ކޮރޯނާވައިރަހާ ދެކޮޅަށް ފްރާންސުން ކުރި ހަނގުރާމައިގައި ފުރަތަމަ ފަތަހަ ލިބިއްޖެކަމުގައި ރައީސް އެމެނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.
ޓީވީން ދެއްވި ޚިޠާބެއްގައި ވައިރަސް ދެވަނަ ފަހަރަށް ވެސް އަތުވެދާނެކަމަށް ބަލައި ރައްޔިތުން ތައްޔާރަށް ތިބުމަށް ރައީސް މެކްރޮން އެދިވަޑައިގަތެވެ.
ކޮރޯނާވައިރަހާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތަކަށް ފްރާންސުން މިއަދު ވަނީ ލުއިތަކެއް ދީފައެވެ. އޭގެތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވުމާއި ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުން ވެސް ހިމެނެއެވެ. އަދި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި އާއިލާގެ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތުވެސް މިއަދުން ފެށިގެން ހުޅުވިގެން ހިނގައްޖެއެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ފުރާންސުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ޕެރިހަށް ވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.
ފަރަންސޭސި ރައީސް ވިދާޅުވި ގޮތުގައި ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން ގައުމުގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭންވެސް ފަށާނެއެވެ.
އަނެއްކޮޅުން ޔޫރަޕިއަން ޔުނިއަންގެ 22 ގައުމަކުން މިއަދު ވަނީ ސަރަހައްދު ހުޅުވައި ލުއިތަކެއްދީފިއެވެ.
ޔޫރަޕުގެ ގައުމުތަކުން މިއެޅި ފިޔަވަޅުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ދަތުރުފަތުރަށް ލުޔެއްލިބި ފަތުވެރިކަމުގެ ސިނާއަތަށް ކުރިއެރުމެއް ލިބިގެންދާނެއެވެ. އެތެރޭގެ ދަތުރުފަތުރުތަކަށް ސަރަހައްދު ބަންދުކޮށްގެން އުޅޭތާ ތިންމަހެއްހާ ދުވަސްވެއްޖެއެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން މިއަދު ސަރަހައްދު ހުޅުވިޔަސް ޖޫންމަހުގެ 21 ވަނަ ދުވަހާ ހަމައަށް ފަތުރުވެރިންނަށް ސްޕޭނަށް ނުދެވޭގޮތަށް އެގައުމުން ވަނީ ހަމަޖައްސާފައެވެ.