މިއަދުން ފެށިގެން ފަތުރުވެރިންނަށްދުބައި ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމުގެ މިނިސްޓްރީން ބުނިގޮތުގައި ތިން މަހުގެ މެދުކެނޑުމަކަށްފަހު މިއަދުން ފެށިގެން ދުބައިއަށްދާ ފަތުރުވެރިންނަށް ރަތްދޫލައިގެ މަރުހަބާ ކިޔަމުންދާނޭކަމަށެވެ.
ސަރުކާރުން ބުނިގޮތުގައި ފަތުރުވެރިކަން ހުޅުވައިލީ ވަކި އުމުރަކަށް ޚާއްޞަ ނުކޮށް ހުރިހާ އުމުރެއްގެ މީހުންނަށެވެ.
ސަރުކާރާ ހަވާލާދީ މީޑިއާއިން ބުނާ ގޮތުގައި ދުބައިއަށް ދަތުރުކުރާ ފަތުރުވެރިން ހަތަރުކަމަކަށް އިސްކަންދޭންޖެހެއެވެ. ފުރަތަމަކަމަކީ ދުބައިއަށްދާން ވިސާ ހޯދަންޖެހޭތޯ ނުވަތަ ނޫންތޯ ބަލައި ޗެކްކުރުމެވެ. އަދި ދުބައިއަށް ދިއުމުގެ ކުރިން ބުކިންގ ހައްދަންޖެހެއެވެ. ދުބައިއަށް ދާފަހުން ކޮރޯނާވައިރަސް ޖެހިފައި ހުރި މީހެއްކަން އެނގިއްޖެނަމަ ބޭސްފަރުވާއާއި އެހެނިހެން ޚަރަދުތައް ކުރަންޖެހޭނީ އެމީހަކު އަމިއްލައަށެވެ. އަދި ދުބައިއަށް ފުރުމުގެ 96 ގަޑިއިރުކުރިން ކޮންމެ މީހަކުވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ކޮންމެ ފަތުރުވެރިއަކު ދުބައިއަށް ދިއުމާއެކު ޕީސީއާރު ޓެސްޓު ހަދަންޖެހޭނެއެވެ. އަދި ނަތީޖާ ލިބެންދެން އެމީހަކު ހުންނަން ޖެހޭނީ އެކަހެރިކޮށްނެވެ. ޓެސްޓުގެ ނަތީޖާ ނައްސިވެއްޖެނަމަ އެމީހަކަށް ހޮޓަލުގެ ކޮޓަރިން ނިކުމެގެން ބޭނުންތަނަކަށް ދެވޭނެއެވެ. ޕީސީއާރު ޓެސްޓަށް ފައްސިވާ މީހުން ތިބެންޖެހޭނީ އަމިއްލަ ޚަރަދުގައި އެކަހެރިވެގެންނެވެ.
ދުބައިއަށްދާ ފަތުރުވެރިން ފުރުމުގެ ކުރިން މެޑިކަލް ފޯމެއް ފުރަންޖެހެއެވެ. އަދި ކަރަންޓީނު ވާންޖެހިއްޖެނަމަ އެކަން ކުރުމަށް ގަވައިދާ އެއްގޮތަށް އަމަލު ކުރުމުގެ އިގުރާރު ފޯމެއްވެސް ފުރަންޖެހެއެވެ.
އެމިރޭޓްސްގެ ފްލައިޓްތައް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރަންވަނީ ތައްޔާރުވެފައެވެ. ފުލައި ދުބައި 24 މަންޒިލަކަށް އަދި އެމެރެއިޓްސް ދުނިޔޭގެ 76 މަންޒިލަކަށް ދަތުރުކުރަން މިހާތަނަށް ވަނީ ހަމަޖެހިފައެވެ.
ކޮރޯނާވައިރަސްގެ އަސަރު ގައުމަށް ފެތުރިގެންދިޔަކަމަށްވިޔަސް ދުބައިގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ގައުމަށް ފަތުރުވެރިން ގެނެވޭފަދަ ރައްކާތެރި މާހައުލެއް މިހާރު ވަނީ ގާއިމުވެފައެވެ.
ޔުނައިޓެޑް އެރަބި އެމެރޭޓްގެ ދުބައިއަކީ ގައުމުގެ އިގުތިސާދަށް އެންމެ ގިނަ ބޭރުފައިސާ ވައްދާ މަރުކަޒެވެ. މިދިޔައަހަރުވެސް 40 ބިލިއަން ޑޮލަރ ގައުމަށް ވެއްދުމުގައި ދުބައި ހިއްސާވެފައިވެއެވެ.
މިދިޔަ އަހަރު 16 މިލިއަން ފަތުރުވެރިން ދުބައިއަށް ޒިޔާރަތްކުރިއެވެ.
ދުބައިއަކީ ފަހަކަށް އައިސް ފަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.