ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނަން: ނިޝާމާ

ކޮވިޑް- 19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ޚަރަދުތަކާ ބެހޭ އޮޑިޓް ރިޕޯޓާ ގުޅޭ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރަމަން އަދި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޮޑިޓް ރިޕޯރޓާ ގުޅިގެން މިހާރު ސަސްޕެންޑް ކޮށްފައިވާ ބިޑް ކޮމެޓީގެ ޗެއަރ ނިޝާމާ މުހައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގައި ބިޑް ކޮމިޓީގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އަމަލުކުރައްވައިފައި ވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ހެޔޮ ނިޔަތުގައި ކަމަށެވެ. އެއްވެސް ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމަށް މަޤާމުގެ ޙައިޞިއްޔަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށެވެ.

އެކަމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވަނީ ބިޑް ކޮމިޓީއަށް ލިބިފައިވާ ލިޔުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމާބެހޭގޮތުން ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެމަތީން ސިންގަލްސޯސް ޕްރޮކިއުމެންޓުގެ އުސޫލުން 75 ވެންޓިލޭޓަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލު ކުރުމަށް ބިޑް ކޮމެޓީން ނިންމާފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ނިޝާމާގެ ބާނުގައި ވެއެވެ.

"މިމައްސަލައާ ގުޅިގެން އެންޓި- ކޮރަޕްޝަން ކޮމިޝަނުން  ތަޙްޤިޤެއް ކުރިއަށް ދަނިކޮށް، މިކަމުގައި ކަންހިނގާފައިވާގޮތުގެ އަޞަލު އޮޅޭ ގޮތަށް ވަކި ބަޔަކު ބަދުނާމުވާ ގޮތަށް ވަހާކަދަ ދައްކަމުންދަނީ ތަޙްޤީޤަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށް ކަމަށް ދެކެމެވެ. މިމައްސަލައިގައި ބިޑްކޮމެޓީގެ  މެމްބަރުންގެ  ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި  ހުރިހާ މަރުޙަލާތަކެއްގައި މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ޝާމިލްވާ ގޮތަށް، މިކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ތަޙްޤީޤެއް ކަމާ ގުޅުން ހުރި އިދާރާތަކުން ކޮށް ކަން ހިނގާފައވާ ގޮތުގެ ތަފަޞީލް މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށް ދިނުމަކީ  މުހިންމު ކަމެއްކަމަށް ދެކެމެވެ" ނިޝާމާގެ ބަޔާނުގައި ވެއެވެ.

 ކޮވިޑާ ގުޅިގެން ވެންޓިލޭޓާރުތައް ގަތުމަށް އެކި ފަރާތްތަކާ ޙަވާލު ކުރުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ބޮޑެތި ގޯސްތައް ހަދައި އޮޅުވައިލައިފައިވާ ކަން އޮޑިޓް ރިޕޯރޓުން ފާހަގަ ކުރެވެއެވެ. އަދި އެންމެ ބޮޑު ގޯހެއް ހަދައިފައި ވަނީ ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ޙަވާލުކުރުމުގައިކަންވެސް އެނގެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.