އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ރަށްރަށަށް ބަލި ދިއުން މުޅިން ހުއްޓުވޭނެކަމަކަށް: ޑރ. އަފްޒަލް

ރަށްރަށަށް ބަލި ދިއުން މުޅިން ހުއްޓުވިދާނެ ކަމަށް އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަށު ކަރަންޓީނަށް ފޮނުވީ ދެ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑުމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ މި ބަލި އަޅުގަނޑުމެންގެ ރަށްތަކަށް ދިއުން ސަތޭކަ އިންސައްތަ ހުއްޓުވވާލެވޭނެއެކޭ. އެއީ މިފަދަ ބައްޔެއް ދުނިޔޭގަ އުޅޭއިރުގަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެބަލިތައް ފެތުރޭ ފެތުރުމުގެ މިންވަރު ކުޑަކުރެވިދާނެ. އެއްފަހަރާ ބަލިޖެހޭ މީހުންގެ މިންވަރު މަދުކުރެވިދާނެ." ޑރ. އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ އެއް އަހަރު ދުވަސްވަންދެން ރަށެއް ބަންދުކޮށްފައި ބޭއްވުމަށް ފަހު ހުޅުވާލާއިރަށް ވެސް ދުނިޔޭގައި އެ ބަލި އޮތް ނަމަ އެރަށަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިފަދަ ބަލިތައް އިކިއލިބްރިއަމަކަށް ދާނީ ބަލި ފެތިރިގެންކަން ފާހަގަކުރެއްވިއެވެ.

ވެކްސިނެއް ލިބޭނެކަމަށް އުއްމީދުކުރުވެނު ކަމުގައި ވިޔަސް އަލަށް ވެކްސިނެއް އުފައްދާއިރު އޭގައި މައްސަލަތަކެއް ހުރެދާނެކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. "ވެކްސިނެއް ޓެސްޓުކުރެވި، އެއަށް ލިބެންޖެހޭ އެޕްރޫވަލްތައް ލިބި، އޭގެ ރައްކާތެރިކަމުގެ މިންގަޑުނތަކަށް ފެތި، ދުނިޔޭގަ އެންމެން ބޭނުންކުރާ ލެވެލްއަކަށް އެޕްރޫވަލް ލިބިގެން ދާއިރު. ހަގީގަތުގައި މިހާރު އަދި ވެކްސިނެއް އެޕްރޫވް ވެގެން ދިޔައަސް ކުޑަ މުއްދަތެއްގެ ތެރޭގައި ނެރޭ ވެކްސިންތަކުގަ ފަހުން ވެދާނެ ނޭނގޭ ގެއްލުންތަކެއް ވެސް ހުރޭ." ދރ. އަފްޒަލް ވިދާޅުވިއެވެ.

އަފްޒލް ވިދާޅުވީ ޑެންގީއަށް ވެސް ވެކްސިނެއް އުފެދިގެން ދިޔަ ކަމަށެވެ. ނަމަވެސް އޭރުވެސް ރާއްޖޭގައި އެ ވެކްސިން ބޭނުން ނުކުރަނީ ކީއްވެތީ ސުވާލުވެސް އުފެއްދި ކަމަށެވެ. ނަމަވެސް އޭރު ރައްޖެއިން ނިންމިނިންމުމަކީ ވެކްސިނެއް އަދި ތައާރަފް ކުރިއަކަސް ޑަބްލިއުއެޗްއޯ ފަދަ މުއައްސަސާއަކުން އެ ވެކްސިން ރަނގަޅުކަމަށް އާއްމު އިރުޝާދެއް އައިސްގެން ނޫނީ ބޭނުން ނުކުރާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބަލަބަލާ ތިއްބާ އެ ވެކްސިންގެ އިތުރު މައްސަލަ ނުކުމު އެ ބައްޔަށް އެ ވެކްސިން މިހާރު ބޭނުންނުކުރާ ކަމަށް ވިދާޅުވިއެވެ.

ކޯވިޑަށް ވެކްސިނެއް އުފެއްދިއަސް ބޭނުންކުރެވޭ ހާލަތަށް ދިއުމަށް ދެތިން އަހަރު ނަގާފާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެހެންވީމާ ދެތިން އަހަރު ވަންދެން ރަށް ބަނދުކޮށްގެން ނޫޅެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ސާފުތާހިރު ކަމުގެ މިންވަރު އިތުރުކުރުމަށް ބާރުއެޅުއްވިއެވެ. ބަލި އައުން ހުއްޓުވައިގެން ތިބެވޭނެ ކަމަށް ވިސްނުން ބެހެއްޓުން ރަނގަޅު ނޫން ކަމަށާއި އެއީ ވުން ވަރަށް ނާދިރު ކަމައްކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

އަފްޒަލް ވިދާޅުވީ މަސައްކަތް ކުރައްވަނީ ބަލަނީ ނުފެތުރިވޭތޯ ކަމަށާއި ނަމަވެސް އާޚިރުގަ ނުފެތުރުމަށްވުރެ ގާތީ ފެތުރުން ކަމަށެވެ. އެހެންކަމުން ކުރެވޭނެ ކަމަކީ ބަލި އައިމަ ބަލި ފެތުރުން މަދުކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ބަލި ހުއްޓުވުން އެއީ އެންމެ ބުއްދިވެރި ގޮތް ނޫންކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަފްޒަލް ފާހަގކުރެއްވި ގޮތުގައި ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަލާމާތްވެސް ނުފެނި ބަލި ޖެހޭ މީހުން ކަމަށެވެ.

މީގެ އިތުރަށް ރަށަށް މީހަކު ނާރުވައި، ނުވަތަ ރަށަކަށް ނުގޮސްތިބެވޭނެތޯ އަފްޒަލް ސުވާލުކުރެއްވިއެވެ. "މިފަދަ ތާށިކަމެއްގައި އަޅުގަނޑުމެންނަށް ދެއަހަރު ތިން އހަރު ތިބެވޭނެތޯ. އޭރުން ބަލިން ސަލާމްތްވެފަ، އިގްތިސާދު މުޅިން އިނދަ ޖެހިފަ، ހާލަތު އިތުރަށް ގޯސްވެފަ، ލިބެންޖެހޭ ސިއްހީ ޚިދުމަތްތައް ނުލިބި ވިޔަފާރިތައް މުޅިން ބަނގުރޫޓުވެ ދިއުން. އެހެންވީމާ ބަލަން އެބަހޭތާ ދިރިއުޅުން ކުރިއަށް ގެންދެވޭތޯ ވެސް. ވިޔަފާރިތައް ކުރިއަށް ގެންދެވޭތޯ ވެސް، ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަބުރައިދެވޭތޯ ވެސް." ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށަށް މީހުން އެރުން ހުއްޓުވައިގެން ތިބުމުގެ ބަދަލުގައި މިހާރު އާއްމުދިރިއުޅުމަށް އެނބުރި ދިއުމަށް މަސައްކަތް ފަށަންވީއެވެ. އެގޮތުން ބަލިން ރައްކާތެރިވެ ތިބުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.