
އެކި ޚިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިމޭރުމުން ޓްވީޓެއް ކުރައްވައިފައިވަނީ ޞީއްޙީ ދާއިރާގެ ތަޖްރިބާކާރުންތަކެއް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަށް ވަޑައިގެން ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ. އެބޭފުޅުން ވަނީ މަޖިލީހުގެ ރައީސާ ވެސް ބައްދަލު ކުރައްވައިފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ އަބަދު ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ނޫން ކަމަށެވެ. އެކި ހިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވީ މިސަރުކާރު އައުމުން ކަންކަން ރަނގަޅުވާނެކަމަށް ހީކުރެއްވި ނަމަވެސް ކުރިއަށް ވުރެ ވެސް ކަންތައްތައް ދިޔައީ ގޯސްކޮށްކަމަށެވެ. އެގޮތުން ޞިއްޙީ ނިޒާމު ހިންގުމަށް ކޮނެމެހެން ބޭނުންވާ މުހިންމު ގިނަ މަޤާމުތަކެއް ވެސް ހުސްކޮށް ހުރިކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.