
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން "ތަޖުރިބާ ސިނކުޑިތަކެއް" މި ނަމުގައި މުސްކުޅިންގެ ހަވީރެއް މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ބާއްވާ މުސްކުޅިންގެ ހަވީރު ކުރިޔަށްދާނީ މާދަމާ ހަވީރު 4 އިން 6 އަށެވެ. އެޗްޑީސީން ބުނީ މުސްކުޅިންގެ ހަވީރެއް ބޭއްވުމުގެ ބޭނުމަކީ މުޖްތަމައުގައި ދުވަސްވީ މީހުންގެ ރޯލު ބޮޑުވެފައި، އެމީހުންނަކީ ތަޖުރިބާހުރި ބަޔަކަށްވާތީ ދުވަސްވީ މީހުންގެ މުހިންމުކަން އަންގައިދިނުން ކަމަށެވެ.
ދުވަސްވީ މީހުންގެ މި ހަވީރުގައި ކަސްރަތު ކުރާނެ ގޮތް ކިޔައިދިނުމާއި ޑައިޓް ކުރުމުގެ މައުލޫމާތު ދިނުމުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހެލްތް ސްކްރީނިންގވެސް ކުރިޔަށް ގެންދިޔުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހި ދުވަސްވީ މީހުންނަށް ދައްކާލުންވެސް އޮންނާނެ އެވެ.