
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން އެމަނިކުފާނަށް ތާއިދު ކުރާ މީހުންނާ ބައްދަލު ކުރައްވަން ނިންމަވާފައިވަނީ ސްކައިޕް މެދުވެރިކޮށެވެ. އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:30 ގައެވެ. އެ ބައްދަލުވުމަށް އެމްޑީޕީއާއި ރައީސް ނަޝީދަށް ތާއިދު ކުރައްވާ މީހުން ގެންދަނީ ތައްޔާރުވަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ރައީސް ޔާމީނާއި، ރައީސް ނަޝީދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުންވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ކެންޕޭން ރޭ އިފްތިތާހު ކުރައްވައިފައެވެ. އެމަނިކުފާނުގެ ކެންޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.