މިހާރު އިތުރުވަމުންދާ ގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ނިޒާމަށް އޮބިއެއް ނޯންނާނެ: ޑރ. ޢަލީ ލަޠީފް

ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު އިތުރުވާ ގޮތަށް އިތުރުވަމުން ދާނަމަ ސިއްހީ ނިޒާމަށް އޮބިނޯންނާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ފަރާތުން ޑރ. ޢަލީ ލަޠީފު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފު ވިދާޅުވީ ފާއިތުވި ހަފްތާއެއްހައި ދުވަހު އެވްރެޖުކޮށް 200 ވަރަކަށް މީހުން ޕޮޒިޓިވްވަމުން ދާކަމަށެވެ. އެހެންކަމުން ދުވާލަކު 200 ނުވަތަ 300 މީޙުން ޕޮޒިޓިވް ވާނަމަ މެނޭޖުނުކުރެވޭނެ ކަމަށް އަލީ ލަޠީފު ވިދާޅުވިއެވެ.  ރާއްޖެއިން މީހުން ޕޮޒިޓީވް ވާން ފެށިއިރު 500 މީހުން ޕޮޒިޓިވް ވާން 56 ދުވަސް ނެގި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއަށްފަހު 13 ދުވަސްތެރޭގައި 500 މީހުން ޕޮޒިޓިވް ވި ކަމަށާއި މިހާރު ތިން ހަތަރު ދުވަހުގެ ތެރޭގައި 500 މީހުން ޕޮޒިޓިވްވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ލަކްޑައުންއަށް ފަހު ހޮސްޕިޓަލުގައި ބައިތިއްބަންޖެހޭ މީހުން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ޑރ. ޢަލީ ލަޠީފު ވިދާޅުވިއެވެ. އަދި ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭންޖެހޭ މީހުން އިތުރުވަމުންދާއިރު އެގޮތަށް އެޑްމިޓުކޮށްގެން ފަރުވާދޭންޖެހެނީ ހަމައެކަނި ކޯވިޑް ބަލިމީހުން ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އެހެން ބަލިބައްޔަށް ފަރުވާދޭން ވެސް ހޮސްޕިޓަލުގައި އެޑްމިޓުކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތަށް ފަރުވާ ދޭންޖެހޭއިރު ފަރުވާ ދޭ ގިނަ މުއައްޒަފުން ވަރުބަލިވެފައިވާ ކަމަށާއި އަދި ބައްޔަށް ޕޮޒިވްވަމުންދާ ކަން ވެސް ޢަލީ ލަޠީފު ފާހަގަކުރެއްވިއެވެ. އަދި ހޮސްޕިޓަލާއި ފެސިލިޓީތައް ފުރެމުން ދާއިރު ބަލިެޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ބައިތިއްބާނީ ކޮންބައެއްތޯ އޭނާ ސުވާލުކުރެއްވިއެވެ. އެފަދަ ހާލަތަކަށް ގޮސްފިނަމަ އެޑްމިޓުކުރާނީ ބަލީގެ ނުރައްކާ ބޮޑު މީހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.