ފިޔަވަޅުތައް ހަރުދަނާކުރަނީ ސިއްހީ ނިޒާމަށް ތަކާވަރަށް ކޭސްތައް މަދުކުރުމަށް: ޑރ. ނަޒްލާ

މާލޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފަށައި އަދި މިހާރު ބައެއް ރަށްރަށުގައި ވެސް ބަލި ފެތުރެމުންދާތީ ކޭސްތައް  މަދުކުރުމުގެ ގޮތުން ކުރިންދީފައިވާ ލުއިތައް ހަރުދަނާކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ފިޔަވަޅުތައް އަޅަންޖެހުނީ މިހާރު ހުރި އޮޕަރޭޝަނަލް ކެޕޭސިޓީ ތެރޭގައި ބެލެހެއްޓޭ ވަރަށް ކޭސްތައް މަދުކުރުމަށެވެ. ކޭސްތައް އިތުރުވެ އުމުރުން ދުވަސްވީ، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބަލިޖެހޭ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރައްވައި، އެފަދަ މީހުން ބަލިން ސަލާމަތްކުރަންޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލިފެތުރޭ މިންވަރު ދަށްކޮށް އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރަންޖެހޭ ކަމަށް ވެސް ޑރ، ނަޒްލާ ވިދާޅުވިއެވެ. އަދި ހަލުވި ކަމާއެކު ކޭސްތައް ފެތުރިގެންދާނަމަ ސިއްހީ ނިޒާމަށް ނުތަކާވަރަށް ކޭސްތައް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ. ބަލިޖެހޭ މީހުންގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބަލިޖެހި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.   

މިހާރު ފެތުރޭ ބާރުމިނުގައި ބަލި ފެތުރިގެންދާނަމަ ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ބާރުބޮޑުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރުވެސް އޮޕަރޭޝަނަލް ސާރވިސް ތެރޭގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ބަލިޖެހޭ މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައްޔާއި ސާމްޕަލް ނެގުމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. މިގެ އިތުރަށް އިތުރު ފެސިލިޓީތައް ހޯދުމާއި އެތަންތަނަށް ބޭނުންވާ މީހުން ހޯދުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަޖުބޫރުކޮށްގެން މާސްކު އެޅުމާއި ލޮކްޑައުން ކުރުމުން ބަލިޖެހޭ މީހުންގެ އަދަދު މަދުކަމަސް ދިރާސާތަކުން ދައްކާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އެކަންކަމާއެކު އަމިއްލަ ފަރުދުންގެ އަމަލުތައް ބަހައްޓާގޮތުން ބަލިފެތުރުން މަދުވާ ކަމަށްވިދާޅުވިއެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް މިއަދވަނީ އަޅާފައެވެ.

މިއަދު އެޅީ ފިޔަވަޅުގެތެރޭގައި މިރެއިން ފެށިގެން ކޮންމެ ރެއަކި 10އަކުން ފަތިހު ފަހަކަށް މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ. މިއާއެކު ހިރހާ ވިޔަފާރިއެއް ރޭގަނޑު 9:30 ގައި ބަންދުކުރުމާއި، އަދި 5 މީހުންނަށް ވުރެ ގިނަ މީހުން އެއްތާ ނުވުމާއި ، ބަލިފެތުރިފައިވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކުރުމާއި، ބަލި ނެތް ރަށްރަށުގައި ވެސް ދަތުރުކުރާނަމަ މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.. އަދި އޮފީސްތަކަށް އެއްފަހަރާ ނެރޭ މީހުން ފަންސާސް އިންސައްތައަށް ދަށްކުރުމާއި، ގެއިން މަސައްކަތް ކުރެވޭ ހާލަތްތަކުގައި ގެއިން މަސައްކަތް ކުރުމާއި، އޮންލައިންކޮށް ކުރެވޭ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.