ބޭރޫތު ބަނދަރު މަރާމާތުކުރެވެންދެން މަރްސިން ބަނދަރު ލެބެނާނުން ބޭނުންކުރަން ދޭން ތުރުކީން ނިންމައިފި

ތުރުކީގެ މަރްސިން ބައިނަލްއަގުވާމީ ބަނދަރު

ލެބެނާން (ލުބްނާން) ގެ ވެރިރަށް ބޭރޫތުގެ ބަނދަރު މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށެންދެން ތުރުކީގެ ދެކުނުގައި އޮންނަ މަރްސިން ބަަނދަރުގެ ވަސީލަތްތައް ލެބެނާނުން ބޭނުންކުރަން ދޭން ތުރުކީން ނިންމައިފިކަން ތުރުކީގެ ނާއިބު ރައީސު ފުއާދު އޮކްޓޭ ހާމަކުރައްވައިފިއެެވެ.

އޭނާ މިކަން ހާމަކުރައްވާފައި ވަނީ ފާއިތުވި ހަފުތާގައި ގޮވި އާދަޔާ ޚިލާފަށް ބާރުގަދަ ގޮވުމުގައި ބޮޑުބައެއް ސުންނާފަތިވެފައިވާ ބޭރޫތަށް ޚާރިޖީ ވަޒީރު މަވްލޫދު ޖާވަޝްއޮގްލޫއާއެކު ޒިޔާރަތްކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ލެބެނާނުގެ ރައީސު މިޝޭލް އައުންއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުުކުރައްވަމުން އޮކްޓޭ ވިދާޅުވީ ބޭރޫތުގެ ބަނދަރާއި، އެތަނުގެ ވަށައިގެންވާ އިމާރާތްތައް މަރާމާތުކުރުމަށް ލެބެނާނަށް އެހީވާން ތުުރުކީން އޮތީ ތައްޔާރަށް ކަމުގައެވެ.

"ތުރުކީގެ ހުރިހާ ހޮސްޕިޓަލަކާއި، އެއާ އެންބިއުލާންސްތަކެއް ވަނީ ލެބެނާނުގެ ޚިދުމަތުގައި." 160 މީހުން މަރުވެ 5 ހާހަށްވުރެ ގިނަ މީހުން މަރުވި ގޮވުމަށް ފަހު ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ލެބެނާނަށް ސިއްހީ އެހީ ދޭން ނިންމެވިކަން ހާމަކުރައްވަމުން ނާއިބު ރައީސު އޮކްޓޭ ވިދާޅުވިއެވެ.

ބޭރޫތު ބަނދަރުގައި ގުދަންކޮށްފައި ހުރި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ހަވީރު ގޮވުމުގެ ސަބަބުން ބޭރޫތު ބަނދަރު ވަނީ ހަލާކުވެފައެވެ. އެތަން ބޭނުންކުރެވޭވަރު ވާނީ ބޮޑެތި މަރާމާތުތަކަކަށް ފަހުގައެވެ.

ބޭރޫތުގެ އުތުރުން 330 ކިލޯމީޓަރު ދުރުގައި އޮންނަ މަރްސިން ބައިނަލްއަގުވާމީ ބަނދަރަކީ ކާޑުގެ ބާވަތްތަކާއި، ތެލާއި، ލަކުޑިއާއި، ދިރޭ ޖަނަވާރު ބަަަަހައްޓާނެ ވަކި ސަރަހައްދުތަކާއި، މުދާ ގުދަން ކުރާނެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ، މެޑިޓަރޭނިއަން ކަނޑުގައި އޮންނަ ތުރުކީގެ އެންމެ މުހިއްމު އެއް ބަނދަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.