އެއްދުވަހަކު ޖުހާގެ ރައްޓެއްސަކު އޭނާގެ އޮޅު ބުޅާ ރީތިކޮށްގެން ހެދުން އަޅުވާތަން ފެނުމުން ރަހުމަތްތެރިޔާ ކުރެން ޖުހާ އަހާލިއެވެ. "ރަހުމަތްތެރިޔާއެވެ. ތީ ކޮން ކަމެއް ހެއްޔެވެ؟ ތިޔަހާ ވަރަކަށް ކަލޭގެ ބުޅާ ތި ރީތި ކުރަނީ ކީއްވެގެން ހެއްޔެވެ؟
ރަހުމަތްތެރިޔާ ވަރަށް ފަޚުރުވެރިކަމާއެކު ބުންޏެވެ. "މިއަދަކީ ވަރަށް ޚާއްސަ ދުވަހެކެވެ. މިއަދަކީ އަހަރެންގެ ބުޅާ ދަސްވެނިވެގެން، އެކަން އާ ކަމަކަށް ވުމުން، 'ގިނިސް ވާރލްޑް ރިކޯރޑްސް'ގެ ފަރާތުން އެމީހުންގެ ރެކޯޑު ފޮތުގައި އަހަރެންގެ ބުޅާގެ ވާހަކަ ލިޔެ ފޮޓޯނަގަން އަންނަ ދުވަހެވެ. މިއީ އަހަރެންގެ ބުޅަލަށް ނުވަތަ އަހަންނަށް އެކަނި ލިބޭ ފަޚުރެއް ނޫނެވެ. އަހަރުމެންގެ މުޅި ތައުލީމީ ނިޒާމަށް ވެސް، އަދި އަހަރުމެންގެ މުޅި ރާއްޖެއަށް ވެސް ލިބޭ ވަރަށް ވެސް ބޮޑު ފަޚުރެކެވެ. މީގެ ކުރިން ބުޅަލެއް ތަޚައްރުޖުވެ ދަސްވެނިވެފައި އޮތީ ކޮން ގައުމެއްގެ ކޮން ތައުލީމީ މުއްސަސާއަކުން، ކޮން ތައުލީމީ ނިޒާމެއްގެ ތެރެއިން ހެއްޔެވެ؟ މިކަމުގެ ސަބަބުން އަހަރުމެންގެ ތައުލީމީ މުއައްސަސާތަކަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ، ބުޅަލަށް ލޯބިކުރާ މީހުން، އެމީހުންގެ ބުޅާތަކަށް ސެޓިފިކެޓު ހޯދައިދިނުމުގެ ފުރުސަތު ލިބޭނެއެވެ. އެހެންވެ، ބުޅާ ކޯސްތަކުގެ ޕުރޮޑަކްޓުތައް ވިއްކައި އެއިން މާއްދީ ރަނގަޅު ފައިދާތަކެއް ހޯދޭނެ ނޫން ހެއްޔެވެ؟"
ޖުހާވެސް ރަހުމަތްތެރިޔާގެ ވާހަކައާ އެއްބަސްވިއެވެ. "ތިޔަ ބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. ތިޔައީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ހަމަ ރަނގަޅު ފައިދާތަކެއް ކުރާނޭ ކަމެކެވެ. މަވެސް ތިކަން ކުރަންވީ އޭ އެބަ ހިތަށް އަރައެވެ. ދާއިރާ ފުޅާކޮށް ކުއްތާއާ އަދި ވެސް އޮޅުކޮށްގެން ގެންގުޅޭ އެހެން ޖަނަވާރުތަކާއި ދޫނިތަކާއި ސޫފިތަކަށް ވެސް ދަސްވެނިވުމުގެ ފުރުސަތު ހުޅުވާލެވިދާނެ ނޫން ހެއްޔެވެ؟ ވަރަށް ވެސް ބޮޑު މާކެޓެއް އޮތްހެން ހީވެއެވެ. ނަމަވެސް ތި ދަސްވެނިވުން އޮންނަނީ ކިހިނެއްކަން އޮޅުންފިލުވަން އަހަރެން ބޭނުމެވެ. އެހެންވެ، ތިކަމުގެ ތަފްސީލު ކިޔައި ދެވިދާނެ ހެއްޔެވެ؟"
ޖުހާގެ ރަހުމަތްތެރިޔާ ބުންޏެވެ. "ތިޔައީ އެއްވެސް ކަމެއް ނޫނެވެ. އަޑު އަހާށެވެ! އަހަރެންގެ ރަހުމަތްތެރިޔަކުގެ ދަރިޔަކު ހަތަރު އަހަރުން ނިންމޭ ކޯހެއް ހަތަރު މަސްދުވަހުން ނިންމި ވާހަކަ އަހަރެން އަޑުއެހީމެވެ. ދެން އެ ރަހުމަތްތެރިޔާކުރެން އެއީ ކިހިނެއްވާ ކަމެއްތޯ އަހާލުމުން އޭނާ ކިޔައިދިނެވެ. އެކަން ހިނގާ ގޮތަކީ ހަތަރު އަހަރުގެ މަސައްކަތް ކުރުކޮށްލަނީއެވެ. އަދި އެކި ބައިތައް އެއްފަހަރާ ކިޔެވޭ ގޮތް ވެސް ހަދަނީއެވެ. އަދި ކިޔަވަން ޖެހޭ ކޯސް ބައެއް ފަހަރު ކިޔަވާ ދަރިވަރަށް ތައްޔާރުވެސް ކޮށްލެވެން ވެސް އޮވެއެވެ. މިފަދަ ގޮތަކަށް ކިޔަވަން ގަސްދުކުރާ ކުދިން، ކޮލެޖަށް ހާޒިރުވާކަށް ނުޖެހެއެވެ. ގޭގައި ތިބެގެން އެކުދިންގެ މަސައްކަތް އެކުދިންނަށް ކުރެވެއެވެ. އަދި އަވަހަށް ނިންމާލެވޭ ކޯހެއްކަމުން، އެހެން މީހުންގެ އެހީ އެކުދިންނަށް ހޯދުމުގެ ފުރުސަތު ވެސް އޮވެއެވެ. އެހެންވެ، އެހެން މީހުން ލައްވާ ކިޔަން ޖެހޭ އެއްޗެހި ކިޔުއްވައި، ލިޔަން ޖެހޭ ލިޔުންތައް ލިޔުއްވޭނެއެވެ. ދެން މިގޮތުގެ މަތިން ކަންތައްކޮށް، ހުރިހާ މަސައްކަތެއް ނިންމާލުމުން، ބޮޑު ހަފުލާއެއް ބާއްވައި އެކުދިންނަށް ސަނަދު ދެވި، އެކުދިންގެ ކަރުގައި، ރަން ހާރެއް ފަދައިން، އެ ސަނަދު އަޅުވާލެވެއެވެ. ފެންނަ ކޮންމެ މީހަކަށް އެކުދިން ވަނީ ދަސްވެނި ވެފައިކަން އެނގޭނެ ނޫން ހެއްޔެވެ؟ އަދި ތައުލީމު ދޭ ފަރާތާއި ތައުލީމު ލިބޭ ފަރާތާއި ދެފަރާތް ވެސް ތިބެނީ ހިތް ހަމަޖެހިފައެވެ. އެއްބަޔަކަށް މުހިއްމީ ފައިސާއެވެ. އެ ފައިސާ އެމީހުންނަށް ލިބެއެވެ. އަނެއް ބަޔަކު ބޭނުމީ ކަރުދާސް ކޮޅެކެވެ، ސެޓުފިކެޓެކެވެ. އެމީހުންގެ ކަރުގައި އެޅުވޭ ގަހަނާއެއް ފަދަ އެއްޗެކެވެ. އެހެންވީ އެމީހުންނަށް އެކަރުދާސްކޮޅުލިބުމުން އެމީހުން ވެސް ތިބެނީ ހިތްހަމަޖެހިފައެވެ. ކިޔެވުމާއި އުނގެނުމަކީ އިލްމީ ގޮތުން މީހާއަށް ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ ކަމެއް ނޫނެވެ. އެއީ ބޭރުފުށުގެ ކަމެވެ. ކޯޓު ފަޓުލޫނު ލައި ޓައި އަޅައި ހައިބަތު ދެއްކޭ ގޮތަށް ގަހަނަވީ ސެޓުފިކެޓު ކަރުގައި އެޅުމުން ކިޔެވުނީ ކަމުގައި ބެލެވެއެވެ."
"ދެން ތިކަމާ ބުޅަލުގެ ދަސްވެނިވުމާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟" ޖުހާ އެއްސެވެ."
ރަހުމަތްތެރިޔާ ޖުހާ ގާތު ބުންޏެވެ. "މިކަން އަހަންނަށް އެނގުމުން، އަހަރެން ހިތަށް އެރީ މިއީ ކިޔަވައި ދަސްވެނިވުމުވުގައި ވަރަށް ވެސް މޮޅުގޮތެއް ކަމުގައެވެ. އެހެނީ މި ފަދަ ކޯސްތައް ފުރިހަމަ ނުކުރެވޭނޭ ބަޔަކު ނޫޅޭނޭކަމެވެ. އިންސާނުން ކީއްކުރަން ހެއްޔެވެ! ޖަނަވާރުންނާ ދޫނި ސޫއްޕަތްވެސް މިކަން ކުރެވޭނެއެވެ. އެހެންވެ، އަޖުމަ ބަލާލުމުގެ ގޮތުން އަހަރެންގެ ބުޅާ އެ ފަދަ ކޯހެއްގައި ރަޖިސްޓުރީ ކުރީއެވެ. އަދި ބުޅާކުރަން ޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރާނޭ ބަޔަކު ހޯދައި އެމީހުން ލައްވާ އެކަން ކުރުވީއެވެ. އަދި ހަތަރު އަހަރުން ނިންމާލެވޭ ކޯސް ހަތަރު މަހުން ނިންމާލެވުނީއެވެ."
ޖުހާ ވަރަށް އުފާވެފައި ބުންޏެވެ. "ސާފު ވެއްޖެއެވެ. އަހަރެން ވެސް މިދަނީ އަހަރެންގެ ގާމާދޫނީގެ ދަސްވެނިވުމުގެ ކަންތައް ހަމަޖައްސާށެވެ. އަދި އެހެނިހެން ޖަނަވާރުންނާއި ސޫފި ސޫފީގެ ދަސްވެނިވުމުގެ މަސައްކަތުގެ އޭޖަންޓަކަށް އަހަރެން ވާނަމެވެ."
މިހެން ބުނެ ޖުހާ ގެއާ ދިމާއަށް ހަލުވިކަމާއެކު ހިނގައިގަތެވެ. އަދި ޖުހާގެ ރަހުމަތްތެރިޔާ އޭނާގެ އޮޅު ބުޅާ ރީތި ކުރުމުގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ފޮޓޯ ހަފުލާއަށް ތައްޔާރު ވުމަށެވެ.