ދިވެހިންގެ މިނިވަންކަން ދެމެހެއްޓެން އޮތް އެންމެ ބުއްދިވެރި ގޮތަކީ އިންޑިއާއި އެކުގައި އޮތުން: ރައީސް ނަޝީދު

ދިވެހިންގެ މިނިވަންކަމާއި ކުރިއެރުން ދެމެހެއްޓެން އޮތް އެންމެ ބުއްދިވެރި ގޮތަކީ އިންޑިއާއި އެކުގައި އޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އައުޓްޑޯ ޖިމްގެ އާލާތްތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުންނެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ވާހަކަ ރައީސް ނަޝީދު ފެށްޓެވީ ދިވެހިން ބަލާ ހިންދީ ފިލްމުތަކުންނާއި ދިވެހިންނާއި އިންޑިއާ މީހުން ކައިއުޅޭ ރިހާޔާއި ބަތުގެ ވާހަކައިންނެވެ. ދިވެހިންގެ އާންމު ދިރިއުޅުން ފުރިހަމަ ކޮށްދެނީ އިންޑިއާއާއި ރާއްޖޭގެ ގުޅުންކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ. ރާއްޖޭގައި އޮންނަ ސަރުކާރަކާއި އިންޑިއާގައި އޮންނަ ސަރުކާރަކާ ގުޅުން ބަދަހިނުވެދާ ވަގުތުގައިވެސް ދިވެހިން ބަތާއި ރިހަ ކެއުމާއި ކަސޯޓީ ބެލުން ހުއްޓާނުލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

"ރާއްޖޭގެ ޤައުމިއްޔަތު ބިނާވެފައި މިއޮތީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ދެމެހެއްޓުމާއި ދިވެހިންގެ މިނިވަންކަންމަތީގައި ދިވެހިން އަބަދުވެސް ތިބުމާ. ދިވެހިންނާއި އިންޑިއާއާއި އޮތް ގުޅުމުން، ދިވެހިންނަށް އެންމެ ބޮޑަށް ސާފުވެފައި އޮތް ޙަޤީޤަތަކީ ދިވެހިންގެ މިނިވަންކަން ހަޤީޤަތުގައި ދެމެހެއްޓެން އޮތް އެންމެ ބުއްދިވެރި ގޮތަކީ އިންޑިއާޔާ އެކީގައި އަޅުގަނޑުމެން ވިސްނަމުން ކަންކަން ކުރަމުން ދިއުންކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ކުދިކުދި ޖަޒީރާތަކެއްކަމަށް އަޅުގަނޑުމެންގެ ހިތަށް ބައެއް ފަހަރަށް ވެރިވެފައިވީ ނަމަވެސް ރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުގައި އޮތް ވަރަށް ބޮޑު ޤައުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަޙައްދުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އިންޑިއާ ކަނޑުގައި ހޯދައިފައިވާ މަޤާމަކީ މުޅި ދުނިޔެ ބަލައިގަންނަން ޖެހޭ މަޤާމެއް ކަމަށެވެ. އިންޑިއާ ކަނޑުގައިވާ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށްވުރެ ބޮޑަށް އިންޑިއާ ކަނޑަށް ފެތުރިފައިވާ ޤައުމެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. ދިވެހިންނަށްވުރެ ބޮޑަށް އިންޑިއާ ކަނޑުގެ ބޭނުން ކޮށްގެން ދިރިއުޅުން އާރާސްތުކޮށް ބިނާކުރިބައެއް ވެސް ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި ވިދާޅުވީ އިންޑިއާ ވަރަށް ބާރަށް ތަރައްޤީވެ އާމްދަނީ އިތުރުކޮށް އިންތިހާއަށް މުއްސަނދި ވެއްޖެ ކަމަށެވެ. ދިވެހިންވެސް އެދެނީ އާއްމު ޙާލަތު ރަނގަޅުވެ ޖީބަށް އެއްޗެއް ވަނުންކަމަށެވެ.

"ކިލަނބުވެފައިވާ ޙަޔާތުގައި ތިބެ ޣަރަޤް ވެގެން ދާކަށް ނުވާނެ. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށް ރަނގަޅު ބުއްދި އަޅުގަނޑުމެން ނެރެންޖެހޭނެ. އަޅުގަނޑަށް ކަށަވަރު އިންޑިއާގެ ތަރައްޤީއާ ގުޅުނީމާ އަޅުގަނޑުމެންގެ އާމްދަނީ އެބަ އިތުރުވާކަމަށް. އެކަން އިރާދަ ކުރެއްވީތީ މިހާރު މިދަނީ ވަމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައިވެސް އަދި ދުނިޔޭގައި ވެސް ދިވެހިންނަށް މަޤާމެއް ހޯދިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އިންޑިއާޔާ ޖަދަލުކޮށްގެން އެ މަޤާމުހޯދަން ދަތިވާނެކަމަށް ވިދާޅުވިއެވެ.

"އިންޑިއާއި ޖަދަލުކޮށް ނުވަތަ ބޮޑާ ހޭކުމުގެ ރޫޙެއްގައި ފޫހިވާ ގޮތަށް އުޅުމުގައި ހޭދަކޮށްފިނަމަ އަޅުގަނޑުމެންނަށް މިދެންނެވި އުޖާލާ މަންޒަރު ހޯދަން ދަތިވާނެ. އަޅުގަނޑު ހިތުގައި ޝައްކެއް ނިއުފެދޭ ރާއްޖޭގެ ވެރިން ދިވެހި ރައްޔިތުން އެމީހުން ހެޔޮވިސްނާނެ ކަމަށް. މުއީނުއްދީން ރަދުންނާއި ދޮންބަންޑާރައިން ނޫނަސް ވެސް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް ކަނޑައެޅި ކޮންމެ މީހަކު ވެސް އަޅުގަނޑަށް ޔަޤީން ކަށަވަރު މަސައްކަތް ކުރާނީ ދިވެހިންގެ ޙައްޤުގައި ކަމަށް. ދިވެހިގެން ކުރިއެރުމަށް ކަމަށް އެކުރިއެރުން ހޯދަން އަޅުގަނޑުމެންނަށް މިއަދު ލިބިފައި އޮތް އެންމެ ބޮޑު ނަޞީބަކީ އިންޑިއާ. އަޅުގަނޑުމެންގެ އަވަށްޓެރިއެއް އެމީހުން އެދަނީ ތަނަވަސް ވަމުން އެމީހުންނާ އެކީގައި އަޅުގަނޑުމެންނަށް ވެސް ތަނަވަސް ވެވޭނެ " ރައީސް ނަޝީދު ވިދާޅުވިއެވެ.

 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.