އިންޑިޔާގައި ކޮވިޑް- 19 ގެ ބަލިމީހުން ބައިތިއްބާ ތަނެއްގައި ރޯވެ 11 މީހުން މަރުވެއްޖެ

އިއްޔެ އަލިފާން ރޯވި ހޮޓަލުން މީހަކު ނެރެނީ

ދެކުނު އިންޑިޔާގައި ކޮވިޑް- 19 ގެ ބަލިމީހުން ބައިތިއްބަން ބޭނުންކުރާ ހޮޓަލެއްގައި އަލިފާން ރޯވުމުގެ ސަބަބުން 11 ބަލިމީހުން މަރުވެއްޖެއެވެ. 20 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވެއެވެ.

އާންދްރާ ޕްރަދޭޝްގެ ވިޖަޔަވަޑާގައި ހުންނަ ސްވަރްނާ ހޮޓަލުގައި ރޯވެފައި ވަނީ އިއްޔެ ފަތިހު ފަހެއް ޖެހިއިރުއެވެ. ބައިގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ނިވާލައި، ބަލިމީހުން ވަނީ ހޮސްޕިޓަލަަކަށް ބަދަލުކޮށްފައެވެ. ފުލުުހުން މައުލޫމާތުދިން ގޮތުގައި 22 މީހަކު ވަނީ ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.

މިއީ އިންޑިޔާގައި ކޮވިޑް- 19 ގެ ބަލިމީހުން ތިބޭތަނެއްގައި ހަތަރު ދުވަހުގެ ތެރޭގައި ރޯވި ދެވަނަ ފަހަރެވެ. ފާއިތުވި ބުރާސްފަތި ދުވަހު ގުޖަރާތުގެ އަހްމަދުއާބާދުގައި ކޮވިޑް- 19 އަށް ފަރުވާދޭ އަމިއްލަ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާންރޯވުމުގެ ސަބަބުން 8 މީހަކު ވަނީ މަރުވެފައެެވެެ.

ސަލާމަތީ ކަންކަން ދޯދިޔާވުމުގެ ސަބަބުން އިންޑިޔާގެ އިމާރާތްތަކުގައި އަލިފާންރޯވުމަކީ އާއްމު ކަމެކެވެެ.

އިއްޔެ މި އަލިފާނުގެ ހާދިސާ ހިނގިއިރު، އިއްޔެއަކީ އިންޑިޔާގައި ރެކޯޑު އަދަދަކަށް މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވި ދުވަހެކެވެ. އިއްޔެ 63499 މީހުން ވަނީ ޕޮޒިޓިވްވެފައެެވެ. ފާއިތުވި ތިންދުވަހުވެސް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 60 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.