އެންމެންނަށް ހަމަަހަމަ ގޮތެއްގައި ކޮވިޑް- 19 ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް ޑަބްލިޔުއެޗްއޯއިން އިސް ނަގައިގެން އެކުލަވާލާފައިވާ 'ކޮވެކްސް' ޕްލޭންގައި 172 ގައުމުން ބައިވެރިވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ. އެހެނަސް، ޑަބްލިޔުއެޗްއޯއިން ފާހަގަކުރި ގޮތުގައި އެ ޕްލޭނަށް އިތުރު ފައިސާ ބޭނުންވެއެވެ. އަދި ފައިސާ ދޭނެކަމުގެ ކަށަވަރުކަން އިތުރު ގައުމުތަކުން ދޭން ޖެހެއެވެ.
ޑަބްލިޔުއެޗްއޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 'ކޮވެކްސް' ޕްލޭންގައި ބައިވެެރިވާން ބޭނުން ގައުމުތަކުން އެކަމަށް ޝައުގުވެރިވާކަން މި އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޑަބްލިޔުއެޗްއޯއަށް އަންގަން ޖެހެއެވެ. އަދި ބައިވެރިވާނެ ކަމުގެ ޔަގީންކަން ސެޕްޓެންބަރު 18 ގެ ކުރިން ދިނުމާއެކު، އޮކްޓޯބަރު 9 ގެ ކުރިން ފައިސާ ދައްކަން ޖެހެއެވެ.
ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިގޮތުގައި ކޮވިޑް- 19 ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް މި ޕްލޭން މުހިއްމެވެ. އަދި މި ޕްލޭންގެ ސަބަބުން ވެކްސިންގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެއެވެ.
"ވެކްސިން ގައުމީ އެެއްޗަކަށް ހެދުމުން އެކަމުން ފައިދާވާނި ވައިރަހަށް. ކޮވިކްސް ޕްލޭން ކާމިޔާބުވާނީ ގައުމުތައް އެ ޕްލޭންގައި ބައިވެރިވުމުން އެކަންޏެއް ނޫން. ފައިސާ ދިނުމުގައި ހުރި ހުސްކަންވެސް ފޫބައްދައިގެން." ގެބްރަޔޭސަސް ވިދާޅުވިއެވެ.
'ކޮވެކްސް' ވެކްސިން ޕްލޭނަކީ ޑަބްލިޔުއެޗްެއޯއާއި، ގަވީ ދަ ވެކްސިން އެލަޔަންސްއާއި، ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއަޑްނެސް އިނޮވޭޝަންސް (ސެޕީ) ގުޅިގެން ކުރިއަށް ގެންދާ ޕްލޭނެކެެވެ. މަގްސަދަކީ ވެކްސިން އުފައްދައި ބޭނުންކުރަން ފެށުނުމުން ހުރިހާ ގައުމަކަށް ހަމަހަމަ ގޮތެއްގައި ވެކްސިން ލިބޭނެކަން ޔަގީންކުރުމެވެ.
މިހާރު އުފެއްދުމުގެ މަރުހަލާގައިވާ 9 ވެކްސިނެއް މި ޕްލޭންގައި މިހާރު ހިމެނެއެެވެ. މި ޕްލޭންގެ ދަށުން ބައިވެރިވާ ގައުުމުތަކަށް 2021 ނިމުމުގެ ކުރިން ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދެވޭނެއެވެ.
"ފަަށައިގަންނައިރު، (ކޮވިޑް- 19 ގެ ވެކްސިން) މަހުދޫދު (ލިމިޓެޑް) އަދަދަކަށް ލިބެންހުރުމުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދިނުން އެއީ މުހިއްމު ކަމެއް." ޑިރެކްޓަރ ޖެނެރަލް ގެބްރަޔޭސަސް ވިދާޅުވިއެވެ.