
މ. ދިއްގަރު ކައުންސިލުން ހުސްވެފައިވާ ގޮޑިއަށް ވާދަކުރަނީ ޕީޕީއެމް އާއި އެމްޑީޕީ އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންޚާބުގައި، ވާދަކުރި ދެ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ކެނޑިޑޭޓް ނަންބަރު އެކެއް ލިބިފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފް، އަށް ކަމަށާއި ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޙަންނާން އަޙްމަދަށް ލިބުނީ ކެނޑިޑޭޓް ނަންބަރު ދޭއް ކަމަށް އެ ކައުންސިލުން ބުނެއެވެ.
އެރަށު ކައުންސިލް ގޮޑިއެއް ހުސްވެފައިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރި މެމްބަރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ދިއްގަރު ކައުންސިލަކީ އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީ 3 މެމްބަރަކާއި ޕީޕީއެމްގެ މެމްބަރެކެވެ.