އާފަތިސް ޗާޕުކޮށްގެން ނެރެން ފަށައިފި

ޗާޕުކޮށްގެން ނުނެރޭތާ އެތައް ދުވަހަކަށް ފަހު އަނެއްކާވެސް "އާފަތިސް" ޗާޕުކޮށްގެން ނެރޭން ފަށައިފިއެވެ.  އާފަތިހުން ހަމަޖައްސައިފައި ވަނީ ފުރަތަމަ އަދަދު ހިލޭ ބަހާ ގޮތަށެވެ.

"އަޅުގަނޑުމެން މި ފަށައިގަންނަނީ މަހަކު އެއް ފަހަރު ނެރޭ ގޮތަކަށް. ފުރަތަމަ އަދަދު ބަހާނީ. ދެވަނަ އަދަދުގެ ބައެއް ބަހާފައި، ބައެއް ވިއްކާނީ. މިހެން ގޮސް ޗާޕު ނޫހެއް ވައިގައި ހިފަނީ ކިހައި ވަރަކަށްތޯ ބަލައިލާން ބޭނުން ވަނީ." އާފަތިހުން ބުނެފައިވެއެވެ. "ދެތިން މަހަކަށް ފަހު މަހަކަށްވުރެ އަވަހަށް ނެރޭން ފެންނަ ނަމަ އެގޮތަށް ބަދަލު ކުރާނީ."

އާފަތިހަކީ މިހާރު ރާއްޖޭގައި ނެރޭ އެންމެ ގިނަ ދުވަސްވީ ނޫހެނެވެ. އާފަތިސް ރަޖިސްޓަރީ ކުރެވުނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފުރަތަމަ އަދަދު ނެރުނީ 8 ޖުލައި 1979 ގައެވެ. އެހެންވީމާ މިހާރު ނޫހަށް ވަނީ 41 އަހަރު ވެފައެވެ.

އާފަތިސް" ނޫހުގެ ފުރަތަމަ ޢަދަދު: 8 ޖުލައި 1979

އާފަތިސް ފުރަތަމަ ނެރުއްވީ މ. އެންދެރިމާގޭ ޢައްބާސް އިބްރާހީމްގެ މަސްއޫލުވެރިކަމުގައެވެ. ޢައްބާހަކީ ދިވެހި ނޫސްވެރިކަމަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އާފަތިސް ނެރުއްވާން ފެށްޓެވުމުގެ ކުރިން "ފަތިސް" ނަމަކަށް ކިޔާ ނޫހެއްގައި އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ. އެ ނޫހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އެއީ އެހެން ބޭފުޅެއްގެ މަސްއޫލުވެރިކަމުގައި އޮތް ނޫހެއް ނަމަވެސް ނޫސް ނެރުއްވުމުގެ ހުރިހައި މަސައްކަތެއް ކުރެއްވީ ޢައްބާސް އިބްރާހީމެވެ. އާފަތިހަކީ ފަތިސް ނޫސް އުވާލުމާ ގުޅިގެން ޢައްބާސް އަމިއްލަފުޅަށް ނެރުއްވާން ފެށްޓެވި ނޫހެކެވެ. އެ މަނިކުފާނަކީ މި ނޫހުގެ ކުރީގެ މަސްއޫލުވެރިޔާއެވެ. މިހާރުގެ މަސްއޫލުވެރިޔަކީ ޢަބްދުﷲ ނަޢީމް އިބްރާހީމެވެ.

"އަޅުގަނޑު ނޫހެއް ނެރެން ޚިޔާލު ކުރީމާ އަޅުގަނޑުގެ އެދުމަކާވެސް ނުލައި ޢައްބާސް އަމިއްލަފުޅަށް ވިދާޅުވީ އާފަތިސް ނެރެންވީ ނޫންހޭ. އެހެން ވިދާޅުވުމަށް ފަހު އަޅުގަނޑުގެ ނަމުގައި އާފަތިސް ރަޖިސްޓަރީ ކުރުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއްވެސް ދެއްވީ." މިހާރުގެ މަސްއޫލުވެރިޔާ ޢަބްދުﷲ ނަޢީމު އިބްރާހީމް ބުންޏެވެ.

އާފަތިހަކީ ރާއްޖޭގެ ވަރަށް ނަންހިނގާ އެތައް ނޫސްވެރިންނެއް އުފެއްދި ނޫހެކެވެ. ނޫހުގައި އެންމެ ގިނަ ދުވަހު އެޑިޓަރުކަން ކުރައްވައިފައި ވަނީ މަނަދޫ ޢަބްދުއްސައްތާރެވެ. އެއީ ހީވާގި، މުރާލި ބޭފުޅެކެވެ. އޭނާގެ ފަހުން އެޑިޓަރުކަން ކުރެއްވީ ފެއަރީ އަޙްމަދު ޒާހިރަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ނޫހެއްގެ އެޑިޓަރުކަން ކުރެއްވި ބޭފުޅާއެވެ. މިހާރުވެސް އޭނާއަކީ "ޖަމާޢަތުގެ ޚަބަރު"ގެ އެޑިޓަރެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.