ރަށްރަށުގައި ކޭސްތައް އިތުރުވުން - މާލެއަށް ވީގޮތް ވިޔަނުދީ!

ފޮޓޯ: ޢަލީ މާހިރް، އާފަތިސް

ރާއްޖެއަށް ކޮވިޑް އިމްޕޯޓުވީ އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އެފަތުރުވެރިޔާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ޤައުމަށް ގޮސް ކުރި ޓެސްޓުންނެވެ. ފެބުރުއަރީ 23 ގައި ރާއްޖެއައި ފަތުރެވެރިޔާ ޗުއްޓީ ހޭދަކުރީ ޅ.ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ. އޭނާގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ނަމަވެސް އެކަމުގެ މައުލޫމާތު ލިބުނު ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެނާ ރާއްޖޭގައި ހުއްޓާ ބަލި ހުރިކަން ދެނެގަނެވިފައެއް ނުވެއެވެ. އޭނާގެ ފަރާތުން ކުރެއްދޫ ރިސޯޓުން އޭނާ ބެލި ޑޮކްޓަރާ އެކު ޖުމްލަ ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އޭނާ ވަނީ މާލޭގައިވެސް ދެދުވަސް ވަންދެން އުޅެފައެވެ. މާލޭގައި ފަތުރުވެރިޔާ ހުރިއިރު ކޮންޓެކްޓްވި ކަމަށް ބެލެވުނު 13 ވަރަކަށް މީހުން ކަނަރަންޓީންވެސް ކުރެވުނެވެ. ނަމަވެސް އެއިން މީހެއްގެ ގައިން ކޮވިޑްގެ ބަލި ފެނިފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑްގެ ބަލިފެނުނު ކަމަށް އިޢުލާން ކުރި މާޗް މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އޭޕްރީލް 15 ވަނަ ދުވަހާ ހަމައަށް ކޮވިޑް އޮތީ ރިސޯރޓްތަކުގައެވެ. އެއީ ފަތުރުވެރިންނާއި ރާއްޖެއިން ބޭރުއައި ބައެއް ދިވެހިން ކަރަންޓީންވެގެން ތިބީ ރިސޯޓުތަކުގައި ކަމަށް ވާތީވއެވެ. މާލެއިން ކޮވިޑްގެ ބަލި މީހަކު ފެނިފައިވަނީ 21 ވަނަ ކޭހުން ފެށިގެންނެވެ. އެއީ ޖަރީމާގޭ ކްލަސްޓަރއިންނެވެ. އޭގެ ފަސް މަސް ފަހުން ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދު މިވަނީ އަށް ހާހާ ގާތަށް އައިސް ފައެވެ. ބަލީގައި މަރުވި މީހުންގެ ޢަދަދު ވަނީ 28 އަށް އަރާފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާގޮތުން މާލޭގައި ކޮވިޑް ދަނީ އުތުރުރި އަރަމުންނެވެ.

ރަށްރަށުގައި އަދި ބަލި ފެތުރެމުންނެއް ނުދޭ 

ރަށްރަށަށް ކޮވިޑް އެތެރެވެފައިވަނީ މާލެއިންނެވެ. މާލެއަށް ކޮވިޑް ފެތުރެން ފެށުމާއެކު މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ރަށްރަށުގެ މީހުންމާލޭގައި ބަންދުވިއެވެ. ނަމަވެސް ފުރަބަންދު ކުރިއިރު ފުރި އުޅަނދު ފަހަރުން ބެއް ރަށްރަށް ކޮވިޑް ކޭސްތައް އެތެރެވިއެވެ. ނަމަވެސް ރަށްރަށުގެ ކައުންސިލް ތަކުން އެޅި ފިޔަވަޅުތަކާއެކު ރައްޔިތުންގެ އެއްބާރު ލުމާއެކު ކޮވިޑް އިމްޕޯޓްވި އެއްވެސް ރަށެއްގައި ބަލި ނުފެތުރި ވަނީ ސަލާމާތް ވެފައެވެ. އޭގެ ފަހުން ފުރަބަންދުގެ ލުޔާއެކު ބައެއް އުޅަނދު ފަހަރުން ވަނީ ރަށް ރަށް ކޮވިޑް ކޭސްތައް ގޮސް ފައެވެ. ނަމަވެސް ބަލި ނުފެތުރި އެމީހުންވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ފުރަބަންދުގެ ލުޔާއެކު ރަށްރަށުގައި ހޯމް ކަރަންޓީން ވެވޭ އުޞޫލާއެކު މިހާރު ރަށްރަށުން އަނެއްކާވެސް ވަނީ ކޮވިޑް ކޭސްތައް ފެންނަން ފަށާފައެވެ. މިހާރު ރަށްރަށުގައި ތިބި އެންމެންނަކީ ވެސް ހޯމް ކަރަންޓީންގައި ތިއްބައި ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އެހެންކަމުން ޕޮޒިޓިވް ވުމުން އެމީހުން ތިބީ ހޯމް އައިސޮލޭޝަންގައެވެ. އެއްވެސް މީހަކު ފެސިލިޓީއެއްގައި ފަރުވާ ދެމުން ދާކަމަށް ރޭގެ ތަފާސް ހިސާބުތަކުން ނުފެނެއެވެ. ހޯމް ކަރަންޓީންގައި ތިބި މީހުންނަށް ބަލި ޖެހިފައިވާތީއާއެކު އެއްވެސް ރަށެއްގައި ބަލި ފެތުރެމުންދާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސް ހިބާތަކުން ދައްކާ ގޮތުން އަތޮޅުތަކުގެ 33 ރަށެއްގައި 58 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ރަށްރުށުން ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ޢަދަދު ވަކިން އެޗްޕީއޭއިން ހާމައެއް ނުކުރައްވައެވެ. އެހެންކަމުން ރަށްރަށުން މީހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދެއް ނޭނގެއެވެ. ނަމަވެސް މުޅި ރާއްޖެއިން މިހާތަނަށް 7225 މީހުންނަށް ބަލި ޖެހިފައިވާއިރު 4561 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިއްޔެގެ ޢަދަދުތަކުން ދައްކާ ގޮތުން ކޮވިޑްގެ ބަލިމީހުން ތިބި ރަށްރަށުގެ ތެރެއިން އެންމެގިނަ މީހުން ވަގުތު ތިބީ އައްޑޫސިޓީ ހިތަދޫ އާއި ދ. ރިނބިދޫގައެވެ. އެއީ ފަސް މީހެކެވެ. ބަލި ޖެހިފައިވާ ހަތަރު މީހުން ތިބީ ރ. ދުވާފަރާއި ތ. އޮމަދޫގައެވެ. ބަލި ޖެހިފައިވާ ތިން މީހުން ތިން ރަށެއްގައި އެބަ ތިއްބެވެ. އެއީ އައްޑޫ ސިޓީ ފޭދޫ އާއި ކ. ހިންމަފުށްޓާއި މ. މުލީގައެވެ. ފަސް ރަށެއްގައި ބަލި ޖެހިފައިވާ ދެމީހުން އެބަ ތިއްބެވެ. އެއީ ކ. މާފުށްޓާއި ޅ. ހިންނަވަރާއި ވ. ތިނަދުއާއި ފ. ނިލަންދޫ އާއި ނ. މިލަދޫގައެވެ. ބަލިޖެހިފައިވާ އެކަކު 21 ރަށެއްގައި އެބަ ތިއްބެވެ. 

މާލޭގައިވެސް ބަލިީގެ ޙާލަތު ގޯސްވި އެންމެ ބޮޑު ސަބަބަކީ އުޞޫލުތަކަށް ތަބާ ނުވުމެވެ. ފަރުދީ ޒިންމާ ނޫފުލުމެވެ. އެކަމުން ތަޖުރިބާ ހޯދައިގެން ރަށުގެ ޙާލަތު ގޯސް ވިޔަ ނުދިނުމަށް އުޞުލުތަކަށް ތަބާވާންޖެހެއެވެ.  ހޯމް ކަރަންޓިީންގައި ތިބި މީހުންނާއި ބަލި ޖެހި ހޯމް އައިސޮލޭޝަންގައި ތިބި މީހުންވެސް ފަރުދީ ޒިންމާ އަދާކޮށް އުޞޫލުތަކަށް ތަބާވާން ޖެހެއެވެ. ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށެވެ. ރަށްރަށުގައި ބަލި ފެތުރި ގިނަ ބަޔަކަށް ފަރުވާނެ ދޭން ޖެހިދާނެތީއެވެ. 

ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމް ހަތް ސަރަޙައްދެއްގައި

އަތޮޅުތަކުގައި ހަތް ސަރަޙައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ނުވަތަ މެޑިކަލް ފެސިލިޓީ ވަނީ ޤާއިމްކޮށްފައެވެ. މިތަންތަން ޤާއިމްކުރެވިފައިވަނީ ބ. އޭދަފުށްޓާއި ށ. ފޮނަދޫއާއި ހއ. އިހަވަންދޫއާއި ގއ. ވިލިނގއްޔާއި ލ.ގަމާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައެވެ. މި މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ފުވައް މުލަކާއި އިހަވަންދޫގައި ވަނީ ޓްރާންސިޓްކޮށް ބަލި މީހުން ބޭތިއްބޭނެ އިންތިޒާމު ހަމަޖައްސަވައިފައެވެ. އެނޫން އެހެން ފެސިލިޓީތަކުގައި 20 އައިސީޔޫ އެނދުގެ  އިތުރުން އައިސޮލޭޝަން  އެނދުވެސް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ފެސިލިޓީތަކުގައި މިހާރު ވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާވެސް ދީ ރަނގަޅުވެފައެވެ.

ޞިއްހީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ބަލި ޖެހި ހާލު ސީރިއަސްވާ ހިސާބުން ކޮވިޑްގެ ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވާނެއެވެ. އެހެންކަމުން އަތޮޅުތަކުގައި މިފަދަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މިހާނަށް މިފެސިލިޓީތަކަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރުތައް ހުރީ ޤާއިމް ނުކުރެވިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފުއްސާދާތު ވިދާޅުވި ގޮތުގައި ކޮވިޑް މެނޭޖް ކުރުމަށް އެތަނަށް ލިބެންޖެހޭ ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ ދެ ވެންޓިލޭޓަރެވެ. އަދި 18 ވެންޓިލޭޓަރެއް ލިބެން ޖެހެއެވެ. ނަމަވެސް އެ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެއްކަމުން ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރ ހުރިކަން ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގައި މިހާތަނަށް ބަލި ޖެހިފައިވާ އެއްވެސް މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭންޖެހޭ ހިސާބަށް ނުދާކަމަށެވެ. އެހެން ކަމުން ބަލި ޖެހިފައިވާ އެންމެންވެސް ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ކަންތައްތައް ކުރިއަށް ގެންދަނީ ހޮސްޕިޓަލުގައި އެކަމަށް އެކުލަވައިފައި ރެޕިޑް ރެސްޕޮންސް ޓީމުން ކަމަށެވެ. އެ ޓީމްގައި ވޮލަންޓިއަރުންގެ ގޮތުގައި ގިނަ ޢަދަދަކަށް އެއަތޮޅުގެ މެޑިކަލް ސްޓޫޑެންޓުން ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޕީޕީއީގެ ދަތިކަން ހުރިކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ގްލޯވްސް އާއި މާސްކް ހިމެނެއެވެ.

މާލޭގައި ކޮވިޑް ކޭސްތައް ގިނަވެ މިހާރުވަނީ ޞިއްޙީ އެހީތެރިންގެ ދަތިކަން ކުރިމަތި ވެފައެވެ. ކޮންމެ ހަމީހަކަށް ނަރުހަކު ހުންނަން ޖެހޭއިރު މިހާރު ފަރުވާ ދެމުން ދަނީ ކޮންމެ 30 މީހުންނަށް ނަރުހަކު ހުރެގެންނެވެ. އެހެންކަމުން މާލެއަށް ވެސް އަތޮޅުތަކުން ޞިއްޙީ އެހީތެރިން ހޯދުމުގެ އިޝާރާތެއް އެޗްއީއޯސީ އިން ދާދި ފަހުން ވަނީ ދެއްވައިފައެވެ. ޞިއްހީ އެހީ ތެރިން ހޯދުމަށް އެޗްއީއޯސީ އިންވަނީ އިޢުލާންވެސް ކޮށްފައެވެ.

އައިޖީއެމްއެޗްގެ ކްލިނިކަލް މެނޭޖްމަންޓް ޓިމްގެ މެމްބަރ ޑރ. މޫސާ މުރާދު ދާދި ފަހުން ވިދާޅުވެފައި ވަނީ އެދާއި ވަޞީލަތް ތައް ހުރި ނަމަވެސް ފަރުވާ ދިނުމަށް ބޭނުންވާ ޞިއްހީ އެހީތެރިން ނެތިސް ބަލި މީހުންނަށް ފަރުވާ ނުދެވޭނެކަމަށެވެ. އައިސީޔޫގައި ވެންޓިލޭޓަރުގައި އެކަކަށް ފަރުވާ ދޭންވެސް ދެ ނަރުހުންނާއި އެއް ޑޮކްޓަރަކު ހުންނަން ޖެހޭކަމަށް ޞިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ރަށްރަށުގައި އަދި ކޮވިޑް ފެތުރިގެން ނުދިޔަ ނަމަވެސް އެހާލަތަށް ގޮސްދާނެކަމަށް ތިބެންޖެހޭނީ ތައްޔާރީގައެވެ. މާލޭގައި ހުރިވަޞީލަތްތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއެކުވެސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން ކޮވިޑް މެނޭޖް ކުރުމުގެ ދަތިކަން މިހާރު މިވަނީ ކުރިމަތިވެފައެވެ. އަތޮޅުތައް އެހާލަތަށް ގޮސްފިނަމަ އެތައް ބަޔަކަށް ފަރުވާ ނުދެވި ހިނގައިދާނެކަމުގެ ބިރު ބޮޑެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.