ކޮވިޑް ފެތުރެމުންދާ މިހާލަތުގައި އެހެން އަހަރުތަކުގެ އީދު ފާހަގަކުރާ ގޮތަށްގިނަ މީހުން އެތަނަކަށް އެއްވެ އީދު ކުޅިވަރުތައް ނުބޭއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފިއެވެ.
ހެލްތްމިނިސްޓަރ މިކަމަށް އިލްތިމާސް ކުރެއްވީ، ކޮވިޑް މެނޭޖްމެންޓް ތިން ފެސިލިޓީއެއް އިފްތިތާޙުކުރުމަށް، ވާޗުއަލްކޮށް ކުރިއަށްގެންދެވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުންނެވެ. މިހާރުގެ ހާލަތަށް ބަލާނަމަ ބައްޔާއި މެދު އިތުރަށް ސަމާލުކަންދީ ރައްކާތެރިވާންޖެހޭކަމަށާއި އެހެންނޫނީ ކުރިއަށް އޮތީ އަމާން ދުވަސްތަކެއް ކަމަށް ނުވެދާނެކަމަށްވެސް މިރޭގެ ރަސްމިއްޔާތުގައި ހެލްތްމިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އީދު ޗުއްޓީގައި ކޮންމެހެން ދަތުރު ކުރަންޖެހޭ ތަންތަނަށް ނުނީ ދަތުރު ނުކުރުމަށް ވެސް ހެލްތް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
ޢީދު ޗުއްޓީއަކީ އެހެންއަހަރުތަކުގައި ވަރަށް އުފާވެރިކޮށް ހޭދަކުރާ ދުވަސްތަކެއް ނަމަވެސް މިފަހަރުގެ ޢިދު ޗުއްޓީއަކީ އެއްބަޔަކު އަނެއްބަޔަކު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅާ ދުވަސްތަކެއް ކަމުގައި ހެއްދެވުމަށް އިލްތމާސް ކުރެއްވިއެވެ.
ފަސޭހަތަކެއް ލިބިގެންދާއިރު ސަމާލުކަން ނުދެވިއްޖެނަމަ ކުރިމަތީގައި އޮތް ދުވަސްތައް ވަކިން ނުރައްކާތެރި ދުވަސް ތަކަށްކަށް ވެދާނެ ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާކަން ތަފާސް ހިސާބުން ހާމަކުރައްވަމުން ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް ހެލްތްމިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ޚިދުމަތްތެރިން ޕޮޒިޓިވްވެ ޚިދުމަތް ނުދެވޭ ކަމަށް ވާނަމަ، އެއީ ދިމާވާނެ ގޮންޖެހުމަކަށް ވާނެކަމަށް ވެސް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ބަލީގެ ކުރީކޮޅު އެތައް ބައެއްގެ ފުރާނަ ގެއްލިދާނެކަމުގެ އިންޒާރު ދީފައި ވަނިކޮށް އެފަދަ ނުރައްކާ ޙާލަތަށް ނުގޮސް މިހިސާބަށް އާދެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުން ކުރި މުހިންމު މަސައްކަތްތަކާއި ރައްޔިތުންކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާ ކިޔަމަންވުމުގެ ނަތީޖާކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިރޭ އިފްތިތާޙްކުރެއްވި ކޮވިޑް މެނޭޖްމެންޓް ތިން ފެސިލިޓީ އަކީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހއ. އިހަވަންދޫގައި ޤާއިމްކޮށްފައިވާ ފެސިލިޓީތަކެވެ.