ވެންޓިލޭޓަރ ތަކުގެ މައްސަލައިގައި އޭސީސީގެ ރިޕޯޓް ތަފާތުވި މައްސަލަ މަޖިލީހުން ބަލަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހޯދި ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެނު ދިރާސީ ރިޕޯޓާއި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ވަރަށް ބޮޑަށް ތަފާތު ވުމުން އެމައްސަލަ ބައްލަވަން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅިގެން އޭސީސީގެ ރިޕޯޓު ނެރެފައިވަނީ މިދިއަ މެއި މަހުގެ 21 ގައި ކަމަށެވެ. އަދި އެމައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެކޮމިޝަންގެ ރައީސް 3 މެއިގައި ވާހަކަ ދައްކަވައިފައ ވާނެކަމަށެވެ. އެހެންކަމުން ކޮމެޓީން މައްސަލަ ބައްލަވާއިރު އޭސީސީގެ ރައީސް ކޮމެޓީގައި ދެއްކެވި ވާހަކަ ފުޅާއި 21 މެއިގައި ނެރުއްވައި ދިރާސީ ރިޕޯޓާއި އަދި ރޭ އެކޮމިޝަނަށް ނެރުއްވި ބަޔާނަށްވެސް ވެސް ބެއްލެވުމަށް މަޖިލީހުގެ ރައީސް އެދި ވަޑައިގެންނެވިއެވެ.

"އެރިޕޯޓާ ބެހޭގޮތުން މިހާރު ދަންނަވަންޖެހެނީ އޮޑިޓަރޖެނެރަލް ފާހަގަކުރައްވައިފައިވާ ރޫޙުގައިވެސް ޖަޒުބާތުގައި ވެސް އަދި އެނަޒަރިއްޔާތުންވެސް އެންޓިކޮރަޕްޝަން ކޮމިޝަންގެ ދިރާސާ ރިޕޯޓްގައި ކަންކަން ފާހަގަކޮށްފައިނެތްކަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން އޭޕްރީލް މަސްތެރޭގައި ވެންޓިލޭޓަރުތަކަށް ދުބާއީ ކުންފުންޏަށް ފައިސާ ދައްކައިފައިވާ ކަމަށެވެ. ނަމަވެސް އޭސީސީގެ ދިރާސީ ރިޕޯޓުން ފާހަގަވަނީ ވެންޓިލޭޓަރުގެ މައްސަލަ ބައްލަވަން ވާވަރަށް ބައްލަވައިފައި ނުވާކަމަށްކަމަށެވެ. ނުވަތަ ބައްލަވާ ނަޒަރިއްޔާތު ވަރަށް ތަފާތު ކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުން ދިރާސާ ކުރަން ޖެހޭނެ ކަމެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.  

ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އޭސީސީން ތަހުޤީޤު ކުރަމުންދާ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމާފައިނުވާނެކަމަށް އެ ކޮމިޝަނުން ރޭ ނެރުއްވި ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

"އޭރު އެ މައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެ. އަދި އެ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަހުޤީޤުކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ. އަދި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ." އޭސީސީގެ ބަޔާނުގައި ވެއެވެ.

ކޮވިޑާ ގުޅޭ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރި ކުރުމުގައި މަކަރާއި ހީލަތުގެ ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ވަނީ ފާހަގަކުރައްވައި ފައެވެ.

އޭސީސީ އާއި ފުލުހުން ގުޅިގެން އެމައްސަލަ ތަޙްޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފައެވެ. މި ތަހްޤީޤު ނިމެންދެން ނުވަތަ ރައީސް ޞާލިޙް ވަކިގޮތެއް އަންގަވަންދެން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އަމިއްލަފުޅަށް ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. އަދި ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުން ވަނީ ތަޙްޤީޤު ނިމެންދެން ސަސްޕެންޑްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.