއް ބޭނުންކޮށްގެން ކަންކުރަން ރޭވޭ ގިނަ ހަރަކާތްތަކަކީ ދަރިވަރުންނަށް މާ ބޮޑު އިނާމެއް ނުދިން ނަމަވެސް މަޖާކަމާ އެކު ދަރިވަރުންގެ އުނގެނުން ރޭވިދާނެ ގޮތްތަކެވެ. އެހެން ގޮތަކަށް ބަލާއިރު ކިޔަވައިދޭ މާއްދާތަކުގައި ސީދާ މަޖާ ކަންތައް ނުހިމެނޭހެން ހީވާ ބައިތައް ވެސް ދަރިވަރުން ޝައުގުވެރިވާ ގޮތަކަށް ރޭވިދާނެއެވެ. މީގެ ރަނގަޅު މިސާލަކަށް ބަލާލާނަމަ، ބަސްދަސްކުރުމުގައި ކުރިއޭޓިވް ރައިޓިން /އުފެއްދުންތެރި ލިޔުން، ލިޔަން ދަސްކޮށްދޭއިރު މައުޟޫޢެއް ހަވާލުކޮށް އެ ކުދިންނަށް ލިޔަން ހަވާލު ކުރުމަށްވުރެ އެ ކުދިން އަމިއްލައަށް ހަދާ ކުރިއޭޓިވް(އުފެއްދުންތެރި) އެއްޗަކާ ބެހޭގޮތުން އޭގައި ހިމެނޭ އެންމެ މަޖާ ކަންތައްތަކާ ގުޅޭގޮތުން ލިޔަން ހަވާލުކުރުމުން އެ ލިޔުމުގައ ބޭނުންކުރަން ޖެހޭ އިތުރު ގޮތްތަކާއި ލިޔުމުގެ އުފެއްދުންތެރިކަން އިތުރު ކުރެވިދާނެ ގޮތްތައް ކިޔައިދީ ފީޑްބެކްދީ ހަދަން ވެސް މުދައްރިސަށް ފަސޭހަވާނެއެވެ.
- ދަރިވަރުން ކުރާ ކަންކަމާ މެދު މުދައްރިސްގެ ޝައުގުވެރިކަން އޮތްކަން، ދަރިވަރުންނަށް ސާފުކޮށް އަންގައިދިނުން: މިއީ ދަރިވަރާއި މުދައްރިސާ އެކު ގުޅުން ރަނގަޅުވުމުގެ އިތުރުން ދަރިވަރު އަމިއްލައަށް އުނގެނި، ކަންކަން ހޯދައި ބަލައި ދެނެގަތުމަށް ވަރަށް ބޮޑަށް ޝައުގުވެރިކުރެވޭނެ ކަމެކެވެ. އެ ކުއްޖަކު ގަޔާވާކަމަކަށް މުދައްރިސް ވެސް ޝައުގުވެރިވާކަން އެނގުމުން އެކަމާ ބެހޭގޮތުން ވާހަކާ ދައްކާ ހިތްވެ އުނގނުމުގެ ޝައުގު އިތުރުވެ، އުނގެނުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ދެކޭ ދެކުން ނުވަތަ ވިސްނޭ ވިސްނުން ބަދަލު ކުރެވޭނެއެވެ.
- ދަރިވަރުންގެ އުނގެނުމުގެ ސްޓައިލް/ގޮތް ދެނެގަނެ، އުނގެނުން ރާވާ ގޮތާ އެކަންކަމާ ގުޅުވަން މަސައްކަތް ކުރުން: މިއީ މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަންކަމެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ގާބިލުކަމަކާއި ގޮތްތަކެއް ލިބިފައިވާ ޚާއްޞަ ކުއްޖެއް ގޮތުގައި ބަލައިގަތުމެވެ. ވަކި ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހެނީ ވަކި ގޮތެއްކަން ގަބޫލުކުރުމުގެ ބަދަލުގައި، ވަކި ގޮތެއް ހުންނަ ކުއްޖަކީ ތަފާތު ކުއްޖެއް ކަމަށް ވެސް ދެކުން ރަގަޅެއް ނުވާނެއެވެ. އުނގެނުން ރާވަން ޖެހޭނީ އަދި ގުޅުވަން ޖެހެނީ ވެސް ސީދާ ދަރިވަރާއެވެ. އެއީ އުނގަންނައިދިނުން ފަރުމާ ކުރެވެނީ އޭނައަށް އަމާޒުކޮށްގެން ކަމަށްވާތީއެވެ.
- އުނގެނުން ފަރުމާކުރާއިރު، ދެކެވޭ ވާހަކަ އަދި މަޝްވަރާގެ ތެރެއިން އުނގެނުން ރޭވުން: މިއީ ޚާއްޞަކޮށް އަޅުގަނޑުމެންގެ ސްކޫލުތަކުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ނުކުތާއެއް ކަމުގައި ގަބޫލު ކުރެވެއެވެ. ގިނަ ފަހަރަށް މުދައްރިސަށް ގަބޫލު ކުރެވިފައި އޮންނަނީ ދަރިވަރުންނަށް ހަވާލު ކުރެވޭ އުނގެނުމުގެ ހަރަކާތް ހަވާލު ކުރަން ޖެހޭނީ ފިލާވަޅުގެ ބައިތައް ވަރަށް ރަގަޅަށް ޝަރަހަކޮށްދީ ނިމުމަށްފަހު ކަމުގައެވެ. އެކަމަކު ޝަރަހަކޮށް ދިނުން ގެންދާއިރު ގެންދެވެނީ މުދައްރިސު ކުރާ ކަމެއްގޮތަށް ދަރިވަރުން އަޑު އަހަން ތިބޭ ގޮތަށެވެ. އެއާ ޚިލާފަށް ޝަރަހަކުރުމުގެ ބަދަލުގައި، ދެކެވޭ ވާހަކަ ނުވަތަ އުނގެނުމުގެ ހަރަކާތްތަކުގެ ތެރެއިން، އެކިޔައިދޭންވާ ބައިތައް ދަރިވަރުންނަށް އުނގަންނައިދޭން ފިލާވަޅު ފަރުމާ ކުރުން މުހިންމެވެ.
- އަބަދުވެސް އެހީތެރިކަމާއި ހިތްވަރުދިނުމުގެ ތެރެއިން ކިޔަވައިދިނުން ރޭވުން: އުނގެނުމަކީ އެއްފަހަރާ ކޮށް ނިންމާލެވޭ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކީ ވެސް ތަފާތު ގިނަ ގޮތްގޮތަށް ދަރިވަރުންނަށް ހިތްވަރުދީ އެހީތެރިވެދޭން ޖެހޭ ހާލަތްތައް އަންނަ ދުވަސްތަކެވެ. ބައެއް ފަހަރު އުނގަންނައިދެވޭ ބައިތަކާ ގުޅޭގޮތުން އެހީތެރިވެދޭއިރު، އަނެއްބައިފަހަރު ދަރިވަރުންގެ މުހިންމު ކަންބޮޑުވުމަކަށް ވެސް ސަމާލުވެ އެހީތެރިވެދޭން ޖެހިދާނެއެވެ. މިނޫނަސް ދަރިވަރުންގެ ޖުމުލަ ދުޅަހެޔޮކަމަށް އަބަދުވެސް މުދައްރިސުން ޖެހޭނީ ހޭލައި ތިބޭށެވެ. އެހެންކަމުން، އެކަމަށް އެހީތެރިވެ ތަރުހީބާއި ހިތްވަރު ދިނުމުގެ ތެރެއިން ދަރިވަރުންގެ އުނގެނުމުގެ ކަންކަން ރޭވުން މުހިންމެވެ.
އިސްވެބަޔާން ވެދިޔަ ކަންކަމަކީ ޖުމުލަ ގޮތެއްގައި ބަލާނަމަ ދަރިވަރުންނަށް އުނގެނުމަށް ފަހި އުފާވެރި މާހައުލެއް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކެކެވެ. ބޭނުމަކީ އުނގެނުމުގެ ތަޖުރިބާތަކަކީ ވީހާ ވެސް އުފާވެރި މަޖާ، ބޭނުންވެގެން ކުރާ ކަމެއްގޮތަށް ރޭވުމެވެ. އުނގެނުމުގެ ތަޖުރިބާތައް ރަނގަޅުވުމުން އުނގެނުމުގައި ދަރިވަރުންގެ ބައިވެރިވުމާ ޝައުގުވެރިކަން ވެސް އިތުރު ވާނެއެވެ. އުނގެނުމަކީ މަޖުބޫރުކޮށްގެން ކުރެވޭނެ ކަމެއް ނޫނެވެ. މަޖާޒީ ގޮތަކަށް ވިސްނާލާއިރު ސިކުނޑިއަކީ ބޭނުންވަރަށްކަށް އެއްޗެހި އަޅައި ފުރާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފުޅިއެއް ނޫނެވެ. އެއަށް އެއްޗެހި އެޅޭނީ ދަރިވަރުން ބޭނުންވާ އެއްޗެކެވެ. އެ ކުދިން ބޭނުން ގޮތަކަށެވެ. މުދައްރިސުން ކިތަންމެ މޮޅުވިޔަސް ދަރިވަރުންގެ ހިތުގައި އުނގެނުމުގެ ޝައުގު ނުއުފައްދާ އެނގެނުން ހިނގިކަން ކަށަވަރުކކުރަން ދަތިވާނެއެވެ. ފިލްމަން (1987) ބަޔާން ކުރައްވާގޮތުގައި އުނގެނުމަކީ މުދައްރިސުން ކިތަންމެ ބޭނުންވިޔަސް ސީދާ ސީދާ ކަށަވަރު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އުނގެނޭ އެއްޗަކަށް ޝައުގު އުފައްދައި އެކުދިންގެ ހިއްސާބޮޑުކޮށްގެން އުނގެނުމަށް ފުރުސަތު ދެވޭނަމަ އެ ކުދިންނަށް އެ އެއްޗެއް އުނގެނެވިއްޖެކަމުގެ ފޮނި އިހުސާސްކުރުމަށް ފުރުސަތު ދެވިދާނެއެވެ. މީގެ ސަބަބުން އުނގެނެވޭ ކަމުގެ އިހުސާސްކުރެވި، އުނގެނުމަށް އޮންނަ ޝައުގު އިތުރު ކުރެވޭނެއެވެ. މާނައަކީ އުނގެނުން ކަށަވަރު ކުރުމަށް ވުރެ ބޮޑަށް ދަރިވަރުންނަށް މާނަހުރި އުނގެނުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަން ކަށަވަރު ކުރުން މުހިންމު ވާހަކައެވެ. މިއަދު މި ވާހަކަ ދެކެވޭ މައުޟޫޢަކީ އަސްލު އުނގެނުމުގެ މުހިންމުކަން އަދި އެކަމުގެ ރޫހާއި ޝައުގު އިތުރު ކުރުމާ ބެހޭގޮތުންނެވެ. މިކަމަކީ ދަރިވަރުގެ މުޅި ދިރި އުޅުމަށް ބޭނުންވާ ކަމެކެވެ.
ޢިލްމަކީ އޭގޭ ހަގީގީ މާނައިގައި ބަލާނަމަ، ދިރިއުޅުމަށް ބޭނުންވާ އެންމެ މުހިންމު ހަތިޔާރެވެ. އާ ކަންތައްތައް އުނގެނެން ބޭނުންވުން އެއީ ދިރިއުޅުމާ ކުރިމަތި ލުމަށް ފަސޭހަވެ އެތައް ކަމަކަށް މަގުފަހިވާނެ ކަމެކެވެ. ކޮންމެ ކަމެއްގައި ވެސް އުނގެނި ހޯދުމުގެ ރޫހެއް ހިތުގައި އުފެދިފައިވުމަކީ މުސްގުބަލަށް ޓަކަށް މި ޒާމާނުގެ ކޮންމެ ފަރުދަކަށް ވެސް މުހިންމު ކަމެކެވެ. އާ ކަންކަމާ މެދު ތަފާތު ގޮތްގޮތަށް ވިސްނާ، ތަފާތު ޚިޔާލުތައްކޮށް، އެއިން އާ ހޯދުންތަކަށް ވާސިލުވާން ބޭނުންވުމަކީ އެއީ ދިރިއުޅުމުގެ ކުރިމަގު އުޖާލާވާނެކަމެކެވެ. ދަރިވަރުންގެ މަދަރުސީ ދައުރުން ފެށިގެން އުނގެނި ހޯދުމަށް ލޯބި ޖެއްސިއްޖެނަމަ، ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އުނގެނުމަކީ އެއީ އޭނާ ކުރާ ހިތުން އޭގެ އަގުވަޒަންކުރެވިގެން، އޭގެ ބޭނުންތެރިކަން އެނގި، އަމިއްލަ ހިތާއި ރޫހުން އެދި އެދިގެން ކުރާކަމަކަށް ވާނެއެވެ. ވަރަށް އާދައިގެ ކަންކަމުން ވެސް މުހިންމު މަޢުލޫމާތުތައް ދެނެގަނެ ތަޖުރިބާ ކުރުމުގެ ރޫހެއް ހިތުގައި އުފެއްދިދާނެއެވެ. މިސާލަކަށް މިގޮތަށް ވިސްނާ ކުދިބައެއްގެ ޚިޔާލު ހުންނާނީ ތަނެއްގައި އޮންނަ ސެމިނާރއަކަށް ވަދެލާ އެތާގައި ދެކެވޭ އާންމު ވާހަކަ ނުވަތަ ބަހުސްކުރެވޭ މައުޟޫޢަކީ އަދި އެނގޭ މަޢުލޫމާތުތަކެއް ނަމަވެސް އެއީ އިތުރަށް އެނގިގެންދާ ބައިތަކެއް ކަމަށް ގަބޫލުކުރެވި، އެއިން ވެސް އާ ވިސްނުންތަކެއް ހޯދުމުގެ ރޫހެއް ހިތުގައި އޮތުމެވެ. ކޮންމެ ތަޖުރިބާއަކީ ވެސް އުނގެނުން ކަމަކަށް ބަލައިގަނެވުމެވެ.
މިޒަމާނަކީ ޢިލުމު/ނުވަތަ އުގެނުމަށް ހުޅުވިފައިވާ އެތައް ގިނަ ވަސީލަތްތަކަކާއި ގޮތްތަކެއް ހޯދަން ފަސޭހަ ޒަމާނެކެވެ. ކޮންމެ ކަމަކާ ބެހޭ ގޮތުން ކިޔާލަން ބޭނުންވި ނަމަވެސް ފަސޭހަކަމާ އެކު އެކި ފެންވަރުގެ މަޢުލޫމާތުތައް ދަތިކަމެއް ނެތި ހޯދޭ ޒަމާނެކެވެ. އުނގެނުމަށް ލޯބި ކުރާ މީހުން، އާ ކަންތައްތައް ހޯދަން ބޭނުންވާ މީހުންނަށް ހުޅުވިފައިވާ ޢިލުމީ ޚަޒާނާތަކުގެ އަދަދު ނުކުރެވޭހާ ވެސް ގިނައެވެ. މިފަދަ ޒަމާނެއްގައި ހަމައެކަނި ލިބޭ މާކުހަކަށް، ގުރޭޑަކަށް، ސެޓިފިކޭޓަކަށް ޓަކައި ޢިލުމުގެ އަގުކުރަން ދަސްކޮށްދިނުމަކީ މުޅި 21 ވަނަ ގަރުނުގެ އުނގެނުމުގެ ފިލޯސަފީއާ ވެސް ޚިލާފު ކަމެކެވެ. އަޅުގަނޑުމެންގެ ކުދިންނަށް ޢަލްމުގެ ފަހަތުން ބާރަށް ދުވަން ދަސްކޮށްދީ، އެ ކުދިންގެ ހިތުގައި އިތުރަށް ޢިލްމަށް ލޯބި ޖައްސަންވީއެވެ. ކިތަންމެ ހަލުމިނެއްގައި ގޮސް ހޯދި ނަމަވެސް މިޒަމާނުގައި ޢިލުމުގެ އާރުތައް ވަނީ، ހުސްނުވާ މިންވަރަށް އެތައް ގުނައަކަށް އިތުރުވެފައެވެ. މި އާރުތައް އަބަދުވެސް ދަނީ އިތުރުވަމުންނެވެ. އިންސާނުންގެ ސިކުނޑިތަކަށް މިވަނީ ޢިލްމީ ތޫފާންތައް އަންނަން ފަށާފައޭ ދެންނެވިޔަސް މިހާރަކު މުޅިއަކުން ދޮގަކަށް ނުވާނެއެވެ. މިފަދަ ޒަމާނެއްގައި އެންމެ އިސްކަންދޭންވީ ޢިލްމު ނުވަތަ އުނގެނުމުގެ ރޫހު ކުދިންގެ ހިތުގައި ދިރުވޭތޯއެވެ.
މިއަދު މިހުށަހަޅައި ލެވުނު ވާހަކަކޮޅަކީ ހަގީގަތުގައި ކިޔަވައިދިނުން ރާވާއިރު ކުރަން އުދަނގޫ ކަންކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ އަޅުގަނޑުމެންގެ ކިޔަވައިދިނުމުގެ ފިލޯސަފީ/ވިސްނުން ބަދަލު ކުރުމެވެ. ކިޔަވައިދެނީ މާކުސްދިނުމަކަށް ނުވަތަ ސަރޓިފިކެޓްތަކެއް ދިނުމަކަށް ނޫނެވެ. އެއާއި ޚިލާފަށް ކިޔަވއިދެވެނީ އުނގެނުމުގެ ރަގަޅު ތަޖުރިބާތަކެއް ފަހިކޮށްދިނުމަށެވެ. އަދި ކޮންމެ އުމުރެއްގެ ދަރިވަރުންނަށް ކިޔަވައިދިނަސް މިކަން އޮންނަންވާނީ މި ގޮތަށެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިފަދަ ގޮތަކަށް އުނގެނުމާ މެދު ވިސްނުމުން ސީދާ ސީދާ މަޢުލޫމާތުތަކެއް ޝަރަހަކޮށް އެނގިފައިވާ މިންވަރު ބެލުމަށްވުރެ މާ ބޮޑަށް އުނގަންނައިދިނުމުގެ މަސައްކަތުގެ އަގުވަޒަން ކުރެވޭ މިންވަރު އިތުރުވެއެވެ. ސަބަބަކީ ދަރިވަރުންގެ އުނގެނުމުގެ އުފާވެރި ތަޖުރިބާތަކާ އަދި ދެކެވޭ ވާހަކަތަކާއި ކުރެވޭ މުޢާމަލާތްތަކުން ދަރިވަރުންނާއި އޮންނަ ގުޅުން ބަދަހިވެ އުނގެނުމުގެ މާހައުލަކީ މުދައްރިސަށް ވެސް އަދި ދަރިވަރުންނަށް ވެސް ޖޯޝުންފުރިފައިވާ އުފާވެރި މާހައުލަކަށް ބަދަލުވެގެން ދިޔުމެވެ. އަޅުގަނޑުގެ އުއްމީދަކީ އުގަންނައިދިނުމަކީ އުފާވެރި އިހުސާސްތަކާއި ހިތްހަމަޖެހުން އެކުލެވޭ މަސައްކަތަކަށް ހަދައި، އުނގެނޭ ދަރިވަރުންނަށް ވެސް އެއީ މަޖާ އުފާވެރި އިހުސާސްތަކެއް ފޯރުކޮށްދެވޭ ފުރުސަތުތަކެއް އެކުލެވޭ ކަމަކަށް ހެދުމުގެ ރޫހު މުދައްރިސުންގެ ކިބައިގައި އަށަގަތުމެވެ.