ތަޢުލީމީ ބިލްގެ މަސައްކަތް ކޮމެޓީން ނިންމައިލައިފި

ތައުލީމީ ބިލްގެ މަސައްކަތް ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީން ދިސާރާކޮށް ނިންމައިލައިފިއެވެ.

މިއަދު އެކޮމެޓީގެ ބައްދަލުވުމުގައި މުޤައްރިރު ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބިލްދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ކޮމެޓީއަށް ހުށެހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާނީ މިމަހުގެ އެނެމް ފަހު ބްރާސްފަތި ދުވަހުއެވެ.

މުޤައްރިރު ވިދާޅުވީ ތަޢުލީމް ބިލުގެ މަސައްކަތް ނިންމާލައްވައިފައިވަނީ އާއްމުންގެ ޚިޔާލާއި ބިލާ ބެހޭ ގޮތުންމަޝްވަރާ ކުރެއްވުމަށް ބޭއްވި ފޯރަމްގައި ލިބުނު މަޢުލޫމާތުތަކާއި އެޑިއުކޭޝަން މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުންތަކުން ލިބި ވަޑައިގެންނެވި މަޢުލޫމާތާއި ޚިޔާލުފުޅުތައް ވެސް ހިމަނައިގެން ކަމަށެވެ. އަދި ބިލުގެ މަސައްކަތް ނިންމާ ލެވިފައިވަނީ ކޮމެޓީ މެމްބަރުން ވަރަށް ބުރަމަސައްކަތުން ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަކޮށްގެން ކަމަށެވެ.

ތަޢުލީމީ ބިލަށް ޚިޔާލު ހޯއްދެވުމަށް ބޭއްވި ބައްދަލުވުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެވުނު އެއް ކަމަކީ ފެންވަރު ރަނގަޅު ޓީޗަރުން ތަޢުލީމީ ނިޒާމުގައި ދެމި ނުތިބުމުގެ މައްސަލައެވެ. ޤައުމީތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެމުޤައްރިރު ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ އެބައްދަލުވުމުގައި ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުޞޫލުގެ ތެރެއިން، ޓީޗަރުން ގިންތިކުރެވި މުސާރައާއި އިނާޔަތްތައް ކަނޑައެޅޭއިރު ޓީޗަރުން ހިތުން ރުހުމުން ވަޒީފާގައި ދެމިތިބޭނެފަދަ އެލަވަންސާއި އިނާޔަތްތައް ކަނޑައެޅިގެންދާނަމަ ޚިދުމަތުގައި ދެމި ތިބުމަށް ބާރަކަށް ވާނެކަމަށެވެ. ބިލްގައިވާ ގޮތުން އެކަމަށް ބޭނުންވާ ޤަވާއިދާއި އުޞޫލުތަށް ކަނޑައަޅާނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ތައުލީމުގެ ބިލްގައިވާ ގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބޭ ހައްޤުތަކުގެ އިތުރަށް ވެސް އިނާޔަތާއި ރައްކާތެރިކަން ޓީޗަރުންނަށް ލިބިގެން ދާނެކަމަށެވެ. މިއީ ޓީޗަރުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރެއްކަމަށް ބިލަށް ޚިޔާޅު ހޯދުމުގެ ބައްދަލުވުމުގައި އޭނާ ވިދާޅުވިއެވެ.

މަދަރުސީ ތަޢުލީމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދޭންޖެހޭނެކަމަށް ތަޢުލީމުގެ ބިލުގައި ވަނީ ކަނޑައަޅައިފިއެވެ. މަދަރުސީ ތަޢުލީމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދޭންޖެހޭނެކަމަށް ތަޢުލީމުގެ ބިލުގައި ކަނޑައަޅައިފައި އޮތުމަކީ ވަރަށް މުހިންމު ބޭނުންތެރިކަމެއްގެ ގޮތުގައި ބިލްގެ ބަހުސްގައި މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

ތަޢުލީމީ ބިލުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނަނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމަކީ، އުނގެނުމުގެ ޙައްޤުގެ ބައެއްކަމުގައި ވުމުގެ އިތުރުން މަސައްކަތތެރިކަމުގެ ޙައްޤާވެސް ގުޅިފައިވާ ޙައްޤެއްކަމުގައިވާތީ، އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެވޭނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު އުނގެނުމުގެ ޙައްޤުވެސް ކަށަވަރުކޮށްދެވިގެން ކަމުގައި މި ޤާނޫނު ޤަބޫލުކުރާ ހިނދު، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު މަދަރުސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ ޙައްޤު މި ޤާނޫނުން ކަށަވަރުކޮށްދޭ ކަމަށެވެ.

ތަޢުލީމުގެ ބިލުގައި ބުނާގޮތުން މަދަރުސީ ތަޢުލީމު ބައްޓަންވެފައި އޮންނަން ވާނީ، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ. ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށް ދިނުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ކުދިންގެ ތަފާތު ޤާބިލިއްޔަތުތަކަށް ފުރުޞަތު ހޯދައި ދިނުމާއި ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި ދަރިވަރުން ބިނާކުރުމަށް މަގުފަހި ކުރުމެވެ. އަދި ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރުމެވެ. މަސައްކަތްތެރިކަމުގެ ދާއިރާއަކީ އަގުހުރި އަދި ޤައުމަށް ފައިދާހުރި ދާއިރާއެއް ކަމުގައި ދުށުމުގެ ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ވެސް، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށް ދިނުމުގެ ބޭނުންތަކުގެ ތެރޭގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ޕްރީ ސްކޫލުފެށިގެން މަތީ ސާނަވީ ނިމެންދެން ހިލޭ ތަޢުލީމު ލިބުމުގެ ހައްޤު ކޮންމެ ކުއްޖަކަށް ވެސް ލިބިދެވޭނެކަމަށް ވެސް ބިލުގައި ވެވެއެވެ. ހަނގާ ކުރުންފަދަ ޢަމަލުތަކާއި އެކި ބާވަތުގެ ގޯނާކުރުމާއި އަނިޔާވެރިކަމުން ރައްކާތެރިވެފައިވާ އަމާން މާހައުލެއްގައި އުނގެނުމުގެ ޙައްޤު ކަށަވަރު ކޮށްދެންޖެހޭނެކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ތަޢުލީމީ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.