ކައުންސިލްތަކުގެ މުއްދަތު ދަންމާލުމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙު މަޖިލީހުހެމަޖިލީހުން ފާސްކޮށްފި އެވެ. ޤާނޫނޫ އަސާސީއަށް ގެނައި އިޞްލާޙު މަޖިލީހުން ފާސްކުރެއްވީ 74 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
ބިލް ފާސްކޮށްފައި ވަނީ މުޅިމަޖިލީހުގެ ކޮމެޓީން ފާސްކުރެއްވި ގޮތަށެވެ. އެއީ އެބިލްގެ އެއްވަނަ ނަމްބަރު އުނިކުރުމަށާއި ސުޕްރީމް ކޯޓްގެ ލަފަޔާ އެއްގޮތަށް ތިން ވަނަ މާއްދާގެ ފަހަތަށް 3.2 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ. އެއީ ޤާނޫނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރު ކުރުމަށެވެ. އެގޮތުން އިތުރުކުރި (ޅ) ބުނެފައިވަނީ އެމާއްދާގެ (ނ) ގައި އެހެން ގޮތަކަށް އޮތްނަމަވެސް 3 ޖޫންގައި 2017 ގައި އިންތިޚާބުކޮށްފައިވާ ކައުންސިލް ތަކުގެ ޢުމުރު ހަމަވާއިރު އެކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ނުކުރެއްވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވައި އަލަށް އިންތިޚާބު ކުރެވޭ މެމްބަރުން މަޤާމާ ހަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ، މަޤާމުގައިތިބި އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން، މަޤާމުގައި ދެމި ތިބޭނެކަމަށެވެ. އަދި (ކ) ގެ ގޮތުގައި އެމާއްދާގެ ޅ. ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގަ މިއި މަޤާމުގައި ދެމިތިބި މެމްބަރުން ޢަމަލު ކުރާނޭ އިންތިޤާލީ އުޞޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެކަމަށެވެ.
މިރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އެމްޑިޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން ޤަވާއިދުވެސް ބަދަލު ކުރެވެން އޮތްކަމާއި އަދި ޤާނޫނު އަސާސީ އިޞްލާހު ކިރެވެންވެސް އޮތްކަން ރައްޔިތުންނަށް ހަނދާން ކޮށްދެއްވައިފައެވެ. ނަމަމެސް އެމްޑިޕީ މެމްބަރުން އެގޮތަށް ކަންތައް ކުރައްވަން ބޭނުން ފުޅުނުވިކަމަށެވެ. މަޖިލީހުގެ ޤަވާޢިދުގައި ތިން ދުވަހުގެ މުއްދަތު ބޭނުންވަނީ އިޞްލާހު ހުށަހެޅުމަށްވާއިރު އިޞްލާޙެއްވެސް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފައި ނުވާކަމަށެވެ.
ޤާނޫނޫ އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލް ސުޕްރީމް ކޯޓްގެ ލަފަޔާއެއް އެއްގޮތަށް އިޞްލާޙުކޮށް މުޅި މަޖިލީހުގެ ކޮމެޓީން ވަނި މިދިޔަ ހުކުރުދުވަހުގެ ރޭގެ ޖަލްސާގައި ފާސްކުރައްވައިފައެވެ. ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ބިލަށް ވޯޓަށް ނޭހުނީ މައިނޯރިޓީ ލީޑަރ އެކަމަށް އެއްބަސްވެ ވަޑައި ނުގެންނެވުމުންނެވެ.މަޖިލީހުގެ ޤަވާޢިދުގައި ބުނަނީ މަޖިލިހުގެ ކޮމިޓީއަކުން ފާސްކުރާ ރިޕޯޓަކާ ގުޅޭ ގޮތުން މަޖިލިހުގައި ބަހުސްކުރެވޭނީ އެރިޕޯޓެއް ފާސްކޮށް، މެންބަރުންނާ ހަމައަށް ފޮނުވާތާ ތިން ދުވަސް ފަހުން ކަމަށެވެ. އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގަތުމުން ކަމަށެވެ. މައިނޯރިޓީ ލީޑަރ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެއްބަސްވެވަޑައިގެންނެވީ ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް މަޖިލީހުގެ ޤަވާޢިދުގައި ބުނާ އާންމު އުޞޫލުން ކުރިއަށް ގެންދެވުމަށެވެ.