(3 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އިނގިރޭސިވިލާތުގައި؟"
"ސްކޮލަރޝިޕް؟"
"މެހެމަލް އިނގިރޭސިވިލާތަށް ދަނީތަ؟"
ވާހަކައިގެ ސިލްސިލާ ފެށިއްޖެއެވެ. މެހެމަލް އަނގައިންވެސް ނުބުނެ ކައި ނިމިގެން ތެދުވެގެން ހިނގައްޖެއެވެ.
އޭނާއަށް އަދިވެސް ކަށަވަރު ނުވާ ކަމެއް އެބައޮތެވެ. އިނގިރޭސިވިލާތަށް ދާން ފުރުސަތު ލިބުނީމާ އުފާވީ ހެއްޔެވެ؟ ނުވަތަ ދެރަވީ ހެއްޔެވެ؟ އޭނާއަށް އެ ލިބުނީ އައު ދިރިއުޅުމެއްގެ ފުރުސަތެވެ. އެހެންވީމާ އުފާވާން ވާނެއެވެ. އެކަމަކު އުފާ ނުވަނީ ކީއްވެގެން ހެއްޔެވެ؟ ހިތް ގެނބެމުންދާ ކަމުގެ އިހުސާސް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ މިސްކިތާއި ޢިލްމުގެ ފޮތް (ޤުރްއާން) ދޫކޮށްލާން ޖެހިދާނެއޭ ހިތަށް އެރުމެވެ. ޤުރްއާންގެ ތައުލީމު ފުރިހަމަ ނުވެ އޮވެދާނެއޭ ހިތަށް އެރުމެވެ. އެކަމަކު އެއީ ފަހުންވެސް ކުރެވިދާނޭ ކަމެކެވެ. އިނގިރޭސިވިލާތަށް ދާނޭ ފުރުސަތެއް ފަހަކުން ނުލިބޭނެއެވެ.
އޭނާއަށް ނިދުނީ މި ޚިޔާލުގައި އޮވެއެވެ.
* * *
އޭނާ އުއްމީދުކޮށްގެން ހުރީ މިހާރު ކުރިމަތި ވެފައިވާ މައްސަލަޔާ ގުޅޭ އާޔަތެއް ނުވަތަ އާޔަތްތަކެއް ހެނދުނު ކުލާހަށް ގޮސް ފޮތް ހުޅުވައިލުމާއެކު ފެންނާނޭ ކަމުގައެވެ. އޭނާގެ ސްކޮލަރޝިޕާ ބެހޭ ފިލާވަޅެއް ލިބޭނޭ ކަމުގައެވެ. އެކަމަކު އެހެންނެއް ނުވިއެވެ. މިއަދު ކިޔަވައިދެނީ ބަޤަރާ ސޫރަތުގައި ބަނީއިސްރާއީލުގެ ގަދީމީ ވާހަކައެއް ބަޔާން ވެފައިވާ އާޔަތްތަކެކެވެ.
މިއީ އޭނާއަށް ބޭނުންވާ ޖަވާބެއް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއަދުގެ ފިލާވަޅުގައި ބަޔާން ކުރެވިފައިވާ ވާގިއާތައް އޭނާއަށް ވިސްނޭ މިންވަރުވެސް ވަރަށް ކުޑައެވެ. އޭނާ ސްކޮލަރޝިޕްގެ މަތީން ހަނދާން ނައްތާލައިފައި އެ ވާގިއާގެ މައްޗަށް ސަމާލުކަން ދީފިއެވެ.
ވާގިއާގައި ބަޔާން ވެފައިވާ ގޮތުގައި ޠާލޫތުގެ ލަޝްކަރު ޖާލޫތާ މުގާބިލާއަށް ނުކުމެގެން ދަނިކޮށް ހުރަސް ކުރަން ޖެހުނު ކޯރެއްގެ ޒަރީއާއިން އިމްތިހާނަކާ ކުރިމަތިލާން ޖެހުނެވެ. އެ ކޯރުން އެންމެ އަތްގޮށްޓެއްގެ މިންވަރު ފިޔަވައި ބުއިން ﷲ މަނާ ކުރައްވައެވެ. ﷲ ގެ އަމުރުފުޅާ ޚިލާފަށް ފެން ބުއި މީހުން ކޯރުގެ އައްސޭރީގައި ތިބީއެވެ. ފެން ނުބުއި މީހުން ކޯރު ހުރަސްކޮށް ދިޔައީއެވެ. ހުރަސްކުރި މީހުންގެ ތެރޭގައި ދާވޫދް ޢަލައިހިއްސަލާމް ހިމެނިވަޑައިގަތެވެ. ޖާލޫތު ގަތުލު ކުރެއްވީ ދާވޫދްގެފާނެވެ. (ބަޤަރާ ސޫރަތުގެ 249 ވަނަ އާޔަތުން...)
މި ވާހަކައިގެ ތަފްސީރު ފަށައިގެން ނިމެންދެން ކިޔައިގެންވެސް ކޯރުން ފެން ނުބޯންވީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ. ފެނަކީ ހަރާން އެއްޗެއް ނޫނެވެ. އެހެންވީމާ އެ ބުއިން މަނާވީ ކީއްވެގެން ހެއްޔެވެ؟
އެ ދުވަހު ހަތަރުދަމު އޭނާ ހުރީ އެ ވިސްނުމުގައެވެ. ކައި ނިމިގެން ފޮނި ކާއެއްޗެހި ބަލައި ބަދިގެއަށް އައި އިރުވެސް އެ ފިކުރަކުން ސަލާމަތެއް ނުވެވެއެވެ.
ބަދިގެ އޮތީ ހުހަށެވެ. އޭނާ އައިސްއަލަމާރިން ފޮނި ކާއެއްޗެހި ނަގައި ތަބަކަށް ލައިގެން ބޭރަށް ނުކުމެއްޖެއެވެ. އެ ދުވަހުގެ ފިލާވަޅު އޭނާގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައެވެ.
"ދެން، ލަޝްކަރާއިގެން ޠާލޫތު ނުކުމެވަޑައިގަތްހިނދު..."
އޭނާ ތަބަށް ހިފައިގެން އައިސް ކާކޮޓަރިއަށް ވަދެއްޖެއެވެ. މޫނުމަތީން ފިކުރުގެ އަސަރު ފާޅުވޭވެ ހުއްޓެވެ. މަޑުމަޑުން މޭޒުމަތީގައި ތަބަށް ބަހައްޓައިފިއެވެ. އެއިން ކޮންމެ މީހަކުމެ އޭނާޔާ ދިމާއަށް ނުރުހުމާއި ހަސަދައިގެ ނަޒަރަކުން ބެލިކަމުގައި އިހުސާސް ކުރެވުނެވެ.
"އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ﷲ، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ."
އޭނާ އެންމެ ފުރަތަމަ ފޮނި ކާއެއްޗެހި އަޅައި ދިނީ އާޣާ ކަރީމަށެވެ.
"ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ."
އެޔަށް ފަހު ތަށި އެހެން މީސްމީހުންނަށް އަޅައިދޭން ފަށައިފިއެވެ.
"އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ."
އެންމެ ފަހު މީހާއަށް އަޅައިދިނުމަށް ފަހު ތަށި މޭޒުމަތީގައި ބަހައްޓައިފައި އައިސް ގޮނޑީގައި އިށީނދެއްޖެއެވެ.
"ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ."
އެންމެން ފޮނި ކާއެއްޗެހި ކަނީއެވެ. މުށި ތަށިތަށީގައި އުލާއި ސަމުސާ ޖެހޭ އަޑު ދޭތެރެދޭތެރެއިން އިވެއެވެ. އެ އަޑާއެކު ޤުރްއާނުގެ އަޑުވެސް މަޑުމަޑުން އިވޭ ކަމުގައި އޭނާއަށް އިހުސާސް ކުރެވެއެވެ.
"ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ."
އޭނާ ތަށްޓައް ޕުޑިންކޮޅެއް އަޅައިލިއެވެ.
"ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ."
އޭނާ މަޑުމަޑުން ކަމުން ގެންދިޔައެވެ.
"މެހެމަލް. ފުރަން ޖެހެނީ ކޮން ދުވަހަކު؟"
އާޣާ ކަރީމް މި ސުވާލު ކުރީމާ މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. ހުރިހައި އެންމެންގެ ނަޒަރު ހުއްޓުނީ އޭނާޔާ ދިމާއަށެވެ.
"އޯގަސްޓު މަހުގެ ފަހުކޮޅު."
"އެހެންވީމާ ސެޕްޓެންބަރު މަހުގެ ކުރީކޮޅު ރަށަކު ނުހުންނާނަން ދޯ؟"
"ހުންނާނަން."
"ކީކޭ؟" އާޣާ ކަރީމް ސިހިފައި އަހައިލިއެވެ.
"އަޅުގަނޑު އިނގިރޭސިވިލާތަކަށް ނުދާނަން."
"ކީކޭ؟"
"އެވަރުގެ ބޮޑު ފުރުސަތެއްގެ ބޭނުން ނުހިފައި ދޫކޮށްލާނީތަ؟" ފިޒާ އަހައިލިއެވެ.
"މިހާރު ދޫކޮށްލައިފިން."
"އެއީ... އެއީ ކީއްވެގެން؟"
އޭނާ ތުންފުހި މޭޒުމަތީގައި ބާއްވައިފައި ތެދުވެއްޖެއެވެ.
"އެއީ ކޮންމެ ކޮންމެ ތަނަކީ މަޑުކޮށްގެން ތިބޭން އޮންނަ ތަނަކަށް ނުވާތީއެވެ. އަހަރެން އެ ކޯރުން ފެން ބޮއިފިއްޔާ މުޅި އުމުރު ދުވަހު ހުންނާން ޖެހޭނީ އެ ކޯރުގެ އައްސޭރީގައެވެ. ޠާލޫތުގެ ލަޝްކަރު ކުރިއަށް ގޮސް އޮބައިލާނެއެވެ. ބައެއް ހަލާލު ތަކެތި ޚާއްސަ ސަބަބުތަކަކަށްޓަކައި ބައެއް ފަހަރު ވަގުތީ ގޮތުން ހަރާން ވެއެވެ. އެކަހަލަ ވަގުތުތަކުގައި އަމިއްލަ ނަފުސަށް އިސްކަން ދީފިއްޔާ ހެޔޮކަންތައް ކުރާ މީހުން ކުރިއަރައިގެން ހިނގައިދާނެއެވެ. ކޯރުގެ އައްސޭރީގައި އުމުރު ދުވަހު ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ ދާވޫދަކަށް ވާށެވެ. އަހަރެން ބޭނުންވަނީ ޖާލޫތު މަރައިލާށެވެ."
އޭނާ ވިސްވަމުން ދިޔައެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ.
"އަހަރެން ބޭނުން ވަނީ ޤުރްއާން ކިޔަވަން." އޭނާ ދިގު ފިޔަވަޅުތަކެއް އަޅަމުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
* * *
ހަވީރު ފިނި ވައިރޯޅިތައް މެހެމަލްގެ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ. އޭނާ އިނީ ޓެރަސްގައި އިށީނދެގެން އުޑާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަތުގައި ސައިތަށްޓެއް ހުއްޓެވެ. ދޫނިތައް އެސޮރުމެންގެ ހާލިތަކާ ދިމާއަށް މިސްރާބު ޖަހަމުންދާތަން ފެނެއެވެ.
ޓެރަސްގައި ހުންނަ އިރު ޖެހިގެން ހުރި ގޭގެ ގޯތި ތެރެ ވަރަށް ރީތިކޮށް ފެނެއެވެ. އެއީ މީގެ ކުރީން ދުވަހަކު ފޮތްފޮށި ކިޔަވަނިކޮށް އޭނާއަށް ފެނުނު ގެއެވެ. ކޮންމެވެސް ބްރިގޭޑިއަރެއްގެ ގެއެވެ. އޭނާގެ ހިތަށް އެރިއެވެ. ޤުރްއާނަށް އަހަރެމެން މި އުޅެނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ ބާވައިލެއްވި މަގުސަދު ނޫން އެހެން އެތައް ކަމެއްގައި އެ ފޮތް ބޭނުން ކުރަމުން ދަނީއެވެ.
ކޮންމެވެސް ކަހަލަ ޚިޔާލެއް ކުރެވުމާއެކު އޭނާ ސައިތަށި ބިންމަތީގައި ބަހައްޓައިފައި ތެދުވެއްޖެއެވެ. އެނބުރިލީ ވަގުތު ކުރިމަތީގައި ހުއްޓާ ފެނުނީ ފަވާދެވެ. އޭނާ ބިރުން ފަހަތަށް ޖެހިލިއެވެ.
ފަވާދް ހުރީ ތިރިއަށް ފައިބާން ހުރި ސިޑީގެ ދޮރުމަތީގައެވެ. ހަށަން ބަނދެލައިގެންނެވެ.
"އަހަރެން ދެކެ ބިރުން ފިލަފިލައިގެން އުޅެނީ ކީއްވެގެން؟ އަހަރެންގެ އެއްވެސް ކުށެއް ނެތްކަން މެހެމަލަށް ރަނގަޅަށް އެނގޭނެ."
އޭނާ އަނގަޔަކުން ނުބުނެއެވެ.
"މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރު އަހަރެން ބަސްހުއްޓާ ތާގައި މެހެމަލަށް އިންތިޒާރު ކުރާނަން. އަހަރެން ދައްކަން ޖެހޭ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް. އަހަރެންގެ ވާހަކަ އަޑު އަހާނެ ކަމަށް އުއްމީދު ކުރަން." މިހެން ބުނެފައި އޭނާ އެއް ފަރާތަށް ޖެހިލައި މެހެމަލަށް ތަން ދައްކައިފިއެވެ.
އޭނާ ފަވާދާ ދިމާއަށް ބަލައިވެސް ނުލައި ފައިބައިގެން ހިނގައްޖެއެވެ.
އޭނާ އޮތީ ވަޢުދެއެް ވެފައެވެ. އެ ވަޢުދު އުވައިލުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ސިޑިން ފައިބަމުން ދިޔައިރު ހިތަށް އެރިއެވެ. އެ ވަޢުދުން މިންޖު ވެގަންނާން އެބަޖެހެއެވެ. ވަޢުދާއެކު އުޅުމަކީ އުނދަގޫ ކަމަކަށް މިހާރު އެބަވެއެވެ. ބޭރުގައި އެއް ފަހަރު ފަވާދާ ބައްދަލު ކޮށްލުމުގައި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ ހަމަ އެންމެ ފަހަރަކުއެވެ. މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރު... ނޫނެކެވެ. އަހަރެން ވަޢުދު އުވައެއް ނުލާނަމެވެ. ހުވަޔަކާ ޚިލާފެއް ނުވާނަމެވެ. އޭނާ ބިރުން އިސްޖަހައިލިއެވެ. ހިތަށް އެރި ވާހަކަތަކެއްގެ ސަބަބުން ހަށިގަނޑުގައި ބިރުގެ ރާޅެއް ދަތުރުކުރިހެން ހީވިއެވެ. އޭނާ ތިރިއަށް ފޭބި ބޭނުން ހަނދާންވީ ދެނެވެ. ފޮތްފޮށި ކިޔެވި ގެ... އޭނާގެ ބޭނުން ހަނދާނަށް އަތުވެއްޖެއެވެ.
އޭނާ ގެއިން ބޭރަށް ނުކުމެއްޖެއެވެ.
ޖެހިގެން ހުރި ގެއަކީ ވަރަށް ރީތި ބޮޑު ގެއެކެވެ. ދޮރާށީގެ އެއް ފަރާތުގައި ރަނގަބީލެއް ހުއްޓެވެ. އޭނާ ރަނގަބީލަށް ފިތައިލިއެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އެބަ އިވެއެވެ. އިރުކޮޅަކުން ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ އެ ގޭގެ ނޯކަރެކެވެ.
"އާދެ... ވިދާޅުވޭ."
"ބްރިގޭޑިއަރު ސާހިބް އެބަ އުޅުއްވާތޯ؟"
"ނޫޅުއްވާ. ތިޔައީ ކޮން ބޭފުޅެއްތޯ؟"
"އަހަރެންގެ ނަމަކީ މެހެމަލް އިބްރާހީމް. އަހަރެން އުޅެނީ ޖެހިގެން އެހެރަ އާޣާ ހައުސްގައި. މި ލިޔުންތައް ބްރިގޭޑިއަރާ ހަވާލު ކޮށްލާތި. ވިދާޅުވެފައި އަނބުރައި ދެއްވާން ވާނެއޭ ދަންނަވާތި. އަހަރެން ފަހުން ބަލައި އަންނާނަން. އަހަރެން ކަލެޔާ މި ހަވާލު ކުރަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. ޒިންމާއެއް. ކޮންމެ މަސްއޫލިޔަތަކީ އަމާނާތެއް. އަމާނާތަށް ޚިޔާނާތްތެރި ވެއްޖެއްޔާ ޞިރާޠު މަގު ގިރައެއް ނުކުރެވޭނެ. ހަނދާން ކުރާތި."
އޭނާ ދެތިން ލީފްލެޓް އެމީހާޔާ ހަވާލު ކޮށްފިއެވެ. އެމީހާ ބިރުން އާދެ... އާދެ... އޭ ކިޔަމުން ވަދެގެން ހިނގައްޖެއެވެ.
* * *
އެ ހަވީރާއި އެރެއާއި އަނެއް ދުވަހުގެ ހެނދުނަކީ އޭނާއަށް ވަރަށް ބަރު ވަގުތުތަކަކަށް ވިއެވެ. އެ ރޭ އެންމެ ލޮލުފިޔައެއްވެސް ޖަހައެއް ނުލެވެއެވެ. އެނދުގައި ދެއަތަކަށް ފުރޮޅިލަފުރޮޅިލާ އޮތީއެވެ. އޭނާގެ ކުރިމަގު ފެންނަނީ ފުސްގަނޑެއްގެ ތެރެއިން ފެންނަ ހިޔަންޏެއް ކަހަލަ ގޮތަކަށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަޝްވަރާ ކުރާނީ ކާކާ ހެއްޔެވެ؟
ޖަވާބަކާ މެދު ވިސްނާކަށް ނުޖެހެއެވެ. ހެނދުނު ތެދުވިއިރު އޭނާގެ ޚިޔާލު ހުރީ ވަޢުދު އުވައިލުމާ ދިމާއަށް އެނބުރިފައެވެ. އެހެންވީމާ އޭނާ ގަސްތު ކުރީ ހުރިހައި ކަމެއް ﷲއަށް ދޫކޮށްލާށެވެ.
ކުލާހުގައި ބަޤަރާ ސޫރަތް ނިމުނީ އިއްޔެއެވެ. މިއަދު ފެށްޓީ އާލްޢިމްރާން ސޫރަތެވެ. މިއަދު އޮތީ ސޫރަތުގެ ފުރަތަމަ އެގާރަ އާޔަތެވެ. އެ އެގާރަ އާޔަތުން އޭނާގެ މައްސަލައިގެ ހައްލު ފެންނާނޭ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އޮތެވެ. އޭނާ ފޮތް ހުޅުވައިލިއެވެ.
އެ އާޔަތްތައް ދެތިން ފަހަރު ކިޔައިލިއެވެ. އާޔަތްތަކުގައި ހުވައެއްގެ ވާހަކައެއް، ވަޢުދެެއްގެ ވާހަކައެއް ނެތެވެ. ހުވަޔާ ޚިލާފުވީމާ އަދާ ކުރާން ޖެހޭ ކައްފާރާގެ ވާހަކައެއްވެސް ނެތެވެ.
"ކައްފާރާ..." އޭނާ ސިހުނެވެ. "އަހަރެން ބޭނުން ވަނީ ހުވަޔާ ޚިލާފު ވާން ހެއްޔެވެ؟ ވަޢުދު އުވައިލާން ހެއްޔެވެ؟"
(ނުނިމޭ)
Miraajjeygai migotha quran kilaaahe nuhingatho. Varah dhaahivvejje thafseer kiyavanves
konme dhuvahaku nimenee kiyaahithun huutttai. vvv. Reethi