ރޭޑިއޮލިޖިސްޓުން ފޮނުވައިގެން އަތޮޅު ތަކުގައި މާބަނޑު މީހުންގެ ސްކޭންތައް ކުރިއަށް ގެންދަނީ

 ރޭޑިއޮލިޖިސްޓުން ފޮނުވައިގެން އަތޮޅު ތަކުގައި މާބަނޑު މީހުންގެ ސްކޭންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވައިފައިވާ ކަމަށް ހެލްތްމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ އަތޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތުގައި އެންމެބޮޑު ސަމާލުކަން ދޭންޖެހޭ ބަޔަކީ މާބަނޑު މީހުންކަމަށެވެ. އެހެންކަމުން މާބަނޑު މީހުންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. މާބަނޑު މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ސްކޭން ހެއްދުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މާބަނޑުމީހުން 20 އާއި 24 ހަފްތާގައި ހަދަން ޖެހޭ ސްކޭން އަތޮޅުގެ އެކިހިސާބުތަކުގައި އެކި ރަށްރަށުގެ މާބަނޑު މީހުންނަށް ހެނދޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ރޭޑިއޮލޮޖިސްޓެއް ފޮނުވައިގެން މާލެއަތޮޅުގެ ތިން ރަށެއްގެ މާބަނޑު މީހުންގެ ސްކޭން ހެދުމުގެ އިންތިޒާމު މިހަފްތާތެރޭގައި މާފުށީގައި  ކުރިއަށް ގެންދެވުމަށް ނިންމައިފައިވާކަމަށް ޑީޑީޖީ ނަޔާޒު ވިދާޅުވިއެވެ. މާފުށީގައި ސްކޭން ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމައިވައިފައި މާފުށީގެ މާބަނޑު މީހުންގެ އިތުރުން ގުރައިދޫ އާއިގުޅީގެ މާބަނޑު މީހުންނަށެވެ. މިއުޞޫލުން މާލެ އަތޮޅުގެ އެހެން ރަށްރަށާއި އެހެން އަތޮޅުތަކުގައި ވެސް މާބަނޑު މީހުންގެ ސްކޭންތައް ކުރިއަށް ގެންދަވާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން މާލެ އަތޮޅުގެ މާބަނޑުމީހުންވެސް އެފަދަ ސްކޭން ކުރުމަށް އަންނަނީ މާލެއަށެވެ.

މާބަނޑު މީހުންގެ ސްކޭންގެ އިތުރުން އަންނަ ހަފްތާއިން ފެށިގެން އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޚާއްޞަ ޑޮކްޓަރުން އެކި ރަށްރަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުމުގެ އިންތިޒާމުވެސް އަލުން ކުރިއަށް ގެންދެވުމަށް ނިންމަވައިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އެފަދަ ޚާއްޞަ ޑޮކްޓަރުންގެ ތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން ރަށްރަށް  ވަޑައިގެން މާބަނޑު މީހުން ބެލުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ނަޔާޒު ވިދާޅުވިއެވެ.

މާބަނޑުމީހުންނަށް ޚާއްޞަ އިސްކަމެއް ދީގެން އަތޮޅުތަކުގައި ސްކޭންކުރުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތަކެއް މި ހަމަޖެއްސެވީ މާބަނޑު މީހުންގެ ބަނޑަށް ދަރި މަރުވުމުގެ ހިތާމަވެރި ޙާދިސާ ތަކެއް ވެސް ކޮވީޑްގެ ހާލަތުގައި އަތޮޅުތަކުގައި ހިނގާފައި ވަނިކޮށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.