ނިޔާވި ޕައިލެޓްގެ ޖަނާޒާ ބާއްވައިފި

ރޭ ދަންވަރު ކުއްލި ގޮތަކަށް ނިޔާވި ޒުވާން ޕައިލެޓްގެ ޖަނާޒާ މަޣްރިބް ނަމާދަށްފަހު އާސަހަރާގައި ބާއްވައިފިއެވެ.

ފްލައިމީގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރި ޢުމުރުން 35 އަހަރުގެ ޝަނޫން ނަސީރު ކުއްލި ގޮތަކަށް ނިޔާވެފައިއޮއްވާ ފެނުނީ ރޭ ދަންވަރު 3:30 ހާއިރުއެވެ. ސ. ހިތަދޫ ކޯޒްވޭވިލާ، ސަނޫން މަރުވެގެން ވެއްޓިފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރިންނެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ. އޭނާ ނިޔާވަން ދިމާވި ސީދާ ވަކި ސަބަބެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނަމަވެސް އޭނާގެ އެއްވެސް ޞިއްޙީ މައްސަލައެއް ހުންނަކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފްލައިމީ އިން ވަނީ ބުނެފައެވެ. އޭނާގެ ހަށިގަނޑު ކޮވިޑަށް ހެދި ޓެސްޓުން ދެއްކީ ނެގެޓިވް ކަމަށެވެ.

ޒުވާން ޕައިލެޓްގެ ކުއްލި ވަކިވެ ދިއުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ހިތާމަ ފާޅުކޮށް އޭނާގެ މައްޗަށް ހެޔޮ ދުޢާކުރަމުންނެވެ. އޭނާ ނިޔާވި އިރު ޢުމުރުން ހަތް އަހަރުގެ ފިރިހެން ދަރިއަކާއި އަނތްބަކު ދުނިޔޭގައި އެބަ ހުއްޓެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.