ބޭރޫތުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

މުޒާހަރާކުރި މީހުން ބައެއް މިނިސްޓްރީތަކަށް ވަދެގެންފައި ވާއިރު، ފުލުހުންގެ މީހަކު ވަނީ މަރުވެފައި

އިއްޔެ ބޭރޫތުގައި މުޒާހަރާކުރި މީހުން ފޮރިން މިނިސްޓްރީގެ ތެރެއަށް ވަދެގެންފައި

ފާއިތުވި ހަފުތާގައި ލެބެނާން (ލުބްނާން) ގެ ބޭރޫތުގައި ގޮވި ވަރުގަދަ ގޮވުމާ ގުޅިގެން މުޒާހަރާކުރަމުން ދިޔަ އެތައްހާސް މީހުންނާ ފުލުހުންނާ ދެެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެެވެ.

ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކުރިމަތީގައި އޮންނަ ޝަހީދުންގެ މައިދާނަށް އެއްވެ އިމާރާތަށް ވަންނަން މަސައްކަތްކުރި އެތައްހާސް ބަޔަކު މައިތިރިކުރަން ފުލުހުން ކަރުނަ ގޭސް ޖަަަހައި ބާރުގެ ބޭނުންކުމުގެ ސަބަބުން 700 އަށްވުރެ ގިނަ މީހުން މަރުވެ، ފުލުހުންގެ މީހަކު ވަނީ މަރުވެފައެވެ. ރައީސު މިޝޭލް އައުން އަދި ޙިޒްބުﷲއާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ މީހުން ވަނީ ރައީސު އައުނާއި ސިޔާސީ ބައެެއް ލީޑަރުން ރަމްޒީ ގޮތުން ދަންޖައްސާފައެވެ.

މުޒާހަަރާކުރި މީހުން ފަހުން ފޮރިން މިނިސްޓްރީގެ އިމާރާތުގެ ތެރެއަށް ވަދެ އެތަނަށް ގެއްލުން ދީފައެވެ. އެތަނުން މީހުން ނެރުނީ ސިފައިން އައިސްގެނެެވެ. އަދި މުޒާހަރާކުރި މީހުން ވަނީ ޝަހީދުންގެ މައިދާނު ކައިރީގައި ހުންނަ ލެގްރޭ ހޮޓަލުގައި ރޯކޮށް އެ ހޮޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި މުޒާހަރާތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު ޙައްސާން ދިޔާބު ވިދާޅުވީ ލެބެނާނުގެ މައްސަލަތަކަށް އޮތް ހައްލަކީ އަވަސް އިންތިޚާބެއް ބޭއްވުން ކަމުގައެވެ.

"ގާނޫނުހަދާ މަޖިލީހުގެ އަވަސް އިންތިޚާބެއް ބޭއްވުމާ ގާނޫނެއްގެ ޕްލޭނެއް އަންނަ ހޯމަ ދުވަހު ބަޢަބްދާ ގަނޑުވަރު (ރިޔާސީ ގަނޑުވަރުގައި) އޮންނަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އަޅުގަނޑު ހުށަހަޅާނަން." ދިޔާބު ވިދާޅުވިއެވެ.

ލެބެނާނު އިގްތިސާދީ މައްސަލަގަނޑެއްގެ ތެރޭަގައި ވަނިކޮށް ކޮވިޑް- 19 ގެ ބަލިމަޑުކަން ކުރިމަތިވުމުން އިގްތިސާދު އިނދަޖެހިފައި ވަނިކޮށް، ފާއިތުވި ހަފުތާގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން ކުރިމަތިިވި ކާރިސާއަށް ފަހު ލެބެނާނު މީހުން ވަނީ ސަރުކާރާއި، ސިޔާސީ ފަރާތްތައް ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. މަގުމައްޗަށް މީހުން ނުކުތީ މި ރުޅި ބޭރުކޮށްލުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.