ޤުރްއާން އަންދާލުމާ ގުޅިގެން ސްވިޑަންގައި ހަމަނުޖެހުން

ސުވިޑަންގައި ހިންގި ހަމަނުޖެހުމުގައި ރޯކޮށްލާފައިވާ ޓައިރުތަކުން ބޯ ދުން އަރަނީ

ސްވިޑަންގެ ދެކުނުގެ ރަށެއް ކަމުގައިވާ މާލްމޯގައި ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ ބަޔަކު ކީރިތި ޤުރްއާން އަންދާލުމާ ގުޅިގެން އެރަށުގައި ވަރުގަދަ ހަމަނުޖެހުމެއް ހިނގައިފިއެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ މިހަރަކާތް ވަނީ މީސް މީޑިޔާއިން ވަގުތުން ދައްކައިފައެވެ. މިއެއްވުމަށް ޑެންމާކުގެ ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ އަދި މުސްލިމުންނަށް ނަފްރަތުކުރާ ޕާޓީ، ހާޑް ލައިންގެ ލީޑަރު ރާސްމުސް ޕަލޫޑަން ހާޒިރުވެ ތަގުރީރުކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ސްވިޑަން ސަރުކާރުން ވަނީ އެނާ ސްވިޑަންއަށް ވަނުން ހުއްޓުވައި، ދެ އަހަރު ދުވަހަށް އޭނާ އެގައުމަށް ވަނުން މަނާކޮށްފައެވެ.

300 އެއްހާ މީހުން އެއްވެ މުޒާހަރާކުރަމުން ދިޔައިރު އެމީހުން ވަނީ ފުލުހުންނާ ދިމާއަށް ގާއުކައި ޓައިރުގައި އަލިފާން ރޯކޮށް ހަދާފައެވެ. ހުކުރުދުވަހުގެރޭ ދަންވަރާ ހަމައަށް ހަމަނުޖެހުންތައް ކުރިއަށް ދިޔައެވެ. މި ހަމަނުޖެހުންތަކުގައި ފުލުހުންގެ އޮފިސަރުންތަކަކަށް އަނިޔާވިނަމަވެސް، އެއްވެސް މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިފައި ނުވެއެވެ.

މާލްމޯ ފުހުންގެ ތަރުޖަމާނު ޕެޓްރިކް ފޯސް ހާމަކުރެއްވި ގޮތުގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ވިއްސަކަށް މީހުން ހައްޔަރުކޮށްފައިވާއިރު، އެއެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ. ޤުރްއާން އަންދާލި މީހުންގެ ތެރެއިން 3 މީހަކު ވަނީ ނަފްރަތު އުފެއްދުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.

ޤުރްއާން އަންދާލުމުގެ މި އަމަލު ކުށްވެރިކުރައްވަމުން އދ. ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސްގެ ވެރިޔާ މިގުއެލް މޮރާޓިނޯސް ވަނީ "ހައްދު ފަހަނައަޅާފައިވާ ކަނާތު ފިޔައިގެ މީހުން ޤުރްއާން އަންދާލުން ސާފު އިބާރާތުން ކުށްވެރި"ކުރައްވާފައެވެ. އަދި އޭނާ އެކަން ސިފަކުރައްވާފައި ވަނީ "ނަފްރަތުކުރަން ޖެހޭ، އެއްވެސް ހާލެއްގައި ގަބޫލުނުކުރެވޭނޭ" ކަމެއްގެ ގޮތުގައެވެ.

ހާޑް ލައިން ޕާޓީގެ ލީޑަރު ޕަލޫޑަން ސްވިޑަންއަށް ވަނަނުދީ ފޮނުވާލި ސަބަބު އެ ގައުމުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

"އޭނާ ސްވިޑަންގައި ހުރެގެން ގާނޫނާ ޚިލާފު އަމަލު ހިންގާނެ ކަމަށް އަހަރުމެނަށް ގަބޫލުކުރެވޭ." ފުލުހުންގެ ތަރުޖަމާނު ކެލޭ ޕާސްން ވިދާޅުވިއެވެ.

"އަދި އޭނާގެ އަމަލުތަކުގެ ސަބަބުން މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތުވެސް އޮތް" އޭނާ އިތުރަށް ވިދާޅުވިއެވެ.

ހައްދު ފަހަނައަޅާފައިވާ ލީޑަރު ރާސްމުސް ޕަލޫޑަން ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ޤުރްއާނެއްގެ ބޭރުގައި އޫރުމަސް އޮޅައި އަންދާލާފައެވެ. އަދި ޑެންމާކުގައި އެހެން ދީންތަކާމެދު ނަފުރަތު އުފައްދާ ވާހަކަދެއްކުން މަނާކުރާ ގާނޫނާ ޚިލާފުވެގެން ފާއިތުވި ޖޫން މަހު އޭނާ ތިން މަހަށް ޖަލަށްލާން ހުކުމްކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.