ކަމަލާ ފުރަތަމަ ތަގުރީރުގައި ވެސް ރައީސް ޓްރަމްޕަށް ބަހުގެ ހަމަލާދެއްވައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޖޯ ބައިޑަންގެ ނައިބަކަށް ކަމަލާ ހެރިސް އައްޔަން ކުރެއްވިފަހުން ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ރައީސް ޓްރަމްޕަށް ކަމަލާ ހެރިސް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

ކަމަލާ ވިދާޅުވިގޮތުގައި އެމެރިކާގެ ރައްޔިތުންނަށް ކޮރޯނާވައިރަސްގެ ސަބަބުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ރައީސް ޓްރަމްޕުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށެވެ.

ކަމަލާ ވިދާޅުވި ގޮތުގައި އިޖުތިމާއީ ގައިދުރުކަން ބޭއްވުމަށް ޓްރަމްޕް ބާރެއް ނޭޅުއްވިއެވެ. އަދި މާސްކު އެޅުމަށް ޓްރަމްޕު ދެކޮޅު ހެއްދެވުމާ ގުޅިގެން ބަލި ފެތުރުމަށް މަގުފަހިވެގެންދިޔަ އެވެ.

ކަމަލާ ވިދާޅުވީ މިހާ ނުރައްކައުތެރި ގޮތަކަށް އެމެރިކާއަށް ކޮރޯނާވައިރަސް ފެތުރިގެން ދިޔައީ ފުރަތަމަކޮޅު އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ޓްރަމްޕް ފޭލުވުމާ ގުޅިގެންކަމަށެވެ.

މިއަހަރު ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ރައީސްކަމަށް ކުރިމަތިލައްވާ ޖޯ ބައިޑަންގެ ނައިބަކަށް ކަމަލާ ހެރިސް ހަމަޖެއްސެވުމުން ރައީސް ޓްރަމްޕް ވަނީ ކަމަލާއަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

ކަމަލާއަކީ ކެލިފޯނިއާއިން ގާނޫނުހަދާ މަޖިލީހަށް އިންތިޚާބުކުރެވިފައިވާ ބޭކަނބަލެކެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ކަޅު ނަސްލުގެ އަންހެނަކު ނާއިބު ރައީސްކަމަށް ވާދަކުރައްވަން ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.

ކަމަލާ ވަނީ ޑިމޮކްރެޓިކް ޕާޓީން ރައީސްކަމަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ބައިޑަންއާ ވާދަކުރައްވައި ބައެއް ކަންތައްތަކުގައި ބައިޑަންއަށް ބަހުގެ ހަމަލާދެއްވާފައެވެ. އެދުވަސްވަރު ކަމަލާ ފާހަގަވެގެން ދިޔައީ ހިތްވަރުގަދަ ޖެހިލުން ކުޑަ އަދި އެމެރިކާގެ ރައީސްކަމުގެ މަގާމު ހައްގު ބޭކަނބަލެއްގެ  ގޮތުގައެވެ.

ކަމަލާ ވަނީ ކެލިފޯނިޔާގެ އެޓާނީ ޖެނެރަލްކަން ކުރައްވާފައެވެ. އަދި އޭނާ ވަނީ ނަސްލީ މައްސަލަތަކާ ގުޅިގެން އެމެރިކާގައި ކުރެވުނު މުޒާހަރާތަކުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތްތައް އިސްލާހުކޮށް ބަދަލުކުރުމަށް ބާރުއަޅުއްވައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ކަމަލާ 55އ ގެ މަންމާފުޅަކީ އިންޑިއާގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ ޖެމޭކާގެ ބޭފުޅެކެވެ.

ބައިޑެންއާއި ކަމަލާ: ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ރައީސާއި ނާއިބު ރައީސް

ކަމަލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކެލިފޯނިޔާގެ ރަށެއްކަމުގައިވާ އޯކްލޭންޑްގައެވެ.

އޭނާ ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވީ ކަޅު ނަސްލުގެ މީހުންގެ މެދުގައި މަގުބޫލު ހާވާޑު ޔުނިވަސީޓީންނާއި ޔުނިވަސިޓީ އޮފް ކެލިފޯނިޔާއިންނެވެ.

ޕްރައިމަރީގައި ބައިޑަންއާ ވާދަކުރައްވަމުން ގެންދެވި ކަމަލާ ރޭހުން ވަކިވެވަޑައިގަތީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވިގޮތުގައި ކަމަލާގެ މުޅި އުމުރު ހޭދަކުރައްވާފައިވަނީ ގާނޫނުއަސާސީ ދިފާއުކުރެއްވުމުގައެވެ. އަދި ބައިޑަންގެ ނިންމެވުން ރަގަނޅުކަމަށާއި އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތި ލެއްވުމުގައި ކަމަލާގެ އެހީތެރިކަން ލިބިވަޑައިގަންނަވާނޭ ކަމުގައި ވިދާޅުވިއެވެ.

ރައީސް އޮބާމާ ކަމަލާއަށް ތާއިދުކުރައްވައި ވިދާޅުވީ، ކަމަލާއަކީ ނައިބު ރައީސްކަމުގެ މަގާމަށް ބޭނުންވާވަރަށް ވުރެ ބޮޑަށް ފައްކާވެފައިވާ ބޭކަނބަލެއްކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރައްވާ ޖޯ ބައިޑެންއަށްވުރެ ކަމަލާއަކީ ރައްދުދެއްވައި ބަހުގެ ހަމަލާ ދެއްވުމުގައި އެތައް ދަރަޖައެއް ކުރީގައި އުޅުއްވާ ބޭކަނބަލެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.