ގެވެށި އަނިޔާގެ މައްސަލަ ހައްލުނުކޮށް މުޖްތަމައެއްގެ ގޮތުގައި ކުރިއަށްދެވޭކަށް ނެތް: ރައީސް

ގެވެށި އަނިޔާގެ މައްސަލަ ހައްލުނުކޮށް އަޅުގަނޑުމެންނަށް މުޖްތަމައެއްގެ ގޮތުގައި ކުރިއަސް ދެވޭން ނެތް ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ގެވެށި އަނިޔާއާ ދެކޮޅަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސެސް އިން ފެށި "ގެވެށި ގުޅުން" ކެންޕޭން އިފްތިތާހުކުރުމުގެ ގޮތުން ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ދިވެހި އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު އަނިޔާ ލިބޭ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރައްވަމުން އެއީ މުޅި މުޖަތަމައަށް ލިބޭ ބޮޑު ގެއްލުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. "ދިރާސާތަކުން އެނގޭ ގޮތުގައި ކޮންމެ ދިވެހި އަންހެނެއްގެ ތެރެއިން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަހައްމަލުކުރަން ޖެހިފައިވާ މީހެއް." ރައީސް ވިދާޅުވިއެވެ.

ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަ ރައީސް ސިފަކުރެއްވީ "ފަނާކުރަނިވި މައްސަލަ"އެއްގެ ގޮތުގައެވެ. އަދި މިކަމަކީ މުޖްތަމައުގެ ތެރޭގައި ހުރި ގިނަ މައްސަލަތައް މެދުވެރިވާން ދިމާވާ އެއް ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޖިންސީ ގޯނާއާ ގެވެށި އަނިޔާގެ މައްސަލަ މުޖްތަމައުގައި އާއްމުވެފައިވީ ނަމަވެސް މި މައްސަލަ ހައްލުކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތްތައް ނުކުޅެދިފައިވާ ކަމަސް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަކީ އެންމެން އޭގެ ޒިއްމާ ނަގަންޖެހޭ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ގައުމެއްގެ ގޮތުގައި ކުރިއަށް ދެވޭނީވެސް އަދި ހަމަޖެހިގެން ތިބެވޭނީ ވެސް މިއަސަލަ ހައްލުކޮށްގެން ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި މައްސަލަ ޙައްލުކުރުމުގައި އަޅުގަނޑުމެންގެ މުޅި ދައުލަތް، ޒަމާންތަކެއް ވަންދެން އޮތީ ނުކުޅެދިފައި. މިއީ، އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި، މިކަން ޙައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށްނެތް. އަދި، ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އިން ފެށި ކެންޕޭނަކީ ގެވެށި އަނިޔާގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަން ފާހގަކުރެއްވިއެވެ. "މި ކެމްޕެއިންގެ މަޤްޞަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން. މި ކެމްޕެއިންގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެން ދިޔުމަކީ ސަރުކާރުގެ އުއްމީދު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތް ހަގީގަތަކަށް ހެދޭނީ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެގޮތުން "ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން މިކަމުގެ މުހިއްމުކަން ދެނެގަނެ، ގަދައަޅައި މަސައްކަތް ކުރަންޖެހޭ. އަދި ހަމައެއާއެކު، އަމިއްލަ ފަރުދުންގެ ބައިވެރިވުންވެސް މިކަމުގައި ފުރިހަމައަށް އޮންނަންޖެހޭ." ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކަކުން "ގެވެށި ގުޅުން" ކެންޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.