އެއާ އިންޑިޔާ އެކްްސްޕްރެސްގެ މަތިންދާބޯޓެއް ރަންވޭއިން ކައްސާލައި 15 މީހުން މަރުވެއްޖެ

ރަންވޭއިން ކައްސާލައި ދެބައިވެފައިވާ މަތިންދާބޯޓު

ކެރަލާގެ ކޯޅިކޯޑް (ކާލިކަޓް) އެއާޕޯޓަށް ޖެއްސި އެއާ އިންޑިޔާ އެކްސްޕްރެސްގެ މަތިންދާބޯޓެއް ރަންވޭއިން ކައްސާލައި އަޑިގަނޑަކަށް ވެއްޓުމުގެ ސަބަބުން މެދުން ބިންދައިގެން ހިނގައްޖެއެެވެ. ދުބައިން އައި ބޯޓުން ދަތުރުކުރި 191 މީހުންގެ ތެރެއިން 15 މީހުން މަރުވެ 123 މީހުންނަށް ވަނީ އަނިޔާވެފައެވެ. މަރުވި މީހުންގެ ތެރޭގައި މަތިންޖާބޯޓުގެ ޕައިލެޓަކުވެސް ހިމެނެއެެވެ. އަނިޔާވި މީހުންގެ ތެރެއިން 92 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

މިހާދިސާގައި ބޮއިންގ 737-އެެންޖީ މަރުކާގެ މަތިންދާބޯޓުން ގިނަ ބަޔަކު ސަލާމަތްވީ ބޯޓުގައި އަލިފާން ރޯވެފައި ނުވާތީއެވެ. އެެެހެންނަމަވެސް، ބޯޓު 35 މީޓަރު އަޑި ތަނަކަށް ވެއްޓި މެދުން ބިންދައިގެން ގޮސް، ރޫޅިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނޭކަމަށް ވެއެެވެ.

ކޯޅިކޯޑް އެއާޕޯޓުގެ ރަންވޭ: ކަނާތްފަރާތުގައި ރަތްކުލައިން ފާހަގަކޮށްފައި ވަނީ މިރޭ ކައްސާލި ބޯޓު ވެެއްޓުނުތަން

ވެއްޓުނު ބޯޓުން ދަތުރުކޮށްފައިވަނީ ކޮވިޑް- 19 ލޮކްޑައުންގެ ސަބަބުން ދުބައިގައި ތާށިވެފައި ތިބި އިންޑިޔާ މީހުންގެ ތެރެއިން ރަށަށް އަންނަން ބޭނުންވެފައި ތިބ ިމީހުންނެވެ.  

ޔޫއޭއީ ގަޑިން މެންދުރު ފަހު 2:14 (ރާއްޖޭ ގަޑިން ހަވީރު 3:14) ގައި 174 ފަސިންޖަރުންނާ 7 ފަޅުވެރިންނާއެކު ދުބައިން ފުރި އެއާ އިންޑިޔާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސް-1344 މިރޭ 7:40 (ރާއްޖޭ ގަޑިން 7:10) ހާއިރު ކޯޅިކޯޑް އެއާޕޯޓަށް ޖައްސާފައި ވަނީ ގަދަ ވިއްސާރައިގެ ތެރޭގައި، ބޯކޮށް ވާރޭ ވެހެމުން ދަނިކޮށެވެ. ޖެއްސި ވަގުތު ކަހާލައިގެން ގޮސް މަތިންދާބޯޓު ވަނީ އަޑިގަނޑަކަށް ވެއްޓިފައެވެ.

ކޯޅިކޯޑް އެއާޕޯޓަކީ 'ޓޭބަލް ޓޮޕް' (ވަށައިގެން އަޑިގަނޑު އޮންނަ އުސް ފަރުބަދައެއްގެ މަތީގައި) އޮންނަ އެއާޕޯޓެެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.