
ކޮރޯނާވައިރަސް ޖެހިގެން މަރުވި އެމެރިކާގެ ލައްކައަކަށްވުރެ ގިނަ މީހުންނާމެދު ރައީސް ޓްރަމްޕްގެ ހިތްޕުޅުގައި އޯގާތެރިކަމެއް ނެތްކަމުގައި އެމެރިކާގެ ޚާރިޖީވަޒީރުކަން ކުރައްވާފައިވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.
އެންމެފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހިލަރީ ވިދާޅުވީ ޓްރަމްޕަށް އަމިއްލަފުޅުކަންތައްތައް ފިޔަވައި އެހެން މީހެއްގެ އެއްވެސްކަމެއް އިހުސާސެއްވެސް ނުކުރެއްވޭކަމަށެވެ.
ހިލަރީ ވިދާޅުވިގޮތުގައި ކްރޯނާވައިރަހުން ސަލާމަތްވާން ކުރަންނުޖެހޭ ހުރިހާ ގޯހެއް ޓްރަމްޕް ވަނީ ހައްދަވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ފިޔަވަޅުތައް އެޅުނުނަމަ އެމެރިކާއިން އެހާ ގިނަބަޔަކު މަރުވެގެން ނުދިޔައީހެވެ.
ހިލަރީއާ ކުރިމަތިވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ރައީސް ބިލް ކްލިންޓަން ހިލޭ އަންހެނަކާ ހިންގެވި ޖިންސީ ގުޅުމުގެ މައްސަލާގައި ވަރިވާން ވިސްނާވަޑައިގެންނެވިކަމަށާއި ހޫނު ތެލުގައި ކްލިންޓަން ތެލުލާންވެސް ބޭނުންފުޅުވީކަމަށެވެ. ނަމަވެސް އެވިސްނުން ފަހުން ބަދަލުކުރައްވައި ފިރިކަލުންނަށް މާފުކުރައްވައި އެހީތެރިވެވަޑައިގަންނަވަން ނިންމެވީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާގައި ކޮރޯނާވައިރަސް ފެތުރި ދުނިޔެއަށް ނުރައްކާވަމުން ދިޔައިރު ކޮރޯނާވައިރަހުން އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ޓްރަމްޕް ނާޅުއްވާކަމަށް އެތައް މިލިއަން ބަޔަކު ގަބޫލުކުރެއެވެ. އަދި އެމެރިކާގައި ހަލުއިކަމާއެކު ކޮރޯނާވައިރަސް ފެތުރެން ފެށުމުން ތަޖުރިބާކާރު ސިއްހީ މާހިރުންނާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާ ގަބޫލުނުކުރައްވައި ޓްރަމްޕް ކުރިއަށް ނެރުއްވީ އޭނާގެ ވިސްނުންފުޅެވެ. އެކަމުގެ ސަބަބުން އެމެރިކާއަށާއި އެމެރިކާގެ ރައްޔިތުންނަށް ބަޔާންކުރަން ދަތި ގެއްލުންތަކެއް ލިބިފައިވާކަމަށް ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން ވެސް ވަނީ ވިދާޅުވެފައެވެ.