
ގްރެޖުއޭޓް ވެފައިވާ ޤާނޫނީ ދަރިވަރުންގެ ޚާއްޞަ ތަމްރީނަށް ކުރިމަތި ލުމުގެ މުއްދަތު މާދަމައަށް ހަމަވާނެ އެވެ. މިއީ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާ ގުޅިގެން އެކުލަވައިލެއްވީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ.
ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ވާގޮތުން ގުރެޖުއޭޓް ވެފައިވާ ދަރިވަރުންނަށް، ވަކިމުއްދަތެއްގެ ތެރޭގައި އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމަކަށް ފަހު ޤާނޫނީ ވަކީލުކަމުގެ ހުވައި ލައިދިނުން ވަނީ ބާއުންސިލަށް ލާޒިމް ކޮށްފައެވެ. ބިލް ތަސްދީގްކޮށް ޤާނޫނަކަށްވެ ގެޒެޓްކުރާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ވަކިވަކި ބައިތަކާއި ފެންވަރު ވަޒަން ކުރާ އުޞޫލެއް އެކުލަވާލައި ގެޒެޓް ކުރަން ޖެހެއެވެ. އަދި އެ އުޞޫލުތައް ހާމަކުރާތާ ހަތް ދުވަހުގެ ތެރޭގައި ޤާނޫނީ ދަރިވަރުންނަށް ބާއްވާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފަށަން ޖެހެއެވެ. ތަމްރީނު ފުރިހަމަ ކުރާތާ 21 ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ހުވާ ލައިދޭން ޖެހެއެވެ.
ބާކައުންސިލުން ވަނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމާ ގުޅޭ އުސޫލު މިމަހު 13 ވަނަ ދުވަހު ގެޒެޓްގައި ޝާއިއު ކުރައްވައިފައެވެ. މި އުޞޫލުގައިވާ ގޮތުން ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދާނީ، ބާ ކައުންސިލުން ކަނޑައަޅާ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. އެގޮތުން، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ތަމްރީނު ޕްރޮގްރާމުގައި ހަވާލުކުރާ އެންމެހައި މަސައްކަތްތަކާއި ތަމްރީނު ޕްރޮގްރާމުގެ އިމްތިޙާނު، ބާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބައިވެރިން ފުރިހަމަކުރަންވާނެކަމަށް އުޞޫލުގައި ބުނެއެވެ.
ބާ ކައުންސިލުން އިންތިޒާމުކުރާ ޚާއްޞަ ލައިސެންސިންގ ތަމްރީނު ޕްރޮގްރާމް އެކުލެވައިލައްވައިފައި ވަނީ ރާއްޖޭގެ ލީގަލް ސިސްޓަމާއި ކްރިމިނަލް ޕްރޮސީޖަރ އާއި ސިވިލް ޕްރޮސީޖަރ އާއި ޑްރާފްޓިންގ ސްކިލްސް އާއި ޕްރޮފެޝަނަލް އެތިކްސް ގެ މައްޗަށެވެ.
ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުން ކަމުގައި ބެލުމަށް އުޞޫލުގައި ކަނޑައަޅައިވަނީ ހާޒިރީން ކަނޑައަޅައިފައިވާ މިންވަރު ހާސިލުކުރުމާއެކު އުސޫލުގައި ބަޔާންކޮށްފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑުން ފާސްވުމުންނެވެ. ފެންވަރު ވަޒަން ކުރެވޭނެ ގޮތާއި އިމްތީޙާނުދެވޭނެ ގޮތް ވެސް މި ތަމްރީނު ޕްރޮގަރާމްގެ އުޞޫލުގައި ވަނީ ކަޑައަޅައިފައިއެވެ.