
ބާރ ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުގެ ވަގުތު ހަމަވިއިރު 23 ވަކީލުން ކުރިމަތި ލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ. އެ ކޮމިޝަނުން ކޮށްފައިވާ ޓުވިޓެއްގައި ބުނެފައި ވަނީ ބާރ ކައުންސިލްގެ ރައީސް އާއި ނާއިބް ރައީސް ކަމަށް ވެސް ދެ ދެ ބޭފުޅުން ކުރިމަތި ލައްވައިފައި ވާކަމުގައެވެ. އަދި ހިންގާ ކޮމެޓީއަށް19 ބޭފުޅަކު ކުރިމަތި ލައްވައިފައިވާކަމަށެވެ.
ބާރ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައަވަނީ މަޝްހޫރު ޤާނޫނީ ވަކީލް ކުރީގެ އެޓާނީ ޖެނެރަލް ޙުސްނު ސުޢޫދާއި މައުމޫނު ޙަމީދެވެ. ނައިބު ރައީސްކަމަށް ވާދަކުރައްވަނީ ކުރީގެ އެޓާނީ ޖެނެރަލް ޢަބްދުﷲ މުޢިއްޒާއި ސިވިލް ކޯޓްގެ ކުރީގެ ޤާޒީ މުޙައްމަދު ޙަލީމެވެ. ހިންގާ ކޮމިޓީގެ މެމްބަރުކަމަށް ކަމަށް ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް، މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު މުޢިއްޒު ވާދަކުރައްވައެވެ.
ބާރ ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުގެ ސުންގަނޑި ހަމަވީ މިއަދު 5 ޖެހި އިރުއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ބާރ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވައިފައިބވަނީ މިމަހު 13 ވަނަ ދުވަހުއެވެ.
ބާރ ކައުންސިލްގެ ފުރަތަމަ އިންތިޚާބު ޤާނޫނުގައިވާ ގޮތުން ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. ބާރ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލެވޭ ވަކީލުންގެ ލިސްޓު އާންމުކޮށް ،ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ. އިސީ އިން އާންމުކޮށްފައިވާ ވޯޓާރސް ލިސްޓު ދައްކާ ގޮތުން 1487 ވަކީލުންނަށް މި އިންތިޚާބުގައި ވޯޓުލެވޭނެ އެވެ.
ބާރ ކައުންސިލް އެކުލެވިގެން ވަނީ، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ ރައީސަކާއި ނައިބު ރައީސަކާއި ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލުންގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.