ވިޔަފާރި ތަކާއި ތަފާތު ޚިދުމްތައް ދޭ ތަންތަނުން ކޮވިޑް 19 އިން ރައްކާތެރި ވުމަށް ކަނޑައަޅައިފައިވާ އުޞޫލުތަކާއީ ވިޔާފާރީގެ އުޞޫލުތަކަށް ތަބާވާ މިންވަރު ބެލުމަށް ބިޔަ އިންސްޕެކްޝަނެއް ހިންގުމަށް ހަމަޖައްސަވައިފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތްޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) ގެ އޮފިޝަލަކު ވިދާޅުވީ މިއިންސް ޕެކްޝަން ހިންގާނީ މިމަހު ބާރަވަނަ ދުވަހުކަމަށެވެ. މި ބިޔަ އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ހުރިހާ ވިޔަފާރިތަކާއި ޖިމްތަކާއި ސެލޫންތަކާއި މާރުކޭޓްފަދަ ތަންތަންވެސް ހިންގަނީ އުޞޫލުތަކާ އެއްގޮތަށް ތޯ ބައްލަވާނެކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. މިއިނިސްޕެކްޝަންގައި އެޗްޕީއޭގެ އިތުރުން ސިޓީ ކައުންސިލާއި އިކޮނަމިކް މިނިސްޓްރީ އާއި ވެމްކޯ އާއި އެޗްޑީސީ އަދި ފުލުހުން ވެސް ބައިވެރިވާނެ ކަމަށެ އެޗްޕީއޭ އިން ވިދާޅުވިއެވެ.
އިންސްޕްކްޝަންގައި ބައްލަވާނެ ކަންތައްތަކާ ބެހޭ ގައިޑް ލައިންވެސް އިންސްޕެކްޝަންގެ ކުރިން އާއްމު ކުރައްވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. ބައްލަވާނެ ކަންކަމުގެ ތެރޭގައި ސަރުކާރު ކަމާބެހޭ ފަރާތްތަކުން ދެއްވައިފައި ހުއްދަތައް ހުރިތޯ އާއި ވޭސްޓް މެނޭޖް ކުރާގޮތާއި ސްޓާފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކުން ޢަމަލުކުރާނެ އުޞޫލު އެތަންތަނުގައި ހުރީ ކިހިނެއްތޯއާއި މާސްކް އެޅުމާއި ގައިދުރުކަމާއި ސާފްތާހިރުކަމަށް ވެސް ބެއްލެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ސާރވިން އޭރިޔާގައި ގޮނޑި މޭޒު ޖެހިފައިވާ ގޮތަށް ވެސް ބައްލަވާނެކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ
މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރ ސަމާޢު ޝަރީފް ވިދާޅުވީ ވިޔަފާރި ތަކުގެ މަޢުލޫމާތުތައް ސިޓީކައުންސިލްގެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް މާދަމާ ފުރުޞަތު ހުޅުވާލާނެކަމަށެވެ. ވިޔަފާރީގެ މަޢުލޫމާތުތައް ކުރީބައިގައި ލިބުމުން އިންސްޕެކްޝަނަށް ވަރަށްބޮޑަށް ފަސޭހަވޭނެކަމަށް ސަމާޢު ވިދާޅުވިއެވެ. އިންސްޕެކްޝަންގައި، އުޞޫލުތަކާ އެއްގޮތަށް ހުންނަ ތަންތަނަށް ރޭޓިނެއް ކަނޑައަޅައި ސްޓިކައެއް ވެސް ދެއްވުމަށް ވަނީ ހަމަޖައްދސަވައިފައެވެ.