ރ އަތޮޅުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށް ފިއެވެ. މިފަސް މީހުންނަކީ ދިވެހި ފިރިހެނުންކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ފަސް ދިވެހި ފިރިހެނުންގެ އިތުރުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ އެހެނަމަވެސް ކޯޓް އަމުރާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިރިހެނެއްކަމެއް ނުވަތަ އަންހެނެއް ކަމެއް ހާމައެއް ނުކުރައްވައެވެ. އަދިހައްޔަރުކޮށްފައި ވަނީ ކޮންރަށެއްގެ ބައެއް ކަމެއްވެސް އެމީހުން ހައްޔަރު ކުރީ ކޮން ރަށަކުން ކަމެއްވެސް އަދި ހާމައެއް ނުކުރައްވައެވެ.
ރ އަތޮޅުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނީ އެއަތޮޅު ފަޅުރަށެއްގައި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދެމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަނެކެވެ.
މީގެ ހައެއްކަ މަސް ކުރިންވެސް ރ. އަތޮޅު މަޑުއްވަރީގައި ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅުނު ބަޔަކު އަތުލައިގަތުމަށް ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފައެވެ.
ފުލުހުން ވިދާޅުވެފައި ޖަމާއަތް ހަދައިގެން ރ އަތޮޅުގެ ފަޅުރަށެއްގައި މީހުން ތަކެއް އުޅެމުންދިޔައީ އެއްވެސް ފަރާތެއްގެ ހުއްދައެއް ނަގާގެން ނޫނަކަމަށެވެ. އެއީ ކޮންރަށެއްގެ ބައެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.